އައު އަހަރުގެ ބަންދާ ދިމާކޮށް މޫސުން ގޯސްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، ކޮޅިގަނޑާ ގުޅިފައިވާ ލޯ ޕްރެޝަރ ޓްރަފްގެ ސަބަބުން އާއަހަރުގެ ބަންދުގެ ތެރޭގައި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށެވެ. އެގޮތުން ޖެނުއަރީ 1ން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުސަތު އެބައޮތްކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
އޭގެ އިތުރުން، އެ މުއްދަތުގެ ތެރޭގައި ވައި ޖެހޭނީ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުތުރާއި އިރު އުތުރުން އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއު ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައިކަންވެސް ފާހަގަކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެކަމަށް ބެލެވޭކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ކަނޑުތައްވެސް ގަދަވާނެއެވެ.
މޫސުމާބެހޭ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުންވެސް، ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

