ހުޅުމާލެ ފޭސް ދޭއްގައި ފުލުހުންގެ ކާރަކާއި ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި، ސައިކަލު ދުއްވަން ހުރީ ލައިސަންސް ހިފަހައްޓާފައިވާ މީހެއްކަމަށާއި އަދި ހާދިސާ ހިނގުމުގައި ފުލުސް އޮފިސަރުގެ އިހުމާލެ އޮތް ތޯ ތަހުގީގުގައި ބަލާނެކަމަށް ފުލުހުން ބުނެފި އެވެ.
ރޭ ދަންވަރު ހިނގި މި އެކްސިޑެންޓުގައި އުމުރުން 18 އަހަރުގެ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާދެމުން ދާއިރު ބައެއް މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އޭނާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެ އޮތީ ވެންޓިލޭޓަރުގަ އެވެ.
މި އެކްސިޑެންޓާއި ގުޅޭ މައުލޫމާތު އާންމުކޮށް، ފުލުހުން ނެރުނު ބަޔާނުގައި ބުނީ ހާދިސާ ހިނގީ ބާރު ސްޕީޑުގައި ރޭ ދަންވަރު 01:50 ހާއިރު ހުޅުމާލެ ފޭސް ދޭއް ގުލްއަލާމަގުން އިރުން ހުޅަނގަށް ނިރޮޅު މަގު ހުރަސްކޮށް ދިޔަ ފުލުހުންގެ ކާރުގައި ޖެހިކަމަށެވެ. އަދި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނު އިރު، ފުރަތަމަ ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމަށް ފަހު ހާލު ސީރިއަސްވެ މިހާރު ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގަ އެވެ.
ފުލުހުން ވަނީ އެކްސިޑެންޓުވި ޒުވާނާއަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައިކަން ހޮސްޕިޓަލާއި ހަވާލާދީ ކަށަވަރުކޮށްދީފަ އެވެ.
އެކްސިޑެންޓު ހިނގި ސައިކަލު ދުއްވާފައި ވަނީ ފުލުހުން ބުނި ގޮތުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ހިލާފުވެގެން، މިދިޔަ ހޮނިހިރު ދުވަހު ލައިސަންސް ހިފަހައްޓާފައިވާ މީހެއް ކަމަށެވެ. އަދި މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަކީ ފުލުހުންގެ ނުހަނު ކަންބޮޑުވާ އަދި ހިތާމަ ކުރާކަމެއްގެ ގޮތުގައި ބުންޏެވެ.
ފުލުހުން ބުނީ މިފަދަ އެކްސިޑެންޓްތައް ހުއްޓުވުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
މީގެއިތުރުން މި އެކްސިޑެންޓު ހިނގުމުގައި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެ އޮތްތޯ ތަހުގީގު ތެރޭގައި ބަލާނެކަމަށް ބަޔާނުގައި ވެއެވެ.

