ގަވާއިދާއި ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ ބޯޓަކުން އެއް ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި އެ ބޯޓުގައި ތިބި ފަސް މީހުންގެ ބަންދަށް 30 ދުވަސް އިތުރުކޮށްފިއެވެ.
އެމްއެންޑީއެފްއިން ހދ. މަކުނުދޫ ބޭރުން ހިފެހެއްޓި ބޯޓަކީ ސްރީލަންކާއަށް ނިސްބަތްވާ ބޯޓެކެވެ. ކޯސްޓުގާޑާއި ފުލުހުންގެ ބެލުމުގެ ދަށަށް އެ ބޯޓު ގެނެސް، ހދ. ކުޅުދުއްފުށީ ބަނދަރަށް ގެންގޮސް ބަލައި ފާސް ކުރުމުގެ ތެރެއިން 468.6 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.
އެ ބޯޓުގައި ސްރީލަންކާއަށް ނިސްބަތްވާ ފަސް ފިރިހެނުން ތިބިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ލަންކާގެ ފަސް މީހުންނަކީ:
- ވިޖެވީރާ ގުނަރަތަނާ މަހާވިދޯމާ، 37 އަހަރު
- ރާޖްޕަކްޝަ ގެމަގެ ދެނުޝާ މަޑުމަލް، 21 އަހަރު
- ލޮރެންސް ހޭވާގީ ސަރަތު، 57 އަހަރު
- މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރަ، 22 އަހަރު
- ޗަމޮދް ދިވަންގާ ދިލަކަވާ، 22 އަހަރު
މި މައްސަލައިގެ ފުރަތަމަ މަރުހަލާގައި ހެދި ޓެސްޓުން 344 ކިލޯއަކީ މަސްތުވާތަކެތީގެ ބާވަތްކަން ތަހުގީގަށް ވަނީ އެގިފައެވެ. އަދި 124.6 ކިލޯއަކީ ކޮކެއިން ކަން ދެނެގަނެވިފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

