ދިރާގުން އެ ކުންފުނީގެ 2025 ވަނަ އަހަރުގެ ކަލަންޑަރު ކަމަށްވާ ’މިނިވަންކަން މަތީ އަބަދަށް‘ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގައި ލޯންޗުކޮށްފިއެވެ.
މި އައު އަހަރުގެ ކަލަންޑަރު އިފްތިތާހުކޮށްދެއްވާފައި ވަނީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ މެނޭޖިންގް ޑިރެކްޓަރ، މުހައްމަދު މައުރޫފް ޖަމީލާއި އެޗް.ޑީ.ސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން، އަހުމަދު ނާސިފް، ހުޅުމާލޭގެ ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އެޗް.ޑީ.ސީއާއި ދިރާގު ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން އެޗް.ޑީ.ސީއާއެކު ބޭއްވި ބައްދަލުވުމުގައެވެ.
ދިރާގުގެ ’މިނިވަންކަން މަތީ އަބަދަށް‘ 2025ގެ ކަލަންޑަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި އެކުލަވާލާފައިވާ ކަލަންޑަރެކެވެ. އެގޮތުން ކަލަންޑަރުގެ ކޮންމެ މަހެއްގައި ވެސް ދިވެހި ސަގާފަތާއި އާދަކާދަތަކާ ގުޅުވާފައިވާ، ގައުމިއްޔަތު ރަމްޒުކޮށްދޭ ނިޝާނެއް ދައްކުވައިދެއެވެ. މީގެ އިތުރުން ދިރާގުން ކޮންމެ މަހެއްގައި ދައްކުވައިދޭ ނިޝާނާއި ބެހޭ ވީޑިއޯއެއް ނެރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ވީޑިއޯގައި މިކަމާ ބެހޭ އިތުރު މައުލޫމާތު ހިމެނިފައިވާ އިރު، މިއީ ދިވެހި ތާރީހާއި ތަރިކަތައް އިތުރަށް އުނގެނުމަށް ބޭނުންތެރި ވަސީލަތެކެވެ.
”ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި، ދިރާގުގެ 2025 ވަނަ އަހަރުގެ ކަލަންޑަރު އިފްތިތާހުކުރުމަކީ އަޅުގަނޑުމެން ވަރަށް ފަހުރުވެރިވާ ކަމެއް. މި ކަލެންޑަރުން އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަމާއި މުއްސަނދި ތާރީހު ރަމްޒުކޮށްދޭ ނިޝާންތަކަށް އަލިއަޅުވާލައި، ދިވެހީންގެ ސަގާފަތާއި ހަރުދަނާކަމާއި،އެއްބައިވަންތަކަން ދައްކުވައިދޭ.“ ދިރާގުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ، އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
އަދި އެޗް.ޑީ.ސީއަށް އަލަށް އައްޔަންކުރެއްވި މެނޭޖިންގް ޑިރެކްޓަރ، މައުރޫފް ޖަމީލާއި އެޗް.ޑީ.ސީގެ ބޯޑުގެ ޗެއަރމަން، އަޙްމަދު ނާސިފަށް ދިރާގުގެ 2025 ވަނަ އަހަރުގެ ކަލަންޑަރު ހަދިއްޔާކުރެއްވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ވެސް އިސްމާއިލް ރަޝީދު ވަނީ ވިދާޅުވެފައެވެ.
އަދި މި ބައްދަލުވުމުގައި އިސްމާޢީލް ރަޝީދު ދެއްކެވި ވާހަކަފުޅުގައި، 2004 ވަނަ އަހަރުގެ އިންޑިޔާ ކަނޑުގެ ސުނާމީ ކާރިސާއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި، މިދުވަސް ފާހަގަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މައުރޫފް ޖަމީލަކީ އެ ކާރިސާގެ ދަނޑިވަޅުގައި ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންކަން ވެސް ފާހަގަކުރެއްވިއެވެ. އަދި ސުނާމީ ކާރިސާއަށް ފަހު ގެއްލުން ލިބުނު މުވާސަލާތީ ވިއުގައިގެ ބައިތައް އަލުން މަރާމާތުކޮށް، ރަށްރަށުގައި މުވާސަލާތީ ހިދުމަތްތައް އަވަސްގޮތެއްގައި އަލުން ގާއިމްކުރުމަށް ދިރާގުން ކުޅުނު މުހިންމު ބައިގެ މައްޗަށް އަލިއަޅުވާލިއެވެ. އަދި މީގެ ސަބަބުން ސަރުކާރާއި އެކިއެކި ޖަމިއްޔާޖަމާއަތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުން އައި މަސައްކަތްތައް ހަލުވި ވެގެން ދިޔަކަން ވެސް އިސްމާއިލް ފާހަގަކުރެއްވިއެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ޑިޖިޓަލް މުޖުތަމައުތައް ބާރުވެރިކުރުވައި، ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކުރުމަށެވެ.

