އިމާމުން ތަމްރީނުކުރުމުގެ ޕްރޮގްރާމް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށްކަމަށް އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ މާލޭގައި ބޭއްވި އިމާމުންނާއި ޚަޠީބުން ތަމްރީނު ޕްރޮގްރާމް ނިންމާ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައެވެ.
އިމާމުންނާއި ޚަޠީބުން ތަމްރީނު ކުރުމަށް ހިންގުން ޤައުމީ މަޝްރޫޢު 2024 ގެ ތެރޭން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިމާމުންނަށް އަމާޒުކޮށްގެން ބޭއްވި ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިސްލާމީ މަރުކަޒު ހޯލުގައެވެ. މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ.
މިމަހު ޑިސެމްބަރު 14 އިން 16 އަށް ވަނީ ތާޒާ ކުރުމުގެ ޕްރޮގްރާމް ބާއްވާފައެވެ. އިސްލާމީ މަރުކަޒު ހޯލްގައި ބޭއްވުނު މިޕްރޮގްރާމްގައި ގިނަ އަދަދެއްގެ އިމާމުން ވަނީ ބައިވެރިވެފައެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ އިމާމުން ތާޒާ ކުރުމުގެ ޕްރޮގްރާމް މިއަހަރު ޕްލޭންކުރި ގޮތަށް ހުރިހާ އިމާމުންނަށް ހިންގާފައިވާނެ، އަދި މިއީ ވަރަށް ކާމިޔާބު ޕްރޮގްރާމެއްކަމަށެވެ. އަދި އީއިންޓެންސިވް ޓްރެއިނިން ޕްރޮގްރާމެއްކަމަށާއި މި ޕްރޮގްރާމުގައި ޖުމްލަ ނުވަ މޮޑިއުލެއް ބައިވެރީންނަށް އުނގަންނައިދީފައިވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އިމާމުން ތަމްރީންކުރުމަށް ކުރާ މަސައްކަތުގެ ދަށުން އަންނަ އަހަރު ރާއްޖެއިން ބޭރުގެ އިތުރު ޤައުމުތަކަށް ތަމްރީނުވުމަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އިމާމުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ކުރިއަށް އޮތް އަހަރުތަކުގައިވެސް ޤައުމީ ޕްރޮގްރާމެއްގެ ގޮތުގައި ކުރިއަށް ގެންދަވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މިއަހަރު ހިންގި ޕްރޮގްރާމުގެ އަލީގައި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރައްވާނެކަމަށާއި، އަންނަ އަހަރު އިތުރު މާއްދާތަކެއްވެސް މި ޕްރޮގްރާމްގައި ހިމަނުއްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން، އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި ތަފާތު 11 ސަރަހައްދަކަށް ބަހާލައިގެން މުޅި ރާއްޖޭގެ ދާއިމީ އިމާމުންނަށާއި ޚަޠީބުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އިންޓެންސިވް ޓްރެއިނިން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ޖުމްލަ ނުވަ މޮޑިއުލެއް ބައިވެރީންނަށް އުނގަންނައި ދެވިފައިވެއެވެ.
މި ތަމްރީނު ޕްރޮގްރާމުގެ މަގްސަދަކީ އިމާމުކަމުގެ ދާއިރާއިން އިމާމުންނަށް އިންޓެންސިވް ތަމްރީނެއް ދިނުމާއި މި ޒަމާނުގައި އިމާމުންނަށް ބޭނުންވާ، މިސްކިތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ފޯރުކޮށްދިނުން، ގުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި ފިގުހާއި ޙަދީޘާއި އަގީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު ޢިލްމީ ކަންކަން އުނގަންނައި ދިނުމާއި މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް އިމާމުންގެ ޝަހްސިއްޔަތު ބިނާކުރުމެވެ.
މިގޮތުން މާއްދާތައް ކިޔަވައިދިނުމުގައި މިކަންކަން ހާސިލްވާނެގޮތުގެ މަތިން ކޯހުގެ މާއްދާތައް ފަރުމާ ކުރެވިފައިވެއެވެ.
2024 ވަނަ އަހަރު ރާއްޖޭގެ އެންމެހައި އިމާމުން ތާޒަކޮށް ނިމިފައިވާއިރު 100 އަށް ވުރެ ގިނަ ތަމްރީނު ފުރުޞަތު ރާއްޖެއިން ބޭރުން އިމާމުންނަށް ހޯދައި ދީފައިވެއެވެ. މީގެ އިތުރުން މިސްކިތްތަކަށް 2 އިމާމުން ލުން ފެށުމާއި އިމާމުންގެ މަހާސިންތާ އެއް ބާއްވަން ފެށުމާއި އިމާމުންނަށް ޢަރަބި ބަސް ކިޔަވައިދިނުމުގެ ޕްރޮގްރާމްތައް ހިންގާފައިވެއެވެ.

