ކޮންމެ ސަރުކާރަކާއި އެކު އެކި މަގާމްތަކަށް އަންނަ ވެރިންނާއި މަތީ މަގާމުތަކުގައި ތިބޭ ބޭފުޅުންނަށް ހެއްކެތް ނެތި ވަގަށް ގޮވުމާއި އެކި ކަހަލަ އިލްޒާމްތައް ބޮލުގައި އެޅުވުން އޮތީ އާއްމު ކަމަކަށް ވެފައެވެ. އެހެންނަމަވެސް މި ފެށިގެން އަންނަނީ ނުބައި ސަގާފަތެއްކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. އެކަށީގެންވާ ހެއްކެތް ނެތި ވެރިއެއް ނޫން އާއްމު ރައްޔިތަކަށްވެސް ވަގަކަށް ނުގޮވެނޭއެވެ. އެންމެންނަކީ ވެސް އެމީހެއްގެ އަބުރާއި އިއްޒަތަކާއި ނުވަތަ އެމީހަކު ހުރި މަގާމެއްގެ ގޮތުންނަމަ އެމީހަކަށް ދޭންޖެހޭ އިހުތިރާމެއްވެސް އޮންނަ ބަޔަކެވެ.
އާއްމު ރައްޔިތު މީހާ ވެރިމީހާއަށް ވަގަށް ގޮވުމާއި، ވެރިން އަނެއް ވެރިއަކަށް ވަގަށް ގޮވުމަކީ ރާއްޖޭގައި ފެށިގެން އައިސްފައިވާ ގޯސް ސަގާފަތެކެވެ. މިކަން ހުއްޓުވުން ޖެހޭ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. ވެރިންނަކީ ވަރަށް ގިނަ ރައްޔިތުންތަކެއްގެ އަޣުލަބިއްޔަތުން ރައްޔިތުންނަށްޓަކައި ރަނގަޅު ވެރިކަމެއް ކޮށްދޭން ނުވަތަ ގައުމު އޮތް ހިސާބުން އައު ހަރުފަތަކަށް ގެންގޮސްދޭ މާލިމީއެކެވެ. ވެރިމީހާގެ އަބުރު ކަތިލަމުން އެކި ތަންތަނުގައި ވެރިމީހާ ފަޟީހަތް ކުރަމުން ދުވުމަކީ ހަމަ އެންމެ ރަނގަޅު ގޮތް ތޯއެވެ. އަދުގެ ބޮޑެތި ވަމުން އަންނަ ޒުވާން ޖީލަށް ދަސްކޮށްދޭން އޮތީ ނުވަތަ އެމީހުންނަށް ދައްކަން އޮތީ ހަމަ މިކަހަ މަންޒަރާއި ފިލާވަޅު ތޯއެވެ. އެހެން ނަމަ ދެން އުފެދިގެންދާ ޖީލު ވާނީ އިޖުތިމާއީ އާއްމު މިންގަނޑާއި މުޅިން ހިލާފަށް އުފެދިގެން ދާނެ ބަޔަކަށެވެ. އެއީ އެއްވެސް ބަޔަކު ދެކެން ބޭނުންވާނޭ ދުވަހެއް ނޫނެވެ.
އަހަރެމެން އެންމެންވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ޒުވާން ޖީލަށް ރަނގަޅު އާދަތަކާއި، މުޖުތަމައުގައި އެކަކު އަނެކާއަށް އިހުތިރާމާއި އެކު މުހާތަބު ކުރުމަށެވެ. އެހެންނަމަވެސް އެންމެން ވެސް ”ދުލުގެ މިނިވަންކަމޭ“ ބުނެ ނުވަތަ ”އަމިއްލަ މިނިވަންކަމޭ“ ބުނެ އަނެކާގެ އަބުރާއި އިއްޒަތް ކަތިލަމުން ދަނީ ހޭ ވެސް އަހާނުލައެވެ.
މި މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވެނީ ބްރޯޑްކަސްޓު ކުރާ ސިޔާސީ ޖަލްސާތަކާއި ބާއްވާ ހިނގާލުންތަކާއި އަދި ސިޔާސީ އެއްވުންތަކުގައެވެ. ސިޔާސީ ޖަލްސާތަކުގައި ތިބެ ސިޔާސީ ފޯރީގައި ބައެއް މީހުންނަށް ކިޔޭ ނުކިޔޭ ނޭނގޭ ހިސާބަށް ދެއެވެ.
ވެރިއެއްވެސް ގޯސް ގޮތަކަށް ކަމެއް ކޮށްފިނަމަ އެވާހަކައެއް ދައްކަން ޖެހޭނެއެވެ. އަދި އެކަން ހުއްޓުވަން މަސައްކަތް ކުރުމަކީ ރަނގަޅު ކަމެކެވެ. އެހެންނަމަ ވެސް މީހެއްގެ ވާހަކަ ދައްކާނަމަ އެމިހަކު ކުރާ ކަމަކާއި ގުޅިގެން އެކަށީގެންވާ ވަރަށް ހެކި ހުންނަން ޖެހޭނެއެވެ. އަދި އެކަން ކުރަން ޖެހޭނީ އެކަމެއް މަތިކޮށްފައި އޮންނަ މުވައްސަސާއަކުން ނުވަތަ އިދާރާއަކުންނެވެ.
ކޮންމެ ކަމަކީވެސް އެކަމެއްގައި ވަކި ގޮތަކަށް އަމަލުތައް ބަހައްޓަން ޖެހޭ ކަންކަމެވެ. އަމިއްލަ އަތް މައްޗަށް ކޮންމެ ކަމެއް ނަގައިގެން މަސައްކަތް ކުރުމަކީ އޭގެން އެންމެ އެދެވޭ ނަތީޖާއެއް ނުނިކުމެދާނެ ކަމެކެވެ.
ދައުލަތުގެ މަގާމެއްގައި ހުންނަ ކޮންމެ މީހަކީ ގޯސް އަމަލެއް ހިންގާ މީހަކަށް ނުވެދާނެއެވެ. އަދި ވެރިކަމާއި ހަވާލުވާ ކޮންމެ ވެރިއަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ވައްކަން ކުރާނެ މީހަކަށްވެސް ނުވެދާނެއެވެ. ސިޔާސީ ކުލަޔާ ހިޔާލުގައި އެހެން މީހެއްގެ އަބުރާ އިއްޒަތް ވެއްޔާ މޮޑެލުމުގެ ކުރިން ވިސްނަން ޖެހޭ ބައިވަރު ކަންކަން ހުއްނާނެއެވެ. އަދި އެއީ ގާނޫނީ ގޮތުންވެސް ތަންދޭ ކަމެއް ނޫނެވެ.
ނިންމާލަމުންވެސް ބުނެލަން އޮތީ ކުރިއަށް އޮތް ޖީލަށް ރަނގަޅު ކަންތައްތަކެއް ދަސްކޮށްދިނުމުގެ ނިޔަތް ކުރިއަށްލައި، ގައުމުގެ ހަމަޖެހުމާއި އަމާންކަމާއި ސުލްހައަށް މަސައްކަތް ކުރާ ބަޔަކަށް ރައްޔިތުންނާއި އަދި ހާއްސަކޮށް ސިޔާސީ ވެރިން ވެއްޖެ ނަމަ، ކޮންމެ ވެރިއަކީ ވަގަކަށް ނުވާނެ ކަމެވެ. އަދި ދައުލަތެއްގައި ތިބޭ އެންމެންނަކީ ފައިސާއަށް ގުޑޭނެ ބަޔަކަށް ނުވާނޭ ކަމެވެ. އެހެންނަމަވެސް ކަމެއް ހަގީގަތް ބަލާ އޮޅުން ފިލުވުމަކީ އޭގެ އެންމެ ރަނގަޅުގޮތެވެ.

