ދައުލަތުގެ ފައިސާއަށް ހިޔާނާތްވެ، ނުހައްގު މުއްސަނދިކަން ލިބިފައިވާ މީހުންގެ މައްސަލަ ބަލައި ދައުލަތަށް އެ ފައިސާ އަނބުރާ ލިބޭނެ ގޮތް ހޯދާނެކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި އައިފާން ވިދާޅުވީ ޒަމާނުއްސުރެ ގައުމުގެ ތެރޭގައި ހަރުލާފައި ހުރި އެތައް ގޯސްކަމެއް ހައްލު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އެޅުވުމަށްޓަކައި ދަތި އުނދަގޫ ފިޔަވަޅުތައް އަޅައި، ރަށްތަކަށް ފުރިހަމަ ތަރައްގީ ގެނައުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ.
އައިފާން ވިދާޅުވީ ފާއިތުވި އަހަރެއްގެ ތެރޭގައި ސަރުކާރުން ސިޔާސަތުތައް ކަނޑައަޅައި، ތަންފީޒު ކުރެވުނު އެތައްކަމަކަށް ސެލިއުޓު ހައްގުކަމަށެވެ. ސަރުކާރަށް އިދިކޮޅު އެމްޑީޕީން އަމާޒު ކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވައި އައިފާން ވިދާޅުވީ އެ ޕާޓީގެ ފުރަތަމަ ވެރިކަމުގެ ދައުރުގައި ވެސް ގާތް މީހުންނަށް އެކި ގޮތްގޮތުން ނާޖާއިޒް ފައިދާ ނަގައިދީ ކޮރަޕްޝަން ހިންގައި ބޮޑެތި އަދަދުތަކުން ބަދަލު ދީފައިވާކަމަށެވެ.
އައިފާން ވިދާޅުވި ގޮތުގައި ގެއްލުމުގެ ބަދަލުގެ ނަމުގައި ޕާޓީގެ އެކި މީހުންނަށް ފައިސާ ދޫކޮށް، އެ ބޭނުންކޮށްފައި ވަނީ އިންތިހާބުތަކަށެވެ. އަދި އުމްރާނީ ތަރައްގީއާއި ގުޅުން ހުރި މަސައްކަތްތަކަށް އެއްބަސްވުން ގާއިމުކޮށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކޮށް ނެރެވުނު އެއްވެސް ނަތީޖާއެއް އެބައޮތް ތޯ އައިފާން ސުވާލު އުފެއްދެވި އެވެ.
މިކަހަލަ ބައެއްގެ ވާހަކަ މި ދައްކަނީ.. މި މީހުންގެ ވާހަކައާއި، ވައްކަމުގެ ވާހަކަ ދައްކަން ވެއްޖެއްޔާ ހުސްނުވާނެ..
މީގެއިތުރުން އައިފާން ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައިރު އެތައް ބަޔަކަށް، ނުހައްގު މުއްސަނދިކަން އެތައް ގުނައަކުން ލިބިފައިވާކަމަށެވެ. ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ގެނައި ނުހައްގު މުއްސަނދިކަމުގެ ގާނޫނު ފާހަގަކުރައްވައި އައިފާން ވިދާޅުވީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްވެފައިވާ އެންމެންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމަށެވެ.
އައިފާން ވިދާޅުވީ ހިޔާނާތްވެ، ދައުލަތުން ގެއްލުވާލާފައިވާ ފައިސާ ވެސް އަނބުރާ ހޯދާނެކަމަށާއި ރައްޔިތުންގެ ފައިސާއިން ވައްކަންކޮށް އެއްވެސް ބަޔަކަށް މިނިވަންކަމާއި އެކު އުޅެވިގެން ނުވާނެކަމަށެވެ.

