ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާރިސާތަކުން ލިބޭ ގެއްލުމުން ރައްކާތެރިވާން ހަ އަހަރުގެ ސްޓްރެޓަޖީއެއް!

ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް ބައްދަލުވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން، މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024 – 2030 ފާސްކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި ކައުންސިލްގެ ބައްދަލުކުރެއްވުން ކުރިޔަށް ގެންގޮސްފައި ވަނީ މިއަދު އެވެ.

މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީގެ މައިގަނޑު މަގްސަދަކީ މޫސުމީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކުރިމަތިވެދާނެ ކާރިސާތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެށްޓާއި ބިނާވެށި ރައްކާތެރިކުރުމާއި، ރައްޔިތުންގެ ގެދޮރާއި މުދާ ހިމާޔަތްކުރުމާއި، ކާރިސާތަކަށް ކުރިއާލާ ތައްޔާރުވުމާއި، ކާރިސާތަކަށް ވިލުންތެރި މުޖުތަމައުއެއް ބިނާކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމެވެ.

މި ސްޓްރެޓަޖީ ތަސްދީގުކުރުމުގެ ސަބަބުން ގުދުރަތީ ކާރިސާތަކުން ލިބިދާނެ އަދި ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، މި ދާއިރާއިން އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެއެވެ. އަދި މިފަދަ ސްޓްޓެޖީއެއް އެކުލަވާލައި ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން ފާސްކުރަން ނިންމެވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި އަދި ބިންތިރި ޖަޒީރާ ގައުމުތަކަށް ލިބޭ ގެއްލުމާއި ގުޅޭގޮތުން ބައިނަލްއަގްވާމީ މައިދާނުގައި އަބަދުވެސް ވަކާލާތުކުރާ ގައުމެއްގެ ހައިސިއްޔަތުން، މިފަދަ ސްޓްރެޓަޖީއެއްގެ ސަބަބުން މިކަންކަމަށް ވަކާލާތުކޮށް އަޑުއުފުލުމުގެ ފުރުސަތު އިތުރުކުރެވިދާނެތީއެވެ.

މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީއެއް އެކުލަވާލުމަކީ، 2030 ވަނަ އަހަރު އައުމުގެ ކުރިން ގައުމުތަކުގައި ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީތައް އެކުލަވާލަން ޖެހޭނެކަމަށް ސެންޑައި ފްރޭމްވޯރކް ފޯރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން (2015-2030) ގައި ބަޔާންކޮށްފައިވާ 7 ލަނޑުދަނޑި ތަކުގެ ތެރެއިން ލަނޑުދަނޑި 5 ގައި ހިމަނައިފައިވާ ކަމެކެވެ.

ޑިޒާސްޓަރ ރިސްކް ރިޑަކްޝަން 2015-2030 ގެ ސެންޑައި ފްރޭމްވޯރކް ފާސްކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާރިޗު މަހުގެ 18 ވަނަ ދުވަހު ޖަޕާނުގެ ސެންޑައިގައި ބޭއްވި އ.ދ.ގެ ތިންވަނަ ވޯލްޑް ކޮންފަރެންސްގައެވެ.

ދިވެހިރާއްޖެއަކީ ޑިޒާސްޓަރ ރިސްކް ރިޑަކްޝަންގެ މަސައްކަތާއި، ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަނަށް ކުރެވެންހުރި މަސައްކަތްތައް ގުޅުވާލައިގެން މިފަދަ ސްޓްރެޓެޖީއެއް ނެރެފައިވާ މަދު ޤައުމުތަކުގެތެރެއިން ޤައުމެއްކަމުން މިކަމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. އަދި މި ސްޓްރެޓެޖީގެ އެއް އެނެކްސް ޚާއްޞަކުރެވިފައިވަނީ ޕެރިސް އެގްރިމަންޓުގެ ދަށުން ހެދުމަށް ކަނޑައެޅޭ ނެޝަނަލް އެޑެޕްޓޭޝަން ޕްލޭންއާއި ސެންޑާއި ފްރޭމްވަރކްގެ ދަށުން ހެދި ޑީއާރް އާރް ސްޓްރެޓެޖީ ގުޅުވައިގެން ދިވެހިރާއްޖޭގެ ވިލުންވެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ވީހާވެސް ސްޓްރީމްލައިންކޮށް އިސްރާފު ކުޑަކުރެވޭނެގޮތްތަކުގެ މައްޗަށް ބިނާކޮށްގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: