އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ އައިލެންޑް ބެވެރޭޖެސް މޯލްޑިވްސް (އައިބީއެމް) ގެ ބިދޭސީ މުވައްޒަފުން ތިބޭނެ ތަނެއް ކުއްޔަށް ނެގުމުގައި ނޭދެވޭ ކަންތަކެއް ހިނގިކަން ފާހަގަވުމާއި އެކު ފިޔަވަޅު އަޅާފައިވާނެކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން ވިދާޅުވެއްޖެ އެވެ.
މިއީ އައިބީއެމްއަށް ބިދޭސީ މުވައްޒަފުން ތިބޭނެ އެކަމޮޑޭޝަންއެއް ކުއްޔަށް ނެގުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެންމަތިވި މައްސަލައެކެވެ. މި މައްސަލައިގެ އެގްރިމަންޓުގައިވާ ގޮތުގައި، ތަން ކުއްޔަށް ނެގީ ޓެލެ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.
އެމްޑަބްލިއެއެސްސީއަށް ކުރި ތުހުމަތުތަކާއި ގުޅިގެން، މަތީން ވިދާޅުވީ މި މައްސަލަ އޭނާގެ ސަމާލުކަމަށް އައީ މީގެ ދުވަސްތަކެއް ކުރިންއައުމާއި އެކު ފިޔަވަޅު އެޅިކަމަށެވެ. އެގޮތުން އެއްބަސްވުމުގެ ކަންކަން ކުރިޔަށް ގެންގޮސްފައިވާ ގޮތާއި އަގުތައް ބަލައި އިންޓާނަލް އޮޑިޓާއި ކުންފުނީގެ ބޯޑުގައި މަޝްވަރާކޮށް އެއްބަސްވުން ބާތިލުކޮށްފައިވާކަމަށް މަތީން ވިދާޅުވި އެވެ.
އައިބީއެމްއަށް ލޭބަރ އެކަމޮޑޭޝަން ހޯދުމުގެ ޕްރޮެސްއާއި އަގުތަކާއި ގުޅޭ ޝަކުވާއެއް އަޅުގަނޑުމެނަށް މީގެ ދުވަސްކޮޅެއް ކުރިން ލިބުމާއެކު އެކަން ކުރިޔަށް ގޮސްފައިވާގޮތާ އަގުތައް އިންޓަރނަލް އޮޑިޓް ޓީމުން ބެލުމަށްފަހު އެމްޑަބްލިއުއެސްސީގެ ބޯޑުގައި މަޝްވަރާކުރެވި އެކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިހާރުވާނީ އައބީއެމްއަށް އަންގާފައި. މިގޮތުން މިހާރުގެ އެއްބަސްވުން ބާޠިލުކޮށް ލޭބަރ އެކޮމޮޑޭޝަންެ ހޯދުމުގެ މަސައްކަތް އަލުން ކުރިއަށް ގެންދިޔުމަށްވެސް އައިބީއެމްއަށް މިހާރުވާނީ އަންގާފައި
މަތީން ވިދާޅުވީ މި މުއާމަލާތުގެ މައްސަލައިގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް، އައިބީއެމްއަށް ވެސް އަންގާފައިވާކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނީ އެކޮމޮޑޭޝަން ހަމަޖެއްސުމަށް ނެގި ދެ ފްލޯގެ ތަނެއްގެ އެގްރިމަންޓެވެ.
ސަރުކާރުގެ އެކި ކުންފުނިތަކާއި، މުވައްސަސާތަކުގެ ތެރޭގައި ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މި ފަހުން ބިންވެރިޔާ ސްކީމާއި ގުޅުވައި ފެންމަތިވެގެން އައި މައްސަލަތަކާއި އެކު އެމަނިކުފާނު ވަނީ ކޮރަޕްޝަން ޓޮލަރޭޓު ނުކުރައްވާނެކަމާއި އެފަދަކަމެއް ފާހަގަވުމާއި އެކު ވަގުތުން ފިޔަވަޅު އަޅުއްވާނެކަން ހާމަކޮށް ކުންފުނިތަކަކުގެ ވެރިން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް މެސެޖެއް ވެސް ފޮނުއްވާފަ އެވެ.

