ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަ އެކި ފަރާތްތަކާއިމެދު ގިނަ ތުހުމަތުތައް ކުރެވެއެވެ. ސިޔާސީގޮތުން ބަދަހިކުރާ ގުޅުންތަކުގެ ސަބަބުން ކޮމްރަމައިޒްވެ ހިރިނުލެވޭ ހާލަތުގައި ހުންނަ ކަމުގެ ތުހުމަތުތައް ކުރެވެއެވެ. ހިންގާ ނޭދެވޭ އަމަލުތައް ގާތްތިމާގެ މީހުންނަށާއި އެ އަމަލުތަކުގައި ބައިވެރިވާ މީހުންނަށް އެނގޭނެކަމަށްވުމުން ފިޔަވަޅެއް އަޅަން ނުކުރިފައި ހުންނަކަމަށްވެސް ބުނެއެވެ. ރާއްޖޭގެ ހާލަތު ދެރަވެ ކޮރަޕްޝަންގެ މައްސަލަތައް ބޮއްސުން ލައިގެންދާއިރުވެސް ވެރިމީހާ ރިއެކްޓުނުކުރައްވާކަމުގެ ޝަކުވާތައް އިވެއެވެ. ރައްޔިތުން އެދޭގޮތުގެމަތިން ފިޔަވަޅު ނާޅާކަމުގެ ކަންބޮޑުވުން އޮވެއެވެ.
އެހެންކަމުން އެ ވެރިކަންތަކަކީ ރައްޔިތުންގެ ވެރިކަންތައް ނޫންކަމަށް ބުނަން ޖާގަ ލިބިގެންދެއެވެ. މިވިސްނުމުން ނަމަ، ރައްޔިތުންގެ ވެރިކަމެއްކަމެއްކަމަށް ހިންގަމުންދާކަމަށް ބުނާނެ ސިފަތަކެއްވެސް ހުންނާނެއެވެ. މިސާލަކަށް ބުނަންޏާ، ރައްޔިތުންގެ އެދުންތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަކީ އެފަދަ އެއް ސިފައެވެ. އަޅާ ފިޔަވަޅަކާއިމެދު ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުންތައް އުފެދިއްޖެ ހާލަތުގައި ނުވަތަ ރައްޔިތުން ނުރުހުންވެ ހާލަތެއްގައި އެކަމެއް ހުއްޓާލުން ނުވަތަ ބަދަލުކުރުމަކީ އެދެވޭ ކަމެކެވެ. އާހިރުގައި ވަޑައިގަންނަވަނީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުމަށް ރައްޔިތުންގެ ވޯޓުގެ ބާރުގައިކަމަށްވުމުން މި ނޫން ގޮތަކަށް ކަންކަން ކުރުމުން ރައްޔިތުން އެކަން ބަލައެއްވެސް ނުގަންނާނެއެވެ.
މިއަދު އެ މަންޒަރުތައް ފެންނަމުންދާކަމަކީ އުފާވެރިކަމެކެވެ. ރައްޔިތުންގެ ތެރޭގައި ކަމަކާއި މެދު ކަންބޮޑުވުންތައް އުފެދުމުން އެކަމެއް ކުރިއަށް ނުގެންދަން އަދުގެ ރައީސް ނިންމަވައެވެ. އެއީ އަގުލަބިއްޔަތުގެ އަޑުނަމަ، އެމަނިކުފާނު އައްސަވައެވެ. މިކަމުގެ އެއް މިސާލަކީ ދިވެހިރާއްޖޭގައި ލޭނު މަސްވެރިކަން ކުރުމަށް ކުރެވެމުންދިޔަ މަޝްވަރާތަކާއި ގުޅިގެން އާންމުންގެ ތެރޭގައި ކަންބޮޑުވުންތައް އުފެދި ވެދާނެ ގެއްލުންތަކާއި ގުޅޭގޮތުން އެކި ފަރާތްތަކުން އެމަނިކުފާނަށް މަޝްވަރާ އެރުވުމުން އެކަން ނުކުރުމެވެ. އެކަން ނުކުރީ ދިވެހިރާއްޖޭގެ ގުދުރަތީ މާހައުލަށާއި ރާއްޖޭގައި އެންމެ ބުރަކޮށް މަސައްކަތްކުރާ އެއް ސިނާއަތްކަމަށްވާ މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންނަށް އެކަމުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތުމުންނެވެ. މިކަމުން އިދިކޮޅު ފަރާތްތަކުން އެމަނިކުފާނަށް އަމާޒުކުރި ފާޑުކިޔުންތަކަށް ބެއްލެވުމެއް ނެތެވެ.
ބައިއަޅައިގެން ވިޔަފާރި އުސޫލުން ވެރިކަން ކުރާކަމުގެ ކަންބޮޑުވުމަކީ ރައްޔިތުންގެ ތެރޭގައި މީގެ ކުރިން އޮތް ހައްލެއް ލިބިފައިނުވާ މައްސަލައެކެވެ. އެ ތުހުމަތުތައް ކުރެވެނީ ރައްޔިތުންނަށް ލިއްބައިދެވިދާނެ އެތައް ފައިދާއެއް ހޯދައިދިނުމަށް އެޅިދާނެ ފިޔަވަޅުތައް އެޅުމަށްޓަކައި ފަސްޖެހިގެންދިއުމުގެ ސަބަބުންނެވެ. ވެރިކަމަށް ވަޑައިގަންނަވަނީ ދެތިން މީހަކު ދޭ ވޯޓަކުން ނޫންކަމަށްވީނަމަވެސް ބިރުގަންނަނީ އަގުލަބިއްޔަތުގެ ބަދަލުގައި ދެތިން މީހަކުގެ ނުރުހުން އަމާޒުވެގެންދިއުމަށްހެން ހީވާ ގޮތަކަށް އަމަލުތައް ހުރުމުންނެވެ. އެހެންކަމުން އަގުލަބިއްޔަތުގެ މަސްލަހަތަކަށްޓަކައި މަސައްކަތްތަކެއް ކުރަން ނުވަތަ ފިޔަވަޅުތަކެއް އަޅަން ފަސްނުޖެހުމަކީވެސް ރައްޔިތުންގެ ވެރިކަމެއްގެ ސިފައެއްކަމަށް ބުނެވިދާނެއެވެ.
މިގޮތުން ބަލާއިރު އެންމެ ފާހަގަކުރެވޭ އެއްކަމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުކުރުމަށްޓަކައި ދާދި ފަހުން އެޅިގެންދިޔަ ފިޔަވަޅުތަކެކެވެ. ފައިސާގެ ނުފޫޒަށް ގުޑުމެއް ނެތި، އެ ބައެއްގެ ކިބައިން ކުރިމަތިވެދާނެ ދަތިކުރުންތަކަށް ބެލުމެއް ނެތި އަދުގެ ރައީސް ޑރ މުއިއްޒުވަނީ ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރުގެ އަދަދުތައް އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ރާއްޖޭގެ އެންމެ ބޮޑު އިގްތިސާދީ ސިނާއަތުން ލިބިގެންދާ މަންފާތައް ރައްޔިތުންނާއި ހިސާބަށް ވާސިލުވާނެ މަގުފަހިކުރުމަށްޓަކައި އެމަނިކުފާނުވަނީ ބޭރު ފައިސާ އާއި ބެހޭ ގާނޫނެއް ތަންފީޒުކުރަން ފަށާފައެވެ.
ބައިއަޅައިގެން ވެރިކަމަށް ވަޑައިގެންނެވުމުންނާއި، ފައިސާގެެ ބާރުގައި ވަޑައިގެންނެވުމުން އެ ނުފޫޒުގެ ސަބަބުން އެކި މީހުން އެކި މަގާމުތަކަށް އައްޔަނުކުރަން މަޖުބޫރުވެއެވެ. އެމީހަކީ ނާގާބިލު މީހެއް ނުވަތަ ނޭދެވޭ އަމަލުތަކެއް ހިންގާ މީހެއް ނަމަވެސް ވެރިމީހާ ހުންނަވަންޖެހެނީ ހައްޕު ކިޔައިގެންނެވެ. އެކަމަށް ފިޔަވަޅެއް އެޅޭ ވަރަށްވުރެ ބޮޑަށް ހުންނަނީ ދަށުވެފައެވެ. ކޮންމެ ތުހުމަތެއް ކުރެވުނަސް އެކަމެއް ބެލޭނެ ގޮތެއް ނުވެއެވެ. އަދި ބަލަން އުޅޭ ބަޔަކުގެ މަސައްކަތްތައް ހުއްޓުވަން މަޖުބޫރުވާކަމުގެ ކަންބޮޑުވުންތައްވެސް އޮވެއެވެ. އެހެންކަމުން މިފަދަ މަޖުބޫރީއެއް ނެތުމަކީ ރައްޔިތުންގެ އަގުލަބިއްޔަތުގެ ބާރާއިއެކު އިތުރު ނުފޫޒެއް ނެތި ގާއިމުވެގެންދާ ވެރިކަމެއްގެ ސިފައެއްކަމަށް ބުނެވިދާނެއެވެ.
މީގެ ކުރިން ފެނަކަ، އާރްޑީސީ ފަދަ ކުންފުނިތަކާއިމެދު ބޮޑެތި ތުހުމަތުތައް ކުރެވި އެ ކުންފުނިތަކުގެ އިސްވެރިންގެ މައްސަލަތައް ބަލަން ރައްޔިތުން ހަރުއަޑުން ގޮވާލަމުންދިޔަނަމަވެސް ރައީސްގެ ރިއެކްޝަނެއް ނުފެނެއެވެ. ނަމަވެސް މިއަދު ތަފާތެވެ. ދާދި ފަހުން އެޗްޑީސީގެ އެމްޑީ އަދި އެ ކުންފުނީގެ މައްޗަށް ތުހުމަތުތަކެއް ކުރެވުމާއިއެކު ރައީސް މުއިއްޒުވަނީ ތަހުގީގުތަކަށް ޖާގަ ފަހިކޮށްދެއްވާފައެވެ. އެ ކުންފުނީގެ އެމްޑީގެ ގޮތުގައި މިއަދު ހުންނެވީ ކުރިން ހުންނެވި ބޭފުޅާއެއް ނޫނެވެ. މިކަމަށް ގިނަ ދުވަސްތަކެއްވެސް ނުވެއެވެ.
އެމްޑީ އަމިއްލަށް އިސްތިއުފާ ދެއްވިނަމަވެސް ގެއަށް ވަޑައިގެން ހަމަޖެހިގެން އޮތުމަށް ފުރުސަތު ދެއްވީއެއް ނޫނެވެ. ޕާސްޕޯޓު ހިފަހައްޓުވައި، ތަހުގީގީ އިދާރާތަކުން އެ ފަރާތެއް ދިރިއުޅުއްވާ ގެއަށް ވަތް މަންޒަރުވެސް ފެނިއްޖެއެވެ. ތުހުމަތު ކުރެވޭ ފަދަ ކަންކަމަށް ޖާގަ ނުދެއްވާނެކަން އަމަލީގޮތުން ދައްކަވައިފިއެވެ. ހެކި ނެތިގޮސް ޖެހިގެން އޮތް ދައުރުގައި ވެރިކަމާއި ހަވާލުވާ ބައެއްގެ ވަގުތު ބޭކާރު ކުރަން މަޑުކުރައްވައިގެން ހުންނެވީކީ ނޫނެވެ.
ދެން އޮތީ ހާރިޖީ ގުޅުމުގެ ނުފޫޒެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުންނާއި އިދިކޮޅު ޕާޓީގެ މެމްބަރުން ބުނަމުންދިޔައީ މި ދައުުރުގައި ގޮސް ވަކި އަތަކަށް ސަރުކާރު ލެނބިގެންދާނެކަމަށެވެ. ނަމަވެސް މިއީ މިހާތަނަށް ފެނިގެންދާ ހާރިޖީ ގޮތުން އެންމެ ގުޅުން ރަނގަޅު އެއް ސަރުކާރުކަމަށް ބުނުމަށް ޖާގަ އެބައޮތެވެ. ވެރިކަމުގެ އާންމު އާދަކާދަތަކާއި ދުރަށްޖެހި އެންމެ ފުރަތަމަ ވަކި ގައުމަކަށް ވަޑައިގެންނެވުމަށް ކަނޑައަޅައި އެގޮތަށް ކަންކަން ކުރިއަށް ނުގެންދަވާކަމަށްވުމުން މިއަދު ދިވެހިން ތިބީ އެ ނޫފޫޒުން ބޭރުގައެވެ.
ގާތް އެކުވެރިކަންކަމަށް ދައުވާކުރާ ހުރިހާ ގައުމަކުންވެސް ރާއްޖެއަށް އެހީތެރިކަން އެބަދެއެވެ. ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބިކަމަށް ބުނާ އަޑެއް ނީވެއެވެ. ނުވަތަ ބޭރު ގައުމަކަށް ރާއްޖެއިން ބައެއް ވިއްކާލާފައިވާކަމަށް ބުނެ ކުރެވޭ ތުހުމަތުތަކެއްވެސް ނެތެވެ. ދިވެހިންގެ ވެރިކަމެއްގައި އެފަދަ ތުހުމަތުތަކަށް ޖާގައެއް ނޯންނާނެއެވެ. ސަބަބަކީ ދިވެހި ރައްޔިތުންނަކީ ވަކި ގައުމެއް އުނގަށް ލައިގެން ތިބި ބަޔަކަށް ނުވުމެވެ. ދިވެހިންނަކީ ދުނިޔޭގެ އެންމެ ވަރުގަދަ ފަތުރުވެރިކަމުގެ މަންޒިލްކަމަށްވުމުން އެއީ އެކަން އޮންނަންޖެހޭ ގޮތެވެ. ހުރިހާ ގައުމަކާއިވެސް ދިވެހިންގެ އުސޫލުތަކާއި އެއްގޮތަށް ގުޅުން ބާއްވަންޖެހެއެވެ.
އެންމެ ފާހަގަކުރެވޭ އެއްކަމަކީ މިއަދު ސިޔާސީ ވެރިން ކުރާ ތުހުމަތުތަކަށް ވެރި މީހާގެ މާބޮޑު ސަމާލުކަމެއް ނެތްކަމެވެ. އޮންނާކަށްވެސް ނުޖެހެއެވެ. ރައްޔިތުންގެ ބޮޑު މުސާރައެއް ދީގެން އެމަނިކުފާނު އެ ގޮނޑީގައި ބޭންދީ އެއްވެސް ހާލަތެއްގައި ސިޔާސީ ކޯޅުންގަނޑެއްގެ ތެރޭގައި ވަގުތުތަކެއް ހޭދަކުރާކަށް ނޫނެވެ. ނަމަވެސް އާންމު ރައްޔިތުންގެ ތެރޭގައި ސުވާލުތަކެއް އުފެދުމާއިއެކު އެމަނިކުފާނު ވަގުތުން އެކަމަކަށް ޖަވާބުދާރީވެއެވެ. ދާދި ފަހުންވެސް ނޫސްތަކުން އެޗްޑީސީގެ މައްސަލަގަނޑާއިމެދު ޖަވާބު ދެއްވިއެވެ. ރައްޔިތުންގެ ވެރިކަމެއްގައި ވެރިމީހާ ޖަވާބުދާރީވާނީ ރައްޔިތުންނަށެވެ.
މީގެ ކުރިން މިނިސްޓަރުކަމަށް ވަޑައިގަންނަ މީހުންނަކީ ރައީސްއަކަށް ހުންނަ މީހާ ބަލަދު އަރާ ބައެއްގެ ގޮތުގައި ފެނިގެންދެއެވެ. ނާގާބިލުވިޔަސް ނުވަތަ ރައްޔިތުން އެމީހަކަށް ނުރުހުނަސް ދައުރު ނިމިގެންދާއިރު އެމީހަކު އެ ހުންނަ ތަނެއްގައި ހުންނަ މަންޒަރު ފެނިގެންދެއެވެ. ނަމަވެސް މިއަދުގެ ހަގީގަތް ތަފާތެވެ. ކެބިނެޓަށް ބަދަލު ގެނައުމުގައިވެސް ރައީސް މުއިއްޒުގެ ފަސްޖެހުމެއް ނެތެވެ. މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތެއްގެމަތިން ނުދާކަމަށް ފެނިގެންދާނަމަ އެކަމެއް ހަމައަކަށް އެޅުވުމަށްޓަކައި ކުރަންޖެހޭ ކޮންމެ މަސައްކަތެއްވެސް އެމަނިކުފާނުދަނީ ގާނޫނީ އިމުގެ ތެރެެއިން ލިބިދީފައިވާ ބާރުތަކުގެ މަތިން ކުރައްވަމުންނެވެ. ރައްޔިތުންގެ ވެރިކަމެއް ނަމަ ވަކި މީހަކު ދެކެ ބިރުގަންނާނެ ހާލަތެއް ނާންނާނެއެވެ. ވިސްނަންޖެހޭނީ ހަމައެކަނި ރައްޔިތުންނާއިމެދުއެވެ. އާންމު އަގުލަބިއްޔަތުގެ ޝުއޫރުތަކާއި އެއްކޮށް ވެރިކަން ކުރުމަކީ ރައްޔިތުންގެ ވެރިކަމެއްގެ ސިފައެއްކަމަށް ބުނެވިދާނެއެވެ. އެހެންކަމުން މިއަދު ހުންނެވި ރައީސްއަކީ އެއްވެސް ބަޔަކަށް ބައި އަޅުއްވައިގެން ވަޑައިގެންނެވި ރައީސްއެއް ނޫންކަން އަދި މިއީ ރައްޔިތުންގެ ވެރިކަމެއްކަން ޔަގީންވެއެވެ.

