ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް؛ ފަނޑުވުމެއް ނެތް!

ފަތުރުވެރިން ރާއްޖޭ މައި އެއާޕޯޓްގައި: ފޮޓޯ/ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ ފާހަގަކުރީ ރާއްޖެއަށް އަހަރެއްގެ ތެރޭގައި ފުރަތަމަ ފަހަރަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރާތްކުރުމާއި ގުޅިގެން އެކަމެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 52 އަހަރުވެގެން އައި އިރު، މިއަދު ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔެއަށް ނަން މަޝްހޫރު ބޮޑު ބްރޭންޑެކެވެ. މިއީ އެތައް ބައެއް މިންނެތް މަސައްކަތްކަން ޔަގީނެވެ. ވަކި މީހަކަށް، ވަކި ސަރުކާރަކަށް އެކަނި އެކަމުގެ ކްރެޑިޓް ދީ ނިންމާލެވޭ ވަރަށްވުރެ ގިނަ މީހުން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށްޓަކައި ބޮޑެތި ގުރުބާނީތަކެއްވެފައެވެ.

2 މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރާތްކުރުމާއި ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިހާރުގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަން ނުކުރެވޭނެކަމަށާއިި، ކުރި ނޭރުވޭނެކަމަށް ބުނި މީހުން އެބަތިބިކަމަށެވެ. ނަމަވެސް މިއަދު އަނެއްކާވެސް ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ދިއުމުން އެއީ ހަމަޖެހޭ ވާހަކަތަކެއް ނޫންކަން ސާބިތުކޮށްދެއެވެ.

ފަތުރުވެރިކަމުގެ ދާއިރާ 52 އަހަރު ފުރިފައިވާއިރު، މިހާރު ރާއްޖޭގައި 280 ރިސޯޓު ހިންގަމުންދެއެވެ. މިއީ އެތައް ބައެއް ބަކެޓު ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ މަންޒިލްތައްކަން ޔަގީނެވެ. ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބަޔަކީ ފަތުރުވެރިކަމުން ލިބޭ ނަފާކަމަށްވާއިރު، މިއަދު އެނގިގެންދާ ހަގީގަތަކީ ރާއްޖޭގެ ފަތުރުވެރިކަން އަދިވެސް ދާނީ ކުރިއަށްކަމެވެ.

ރާއްޖެއަށް އައުމުގެ ހުވަފެން ނުދެކޭ މީހަކު މަދުވާނެއެވެ. ނަން މަޝްހޫރު ބޮޑެތި ވިޔަފާރިވެރިންނާއި، މަޝްހޫރި ކާމިޔަބު ތަރިންވެސް ރާއްޖޭގެ ރީތިކަން ބަލާލުމަށް ދަނީ ޒިޔާރާތްކުރަމުންނެވެ.

މިއީ ހަމައެކަނި މިހެން ދައްކާ ވާހަކައެއް ނޫނެވެ. ބައިނަލްއަގުވާމީ މުޖުތަމައުންވެސް މިކަންކަން ބަލައިގަންނަކަން ސާބިތުވާ ހެކިތައް އެބަހުރިއެވެ. މި އަހަރަށް އެކަނި ބަލާއިރު، 2024 ވަނަ އަހަރުގެ ތެރޭގައި އެކަނި ރާއްޖެއަށް ލިބިފައިވާ އެވޯޑުތަކުގެ ތެރޭގައި އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ހަނީމޫން ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ގްރީން ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑުތައް ހިމެނެއެވެ. މި އެވޯޑުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހާސިލްކުރެވުނު މުހިންމު ކާމިޔާބީތަކެކެވެ.

މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި، ފަތުރުވެރިކަމުގެ ދާއިރާއިން ހާސިލުކުރެވިފައިވާ ކާމިޔާބީތަކާއި އެވޯޑުތަކަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤުބަލް އުޖާލާކަމުގެ ހެއްކެކެވެ.

ދުވަހުން ދުވަހަކަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ބަލާއިރު، 2024 ވަނަ އަހަރުގެ ތަފާސް ހިސާބުތައް، މިދިޔަ އަހަރުތަކުގެ ތަފާސް ހިސާބުތަކާއި އަޅާބަލާއިރު އިތުރުވުންތަކެއް އައިސްފައި އެބަހުއްޓެވެ. އެގޮތުން 2023 ވަނަ އަހަރާއި އަޅާބަލާއިރު، ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރި އަދަދުތައް ވަނީ އުފުލިފައެވެ. 2024 ވަނަ އަހަރުގެ ސެޕްޓެމްބަރސެޕްޓެމްބަރު މަހުގެ ނިޔަލަށް ފަތުރުވެރިން ޒިޔާރާތްކުރި އަދަދު ވަނީ 2023 ވަނަ އަހަރާއި ބަލާއިރު 9.6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ދެންވެސް އަރާނީ ކުރިކަން ސާބިތުވާ އަނެއްް ކަމަކީ، މިވީ އަހަރުތަކުގެ ތެރގައި އޮޕަރޭޝަނަށް ގެނެވިފައި ނުވާ 58 ރިސޯތެއް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީއިން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވަނީ ކޮށް ނިމިފައިކަމަށާއި، ދެން އޮތީ މިކަން ކުރުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ބަންޑާރަ ނައިބުގެ އޮފީހުން ކުރަން ޖެހޭ މަސައްކަތްކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި ކުރަން ޖެހޭ މާކެޓު ކުރުމުގެ މަސައްކަތްތައްވެސް ބާރަށް ކުރިއަށްދާނެކަމުގެ އުއްމީދު އަބަދުވެސް މިކަމުގެ ޒިންމާ މަތިވެފައިވާ ބޭފުޅުން އަންނަނީ ދެއްވަމުންނެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާ، ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް ހިތްގައުމު ތަޖުރިބާއެއް ފޯރުކޯށްދިނުމުގެ ގޮތުން ވެލާނާ އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް ނިންމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މި ރަންވޭގެ ދިގުމިނުގައި 3200 މީޓަރު ހުރެއެވެ. މީގެއިތުރުން މިރަންވޭ ތަރައްޤީ ކުރެވިގެންދާނީ ޕެރެލަލް ޓެކްސީވޭއެއްގެ ގޮތުގައި ޒަމާނީ ފެންވަރަށެވެ. ސަރުކާރުގެ އަމާޒަކީ އަންނަ ޖޫން ނޫނީ ޖުލައި މަހުގެ ތެރޭގައި އެއާޕޯޓު އެއްކޮށް ހުޅުވުމެވެ. އެއާއިއެކު އަނެއްކާވެސް ފަތުރުވެރިކަމަށް އިންގިލާބީ ބަދަލެއް އަންނާނެކަމާއިމެދު ޝައްކެއް ނެތެވެ.

އަންނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން 15 އިންސައްތައިގެ ކުރިއެރުމެއް ހޯދުމަކީ އަމާޒެއްކަމަށް އިއުލާން ކުރައްވާފައިވާއިރު، މިކަމުންވެސް ހެކި ދެނީ ރާއްޖޭގެ ފަތުރުވެރިކަމަކީ ފަޑުވުމެއް ނެތް ސިނާއަތެއްކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: