ކިތައްމެ އަޤީދާ ވަރުގަދަ މީހަކުވެސް މާޔޫސްވުމުގެ ތެރެއަށް ވެއްޓިދާނެ ހާލަތެއް އަތުވެދާނެކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނެފައި ވަނީ ދިރިއުޅުމުގެ ހަޔާތަކީ ހިތްދަތިކަންކަމާއި ހިތާމަތަކާއި ދަތި އުނދަގޫ ކަންކަން ހިމެނިގެންވާ ހަޔާތެއް ކަމަށެވެ. އަދި ދަތި އުނދަގުލަށް ފަހު ފަސޭހަކަން އަންނާނެކަން ކަށަވަރު ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ހިތާމަތަކަށް ފަހު އުފާވެރިކަން އަންނާނެ ކަމާއި އެއީ ހަޔާތުގެ ފިތުރަތު ކަމަށާއި މުއުމިން އިންސާނާއަށް ހުރިހައި ކަމެއްގައި ވެސް ވަނީ ހެޔޮކަން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. މުއުމިން އިންސާނާއަށް ހުރިހާ ކަމެއްގައިވެސް ވަނީ ހެޔޮކަން ކަމަށާއި އުފާވެރިކަމެއް މެދުވެރިވެއްޖެ ނަމަ ޝުކުރުވެރިވާ ކަމަށާއި ހިތްދަތިކަމެއް މެދުވެރިވެއްޖެނަމަ ކެތްތެރިވާ ކަމަށްވެސް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.
ހިތްދަތިކަންކަމުން އަރައުގަތުމަށް މަސައްކަތްކުރާންވާނީ އަޒުމާއި ހިތްވަރާއެކުގައެވެ. ކިތައްމެ އަޤީދާ ވަރުގަދަ މީހަކުވެސް މާޔޫސްވުމުގެ ތެރެއަށް ވެއްޓިދާނެ ހާލަތެއް އަތުވެދާނެއެވެ. އެއީ މީހާގެ އަޤީދާގެ ބަލިކަށިކަމުން ވާ ކަމެއްނޫނެވެ. އެއީ އިންސާނާގެ ނަފްސުގެ ބަލިކަށިކަމެވެ. އިންސާނާގެ ނަފްސު މާޔޫސްކަމުން ސަލާމަތްވުމަށްޓަކައި އަޤީދާގައި ސާބިތުވުމަކީ މުހިންމު ކަމެކެވެ. މިގޮތުން ވަސްވާސްތަކުގެ ޝިކާރައަކަށް ނުވެ، ވަރުގަދަ އަޒުމަކާއެކު ސަލާމަތުގެ އައްސޭރިއަށް ވާސިލްވެދާނެއެވެ
ދިރިއުޅުމުގައި ދިމާވާ ދަތިކަމަށްފަހު ލުޔެއް ލިބޭނެކަމުގެ އުއްމީދު ބައެއް މީހުން ކަނޑާލާ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އެހެން ނަމަވެސް އިންސާނާއާ އެކިގޮތްގޮތުން ދިމާވާ މުސީބާތްތަކާއި ދަތިކަން ފިލައިދިއުން ﷲގެ އިރާދަފުޅުގައި ކަނޑައަޅުއްވައިފައިވާކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެހެންނަމަވެސް ބައެއް މީހުންގެ މަސައްކަތަކަށް ވެފައި އޮންނަނީ އެ ފަދަ ކަންކަމުން ސަލާމަތްވުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ނާއުއްމީދުގެ ބަސްތައްތަކުރާރު ކުރުން ކަމަށްވެސް ވަނީ ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައި ވަނީ މިފަދަ ޝުއޫރުތަކާއި ވާހަކަތައް ދެކެވެނީ އުއްމީދު ކެނޑި ދުނިޔެވީ ހަޔާތުން މަޔޫސްވެފައި ވާތީކަމަށެވެ. އެހެންކަމުން ސަބަބުތަކުގައި ހިފައި ހާލަތު ބަދަލުކުރުމަށް މަސައްކަތްކުރުމަށް އިންސާނާ ފަހަތަށް ޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ.
ހުތުބާގައި ބުނެފައިވަނީ ކީރިތި ޤުރުއާނުގައި މާޔޫސްވުމާއި އެއްމީދު ކެނޑުމާ މެދު އެއްތައް ބަސްފުޅެއް އައިސްފައިވާކަމަށެެ. އެއީ އަޅާ އޭނާގެ ވެރިރަސްކަލާނގެ ހަސްރަތަށް ރުޖޫއަވެ ތައުބާވުން ކަމުގައި ވިޔަސް، ނުވަތ ގަޞާގަދަރާ ގުޅުން ހުރިކަމެއް ކަމުގައި ވިޔަސްމެއެވެ. ހުތުބާގައި ބުނެފައިވަނީ ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުމާއި އެތައް ނުރައްކަލަކުން އިންސާނާ ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދިނުމުގެ ބާރެއްގެ ގޮތުން ކަމަށެވެ.

