އަލް އަގްސާ މިސްކިތަށް އިސްރާއިލުގެ ނެޝިނަލް ސެކިއުރިޓީ މިނިސްޓަރު ވަދެގަތް މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީއިން އާންމުކޮށްފައިވާގޮތުން އަގްސާ މިސްކިތަށް އިސްރާއީލުގެ މިނިސްޓަރ އޮފް ނެޝިނަލް ސެކިއުރިޓީ ވަދެގަނެފައިވަނީ ފަލަސްތީނުގެ މައްޗަށް ވެރިވެގަނެގެންތިބި އިސްރާއީލުގެ އަސްކަރިއްޔާގެ އެހީތެރިކަމާއިއެކުއެވެ. އަދި ދިވެހި ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
އެ މިނިސްޓްރީން ބުނެފައިވާގޮތުން ތަކުރާރުކޮށް އެކި ފަހަރުގެ މަތިން އަގްސާގެ ދީނީ އަދި ތާރީހީ ހައިސިއްޔަތަކަށް ބަދަލުތައް ގެނައުމަށް މަސައްކަތްކުރުމަކީ މައްސަލަތައް އިތުރަށް ގޯސްވުމަށް މެދުވެރިކުރާނެ ކަމެއްކަމަށެވެ. އަދި އެފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކުން ކަނޑައެޅިގެން މަނާކުރެވިފައިވާ ކަންކަން ކަމަށާއި އެއީ ފަލަސްތީނުގެ ރައްޔިތުންނާއި ދުނިޔޭގެ ދެ ބިލިއަން މުސްލިމުންގެ ހައްގުތަކަށް އަމާޒުކުރާ ހަމަލާއެއްކަމަށެވެ.
އެހެންކަމުން ރާއްޖެއިން އަނެއްކާވެސް ބައިނަލްއަގުވާމީ މުޖުތަމައަށް ދީނީ ގޮތުން ފާހަގަކުރެވޭ މިފަދަ ތަންތަނަށް އިތުރު ހަމަލާތަކާއި ދަތިތައް ކުރިމަތިވެގެން ނުދާކަން ކަށަވަރުކުރުމަށް ފިޔަވަޅު އެޅުމަށް ގޮވާލާކަމަށެވެ. އެ މިނިސްޓްރީންވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރެވިގެންދާކަން ކަށަވަރުކުރުމަށްވެސް ގޮވާލާފައެވެ.
ދިވެހި ސަރުކާރުން ބުނެފައިވާގޮތުން ހަމަޖެހުން ގާއިމުކުރެވިގެންދާނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރެވިގެންކަމަށާއި އެކަން ކުރެވެންޖެހެނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ ބޯޑަރުތަކަށް ރިއާޔަތްކޮށްގެންކަމަށެވެ.

