ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ނާކާމިޔާވުބުވުމާއި އެކު، ވެރިކަމުގެ އިތުރު ދައުރެއް ނުލިބޭނެކަން އެމްޑީޕީއަށް ޔަގީންވުމުން ދެން ފެށީ ގައުމު ބަނގުރޫޓު ކުރުމުގެ މަސައްކަތްކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި މަމްދޫހު ވިދާޅުވީ ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ މުޅި ރާއްޖެއަށް ދިމާވެފައިވާ އެތައް މައްސަލައެއް ހައްލު ކުރެއްވުމަށް ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން ގައުމު ގެންގޮސްފައިވާ ގޯސް މަގުން ސަލާމަތްކޮށް ގާނޫނީ ގޮތުން ވެސް ގެންނަން ޖެހޭ އެތައް އިސްލާހުތަކެއްގެ މަސައްކަތް ކުރެވި ތަންފީޒު ކުރެވެމުންދާކަމަށް މަމްދޫހު ވިދާޅުވި އެވެ.
ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތް ފާހަގަކުރައްވައި މަމްދޫހު ވިދާޅުވީ، އެމްޑީޕީން ހަތަރު އަހަރު ކެނޑިނޭޅި ފައިސާ ޗާޕު ކުރުމުގެ ސަބަބުން ގައުމުގެ އިންފްލޭޝަން އޮތީ އިންތިހާއަށް އުފުލިކަމަށެވެ. އަދި ފައިސާ ދައްކާނެ ގޮތެއް، ނުވަތަ ގައުމަށް އާމްދަނީ ލިބޭނެ އިތުރު އެއްވެސް މަގެއް ނުހޯދައި މިލިއަނުން ލޯނު ނަގަމުން ދިއުމުގެ ގެއްލުމާއި ބުރަ މި ސަރުކާރުން އުފުލަން ޖެހިފައިވާކަމަށެވެ.
މަމްދޫހު ވިދާޅުވީ 19 ވަނަ މަޖިލީހުގައި އޮތީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީއެއްކަމަށްވުމާއި އެކު އޭގެ ނާޖާއިޒް ފައިދާ ނަގައި ސަރުކާރުން ބޭނުންވާ ބިލުތަކުގެ މަސައްކަތް ކުރީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ނުހޯދައި ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެއްވެސް މިންވަރަކަށް ސަމާލުކަމެއް ދީފައި ނުވާކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރުން ހަރަދަށް ޒިންމާވުމުގެ ގާނޫނު، 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތީތީ ޕެރަލައިޒްކޮށް ފައިސާ ޗާޕު ކުރަމުން ދިޔައީ.. އޭރު އަޅުގަނޑުމެން އިދިކޮޅުގައި ތިބެގެން އެކަން ނުކުރާށޭ، އާދޭސް ދަންނަވަމުން ދިޔައިން.. އެހެން ނަމަވެސް ކަންކަން ކުރަމުން ދިޔައީ އެމްޑީޕީގެ އިސްވެރިންނަށް މަންފާވާނެ ގޮތަށް މަސައްކަތް ކުރަމުން ދިޔަތަން
މަމްދޫހު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި 8 ބިލިއަން ރުފިޔާ ޗާޕު ކުރިއިރު، ރާއްޖެ ފަދަ އިމްޕޯޓަށް އެއްކޮށް ބަރޯސާވެފައިވާ ގައުމަކަށް ޑޮލަރުގެ ދަތިކަން ޖެހި އަގު އުފުލިގެން ދިޔަކަމަށެވެ. މިއީ ދުވަހަކު ވެސް ހަނދާން ނައްތާލައިގެން ވާނެ ކަންކަން ނޫންކަމަށާއި، އެމްޑީޕީގެ ފަސް އަހަރުގެ ތެރޭގައި ގައުމަށް ޖެއްސި ހާލަތުގެ ވާހަކަ އަބަދުވެސް ދައްކަން ޖެހޭކަމަށް މަމްދޫހު ވިދާޅުވި އެވެ.
މީގެއިތުރުން މަމްދޫހު ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާއި އެކު، އިތުރު ދައުރެއް ނުލިބޭނެކަން އެމްޑީޕީއަށް ޔަގީން ކުރެވުނު ކަމަށެވެ. އެހެންވެ ރިޔާސީ ކެމްޕެއިން ހުއްޓާލައި ދެން ފެށީ ގައުމު ބަނގުރޫޓުކޮށްލުމުގެ މަސައްކަތްކަމަށް މަމްދޫހު ވިދާޅުވި އެވެ.

