ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ރައްޔިތުންގެ މަޖިލިސް ތެރެއިން ވައްޓާލަން އިދިކޮޅުން، އިންޑިއާގެ ބަޔަކާއި އެކު ގުޅިގެން ކުރި މަސައްކަތަށް އައި އެންމެ ބޮޑު ހުރަހަކީ މައްސަލަ ވައްދަން ބޭނުންވާ މިންވަރަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނުލިބުންކަމަށް ބޭރު ނޫހެއްގެ ތަހުގީގު ރިޕޯޓެއްގައި ބުނެފިއެވެ.
އެމްޑީޕީގެ ވެރިކަން ބަދަލުވުމާއި އެކު ސަރުކާރަށް އައި އެންމެ ބޮޑު ގޮންޖެހުމަކީ، ރައްޔިތުންގެ މަޖިލިސް ތެރެއިން ސަރުކާރު ވައްޓާލަން ކުރި މަސައްކަތެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރާނެކަމުގެ ބިރު ދައްކައި، ސަރުކާރަށް ހުރަސްއެޅުމުގެ ގޮތުން ގިނަ ގޮންޖެހުންތަކާއި ވެސް ކުރިމަތި ކުރުވި އެވެ. އޭގެ ތެރޭގައި އަހަރުގެ ބަޖެޓު ފާސްކުރުމުގައި، ދަތިތަކާއި ވެސް ކުރިމަތި ކުރުވި އެވެ.
ނުސީދާ ގޮތުންނާއި، ސީދާ ގޮތުން ވެސް ވެރިކަން ވައްޓާލާނެކަމުގެ ބިރު އެމްޑީޕީ ދައްކަމުން ދިޔައިރު، އެކަން ސަރުކާރުގެ މެމްބަރުން ދިޔައީ ތަކުރާރުކޮށް ކުށްވެރި ކުރަމުންނެވެ. އަދި ވެރިކަން ބަދަލު ކުރަން ނުވަތަ ބަޣާވާތެއް ހިންގަން އެއްވެސް ޖާގައެއް ނުދޭނެކަމަށް ބުނި އެވެ. މި މައްސަލަ މިހެން އޮއްވައި، އަނެއްކާވެސް އައު ވާހަކަތަކެއް ފެންމަތިވެގެން މިއައީ އެމެރިކާގެ މަޝްހޫރު ނޫސް ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓެއްގައި ބުނުމުންނެވެ.
ރައީސް މުއިއްޒުގެ ވެރިކަން އިންޑިއާގެ ރޯ އެޖެންޓުންނާއި އެކު ވައްޓާލަން، އިދިކޮޅުން ބޮޑު ރޭވުމެއް ރޭވިކަމަށް ”އަ ޕްލޮޓް އިން ޕެރެޑައިޒް އެންޑް އިންޑިއާސް ސްޓްރަގްލް ފޯ އިންފްލުއެންސް އިން އޭޝިއާގެ“ ނަމުގައި ތައްޔާރުކޮށްފައިވާ އެ ރިޕޯޓުގައި ވެއެވެ.
އައު ސަރުކާރު އުފެދުމަށް ފަހު ރައީސް މުއިއްޒުގެ އެންމެ ބޮޑު މަސައްކަތަކަށްވީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށްކަމަށްވުމާއި އެކު ދެ ގައުމުގެ ދެމެދު އެކުލަވާލާފައިވާ ގޮތް ނޭނގޭ އެއްބަސްވުންތަކުގެ ރިވިއުގެ މަސައްކަތާއި އެކު ގުޅުން ވަރަށް ބޮޑަށް ގޯސްވެގެން ދިޔައެވެ. އެގޮތުން 2024، ގެ ޖެނުއަރީ މަހުގެ ތެރޭގައި އިދިކޮޅު ލީޑަރުންނާއި އިންޑިއާގެ ޖާސޫސީ އިދާރާގެ ބައެއް ރޯ އެޖެންޓުންނާއި އެކު ވެރިކަން ބަދަލު ކުރުމުގެ ވާހަކަތައް ދެކެވެން ފެށިކަމަށް ރިޕޯޓުގައި ވެއެވެ.
”ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވް“ ގެ ނަމުގައި ދެ ފަރާތުން ވެސް ކަރުދާހެއް ތައްޔާރުކުރިކަން ފާހަގަކޮށް ވޮޝިންގްޓަންގެ ތަހުގީގު ރިޕޯޓުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންނަށް ރިޝްވަތު ދީގެން މަޖިލިސް ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރަން ވެސް ރޭވިކަމަށެވެ.
މީގެއިތުރުން ފުލުހުންނާއި، ސިފައިންގެ އިސް 10 އޮފިސަރަކަށް ރިޝްވަތުގެ ފައިސާ ދީ، ރާއްޖޭގެ ބާރުގަދަކަމަށް ބުނާ ބޮޑެތި ގޭންގުތައް ވެސް ވެރިކަން ވައްޓާލުމުގައި ޝާމިލު ކުރަން ރާވާފައިވާކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ވޮޝިންގްޓަން ބުނި ގޮތުގައި ވެރިކަން ވައްޓާލުމަށްޓަކައި، ރޯ އެޖެންޓުންނާއި އިދިކޮޅު ލީޑަރުން ތައްޔާރު ކުރި ކަރުދާސް އެ އިދާރާއަށް ވަނީ ލިބިފައެވެ.
މުޅި މަސައްކަތުގެ ޕްލޭނަށް ފައިސާ ހޭދަކުރުމަށް ނިންމައި، ބަޖެޓު ކުރި 92.2 މިލިއަން ރުފިޔާ އިންޑިއާއިން ހޯދުމަށް އިދިކޮޅުން މަސައްކަތް ކުރިކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ. ވެރިކަން ބަދަލު ކުރުމަށް ބޮޑެތި ރޭވުންތައް ރޭވިނަމަވެސް އެކަން ކާމިޔާބުވާ ގޮތްވެފައި ނުވަނީ އެ ރިޕޯޓުގައިވާ ގޮތުން ބޭނުންވާ މިންވަރަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނުލިބުމުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައި، ވޯޓަށް އަހައި އަޒުލު ކުރުމަށެވެ.
މި ރިޕޯޓުގައި އިންޑިއާއިން އިސްކޮށް ހަރަކާތްތެރިވިކަމަށް ބުނާ މީހާގެ ނަމާއި ތަފްސީލުތައް ވެސް ހިމަނާފައި ވެއެވެ. ޝިރީޝް ތޮރާތު ނަމަކަށް ކިޔަ އެ މީހާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަރުކަށި ފިކުރާއި ދެކޮޅަށް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެއްކަމަށް ވެއެވެ.
ވޮޝިންގްޓަން ރިޕޯޓުގައި ބުނެފައިވަނީ، ރައީސް މުއިއްޒުގެ ވެރިކަން ބަދަލު ކުރަން އިންޑިއާގެ ސަރުކާރުގެ ބައިވެރިވުމެއް އޮތްކަން ނުވަތަ ނޫންކަން ޔަގީނެއް ނޫނެވެ. އެހެން ނަމަވެސް ވެރިކަމުގެ އެހާ ކުރީކޮޅު، ވެރިކަން ބަދަލު ކުރުމަށް ބައެއް މީހުން ދެކޮޅު ހެދިކަމަށް ބައެއް މީހުންނާއި ހަވާލާދީ ރިޕޯޓުގައި ވަނީ ބުނެފައެވެ.
ރިޕޯޓުން އެނގޭ ގޮތުގައި، ވެރިކަން ވައްޓާލަން އިދިކޮޅުން ބަޔަކާއި ގުޅިގެން މަސައްކަތް ކުރާކަން ރައީސް މުއިއްޒަށް މައުލޫމާތު ލިބިވަޑައިގަތެވެ. އަދި އެކަމާ ދެކޮޅަށް އެމަނިކުފާނު ފިޔަވަޅު އެޅުއްވިއިރު، އެމްޑީޕީގެ މެމްބަރުންތަކެއް ސަރުކާރާއި ގުޅުމަކީ ވެސް އޭގެ ތެރޭގައި ހިމެނޭ ބައެއްކަމަށް ވަނީ ބުނެފައެވެ.
މި ރިޕޯޓުގެ ބޭނުމަށް ސަރުކާރުގެ ބަހެއް ލިބޭތޯ މަސައްކަތް ކުރިނަމަވެސް، އެކަމަށް ޖަވާބެއް ލިބިފައި ނުވާކަމަށް ވޮޝިންގްޓަން ވަނީ ބުނެފައެވެ.

