މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. މުޙައްމަދު ޝަހީމް ޢަލީ މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އާއި ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި އެމްއެންއެސްޑީއޭގެ ސީއީއޯ، ޑރ. ޒަހްރާ މުޙައްމަދުގެ އިތުރުން އެ އިދާރާގެ އެހެނިހެން އިސްބޭފުޅުންނާއި ބައްދަލުކުރެއްވިއެވެ.
މި ބައްދަލުވުމުގައި، ޒުވާނުން ބިނާކުރުމަށް އެމްއެންއެސްޑީއޭގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކުގައި އިސްލާމިކް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ދެއްވަވާނެކަން މިނިސްޓަރ ޑރ. ޝަހީމް ވަނީ ހާމަކުރައްވައިފައެވެ. މީގެ އިތުރުން، އިސްލާމިކް މިނިސްޓްރީ އަދި އެމްއެންއެސްޑީއޭ އިން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.
އެމްއެންއެސްޑީއޭ އަކީ ދިވެހިރާއްޖެއަށް ބޭނުންވާ މުޙިއްމު ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ދަށުން މަސައްކަތްކުރަމުން އަންނަ އިދާރާއެކެވެ.
އެގޮތުން، އެމްއެންއެސްޑީއޭ އިން ވަނީ އެކި މުވައްސަސާތަކާއި ޖަމިއްޔާ ޖަމާޢަތްތަކާއި މިފަދަ ބައްދަލުވުންތަށް ބާއްވައި، މަސައްކަތްތެރިކަމުގެ ދާއިރާތަކުން ކުރިއެރުމަށް ޝަޢުގެވެރިވާ ޒުވާނުންނަށް އެތަށް ފުރުޞަތުތަކެއް ފަހިކޮއްދީފައެވެ.

