ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތި ދިން މައްސަލައިގެ ތަހުގީގުތައް ކުރިޔަށް ދާތީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދާއި އޭނާގެ ބޭބެ ފަޒީލް ރަޝީދުގެ ޕާސްޕޯޓު އަދިވެސް ހިފަހައްޓާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ނުހައްގުން ގޯތި ދިން މައްސަލައެއް ފެންމަތިވުމާއި އެކު، އެކަމުގެ ޖިނާއީ ތަހުގީގުތައް ވަނީ ފަށާފަ އެވެ. އަދި މައްސަލައިގައި ގިނަ ބައެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު އޭގެ ތެރެއިން ނުވަ މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދިނީ މިއަދު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ޕާސްޕޯޓު ދޫކޮށްލާފައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފާއިއެކު ކުރެވުނު މަޝްވަރާތަކައި އެއްގޮތަށެވެ. އަދި ޕާސްޕޯޓު ދޫކުރި މީހުންގެ ތެރޭގައި ފަޒުލްއާއި ފަޒީލް ނުހިމެނޭކަމަށް މައުލޫމާތު ދިނެވެ.
ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި ފަޒީލްގެ ނަން އޮތީ ގޯއްޗަށް ޝަރުތު ހަމަނުވާ މީހުންގެ ތެރޭގައި ނަމަވެސް އޭނާއަށް ރެޖިސްޓްރީއެއް ލިބި ބަނީ އެތަނުގައި އިންފާރު ވެސް ރާނާފަ އެވެ. އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާ ފަޒީލާއި އެކު އިތުރު އެހެން ބަޔަކަށް ވެސް ގޯތީގެ ވަގު ރެޖިސްޓްރީ ހަދައިދީފައިވާކަން މި މައްސަލައާއި އެކު ފަޅާއެރިއެވެ.
މައްސަލައިގައި ފަޒުލް އިސްތިއުފާ ދިނީ، މަގާމުން ސަސްޕެންޑުކޮށްފައި ހުއްޓައެވެ. އަދި ސަސްޕެންޑު ކުރި އެޗްޑީސީގެ ބޯޑު މެމްބަރުންގެ ސަސްޕެންޝަން މިހާރު އުވާލާފައިވާއިރު، އެމްޑަބްލިއުއެސްސީގެ ޑީއެމްޑީކަމުން ފަޒީލް ހުންނެވީ ސަސްޕެންޝަނުގައެވެ.
މީގެއިތުރުން ފަޒުލް ދިިރިއުޅޭ ގެ ބަލައި ފާސްކޮށް، ފުލުހުން ވަނީ ބައެއް އިލެކްޓްރޯނިކް ސާމާނުތައް ގެންގޮސްފައެވެ.
ކޮރަޕްޝަންގެ މައްސަލަތަކުގައި ގެންގުޅުއްވާނީ ޒީރޯ ޓޮލަރެންސްކަމާއި ސަރުކާރުގެ އެއްވެސް ކުންފުންޏެއް ނުވަތަ ދައުލަތުގެ އިދާރާއެއް، މުވައްސަސާއެއްގައި ކިރިޔާ ވެސް މިފަދަ ތުހުމަތެއް ކުރެވޭ ބައެއް ތިބި ނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ތިއްބަވާ ގުރޫޕަކަށް ރޭ ފޮނުވި މެސެޖެއްގައި ރައީސް ވިދާޅުވީ ގަވާއިދާ ހިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނުވަތަ ބޭއިންސާފުން ކަމެއް މަގުފަހިވާ ގޮތަށް ކަމެއް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފި ނަމަ އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.

