ބީއެމްއެލް ސްކޮލާޝިޕް ފަންޑް 2024 ގެ ދަށުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބޭ ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް އިން ހޮވައިފިއެވެ.
ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި ސްކޮލަރޝިޕަށް ހޮވިފައިވާ ދަރިވަރުންނަކީ ރީޝަމް މުޙައްމަދު، ނޫރްހާން މުޙައްމަދު މޫސާ އަދި ޢާއިޝަތު ޝަރާ ނަޞީރުއެވެ.
މި ސްކޮލާޝިޕަކީ ތައުލީމީ ގޮތުން އެންމެ މަތީ ނަތީޖާ ހޯދާފައިވާ، ދިވެހިރާއްޖޭގެ ބޭންކިންގ އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން ބޭންކިންގ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ހުރިހާ ހަރަދެއް ބޭންކުން ހަމަޖައްސައިދޭ ސްކޮލާޝިޕެކެވެ.
ދަރިވަރުންނަށް ސްކޮލާޝިޕް ދިނުމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފު ވިދާޅުވީ ގާބިލު ޒުވާނުންނަށް އިންވެސްޓް ކުރުމަށް ބީއެމްއެލް އިން ނުހަނު ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އަދި މި ސްކޮލާޝިޕްތަކަކީ ހަމައެކަނި ދަރިވަރުންގެ ފަރުދީ ކުރިއެރުމަށް ލިބޭ ފުރުސަތެއްގެ އިތުރުން މިއީ ރާއްޖޭގެ ބޭންކިންގ އަދި ފައިނޭންސް ދާއިރާ ހަރުދަނާ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަންވެސް ޝަރީފް ފާހަގަ ކުރެއްވިއެވެ.
2022 ވަނަ އަހަރު ތައާރަފްކުރި ބީއެމްއެލް ސްކޮލާޝިޕްގެ ދަށުން މިހާތަނަށް ހޮވުނު 6 ދަރިވަރުން އަންނަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ އެންމެ މަތީ ފަންތީގެ ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލުކުރަމުންނެވެ.

