ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާއި ހިލާފުވާ ކުންފުނިތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމުގައި އަމަލު ކުރަން ޖެޒެޓުކޮށްފައިވާ އުސޫލުތަކާއި ކުންފުނިތަކުން މިނިސްޓްރީ ދެމެދު ވެފައިވާ އެއްބަސްވުމާއި ހިލާފުވާނަމަ ނުވަތަ އެއަށް އަމަލު ނުކުރާ ކުންފުނިތަކަށް ގަވައިދުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލުގެ 19 ވަނަ މާއްދާއަށް އަމަލުކޮށްފައި ނުވާ ކުންފުނިތަކާއި މެދު ފިޔަވަޅު އަޅާނެކަމަށާއި، އޭގެ ތެރޭގައި ހުއްދަ ބާތިލު ކުރުން ވެސް ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ އުމްރާވެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިނިސްޓްރީން ކުރަމުން ގެންދާނެކަމަށެވެ.
އުމްރާއަށް މީހުން ގެންދިއުމުގައި ކުންފުނިތަކުން މަކަރާއި ހީލަތް ހަދާ މައްސަލަތައް ވަރަށް ގިނައިން ފެންމަތިވެ އެވެ. އޭގެ ތެރޭގައި ފައިސާ ނަގައި، އެންމެ ފަހު ވަގުތު އިންތިޒާމުތައް ހަމަނުޖެހޭކަމަށް އެންގުމައި އެނބުރި އައުމަށް ޓިކެޓު ނަގާފައި ނެތުން ފަދަ ގިނަ މައްސަލަތައް ހިމެނެ އެވެ. އާންމުކޮށް މައްސަލައެއް ފެންމަތިވެގެން އަންނައިރު، އެ ކުންފުންޏަކާއި ގުޅޭގޮތުން ކުރީ އަހަރު ވެސް ޝަކުވާތައްކޮށްފައި ހުރެއެވެ.
މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަނީ ހާއްސަ އުސޫލެއް ހަދައި، އުމްރާއަށް ގެންދާ ކުންފުނިތަކުން މިނިސްޓްރީގެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭ ގޮތަށް ބަދަލު ގެނެސްފަ އެވެ.
މި ގަވައިދު ބުނާ ގޮތުގައި އެއްވެސް ސިފައެއްގައި އުމްރާގެ އަޅުކަން ހިމެނޭ ގޮތަށް ދަތުރު ރާވައި ފައިސާ ނަގައި އުމްރާގެ ހިދުމަތް ދޭންވާނީ އުސޫލުގެ ދަށުން ނަގާ ހުއްދައާއި އެކުއެވެ. އެގޮތުން ހުއްދަތައް ދެ އަހަރުގެ މުއްދަތަކަށް ދޫކުރުމުން، ދެން އޭގެ ފަހުން ޖެހޭނީ އަލުން ހުއްދައަށް އެދި ހުށަހަޅާށެވެ.
އުސޫލުގައި ބުނެފައިވާ ގޮތުން އެއްބަސްވުމާއި ހިލާފުވެއްޖެ ނަމަ އެ އަމަލެއްގެ ކުޑަ ބޮޑު މިނަށް ބަލައި 100،000 ރުފިޔާއާއި 500،000 ރުފިޔާއާއި ދެމެދުގެ އަދަދުކުން ޖުރިމަނާ ކުރެވިދާނެ އެވެ.
މީގެ އިތުރުންވެސް އުސޫލާއި ހިލާފުވާ ފަރާތްތަކަށް ޖުރިމަނާގެ ބޮޑެތި އަދަބުތަކެއް އުސޫލުގައި ވަނީ ހިމަނާފައެވެ. އެގޮތުން ވުޒާރާއާއި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުންޏާމެދު ސޮއިކުރާ އެއްބަސްވުމާއި ކުންފުންޏަކުން ޚިލާފުވެއްޖެ ނަމަ، އެ މައްސަލައެއްގެ ކުޑަ ބޮޑު މިނަށްބަލާ 1،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ކުންފުންޏެއް ޖޫރިމަނާކުރެވެއެވެ.
މީގެ އިތުރުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އޮތް ކުންފުންޏަކުން ހުއްދައިގެ މުއްދަތުގެ ތެރޭގައި މަކަރާއި ހީލަތް ހެދުމުގެ އެއްވެސް ޢަމަލަކާއި ގުޅޭ މައްސަލައެއް ހުށައަޅައިގެން އެ މައްސަލަ ބަލަމުންދާނަމަ، އެ ފަރާތެއްގެ ހުއްދަ ވަގުތީ ގޮތުން ސަސްޕެންޑު ކުރުމުގެ އިޚުތިޔާރުވެސް މި އުސޫލުގެ ދަށުން ވުޒާރާއަށް ލިބިގެންދާނެއެވެ. މީގެ އިތުރުން މި އުސޫލުގެ އެއްވެސް މާއްދާއަކާއި ޚިލާފުވެއްޖެނަމަ އެ ކުންފުންޏަކަށާއި އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އެއްވެސް ފަރާތެއް ހިމެނޭ ކުންފުންޏަކަށް ކުރިއަށް އޮންނަ ތިން އަހަރު ދުވަހު ޢުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދަ ނުދެވޭނެކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން މި އުސޫލާއެކު އަހަރުގެ ކޮންމެ ހިސާބަކުވެސް އުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯސަލް ހުށައެޅޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. މިއީ އުމްރާއަށް މީހުން ގެންދާ ފަރާތްތަކަށް ލިބިގެންދާނެ ލުއިއެއްކަން ފާހަގަކޮށްލެވެއެވެ.

