ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ކުށްކުރާ ގޮތާއި، ކުށްކުރާ ވައްޓަފާޅި ބަދަލުވަމުންދާއިރު، އައު ގޮތްތައްވެސް ދަނީ ތައާރަފް ވަމުންނެވެ. އެގޮތުން 2000ގެ ތެރޭގައި ސްކޭމްތައް ފެށިފައިވާއިރު، 2021 ވަނަ އަހަރުން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ސްކޭމްގެ މައްސަލަތަކުގެ ރިކޯޑް ބަލަހައްޓަމުންނެވެ.
އެ އަދަދުތަކަށް ބަލާއިރު ފެންނަން އޮތް މަންޒަރަކީ މިއަދުވެސް ސްކޭމްގެ މައްސަލަތައް އެތައް ގުނައެއް އިތުރުވެފައިވާކަމެވެ. އެގޮތުން ރެކޯޑު ބަލަހައްޓަން ފެށި ހިސާބުން މިހާތަނަށް 50 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ސްކޭމްގެ މައްސަލަތައް ވަނީ ފާހަގަވެފައެވެ.
އާންމުކޮށް ހިންގާ އެކިއެކި ސްކޭމްތަކަށް ބަލާއިރު، ފޯނު ކޯލު މެދުވެރިކޮށް ފުލެޓެއް ލިބިގެން ނޫނީ ކޮންމެވެސް ބިމެއް ލިބިގެން ކަމަށް ބުނެ ސްކޭމް ހިންގާފައި އެބަހުއްޓެވެ. ނުވަތަ ފޯނަށް ފޮނުވާ ލިންކެއް ބޭނުންކޮށްގެން މީހާގެ ޕާސަނަލް އިންފޮމޭޝަން ނޫނީ ޕާސަނަލް އެކައުންޓުތަކުގެ މައުލޫމާތުތައް ނަގައިގެން ހެކުކޮށްގެން ކުރާ ސްކޭމްތައްވެސް މަދެއް ނޫނެވެ.
ނުވިތާކަށް ކޮންމެވެސް ޕްރޮމޯޝަނެއް ހިންގާ ކަމަށް ބުނެ، ނޫނީ އިނާމެއް ލިބިގެންކަމަށް ބުނެ މެސެޖު ފޮނުވައިގެން ހިންގާ ސްކޭމްތަކާއި، ނުދަންނަ ނަންބަރަކުން ގުޅައި އާއިލީ ދަންނަ މީހަކަށް ނޫނީ ރައްޓެއްސަކަށް ހެދިގެން ބޭންކު އެކައުންޓަށް ފައިސާ ޖަމާކޮށްދޭން ބުނެ ހިންގާ ސްކޭމްތައް އަދި ސޯޝަލްމީޑިއާގެ އެކިއެކި ޕްޓުފޯމުތަކުގައި ޑޮލަރު ވިއްކަމުންދާ ކަމަށްބުނެ ހިންގަމުންދާ ސްކޭމްތައްވެސް މިވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ.
މިކަންކަމާ ގުޅިގެން ކަމާބެހޭ ބައެއް އިދާރާތަކުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހަމައެކަނި 2024 ވަނަ އަހަރުވެސް ސްކޭމްގެ މައްސަލަތަކާއި ގުޅިގެން 300ށް ވުރެ ގިނަ އެކައުންޓް ބަންދުކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ.
މި އަމަލު ހިންގާ މީހުން ގެންގުޅޭ އުކުޅުތަށް މަދު ނަމަވެސް މި ވަބާގައި ޖެހޭ މީހުންގެ އަދަދު މަދެއް ނޫނެވެ. އެންމެ އާންމު ގޮތަކީ ލިންކުމެދުވެރިކޮށް ކުރާ ސްކޭމްތަކެވެ. މި ލިންކު ލިބޭ ފަރާތަށް ފެންނާނީ ދައުލަތުގެ އިދާރާއެއް ނުވަތަ ކޮމްޕެނީއެއްގެ ނަމުގައެވެ. މިީ އެ ސްކޭމަރުން އެ ލިންކު ލިބޭ ފަރާތުގެ ސޯޝަލް މީޑިއާ މަންސަތަކުގެ ޕާސްވޯޑު އަދި މާލީ ވަސީލަތްތަކަށް ވަނުމަށް ދައްކާ ދަޅައެކެވެ. މި ލިންކަށް ފިތާލާ ވަގުތުން ހުރިހާ މައުލޫމާތެއް ސްކޭމަރުނަށް ލިބިގެންދާނެއެވެ.
ހަމެއެގޮތުން މި މައުލޫމާތު މެދުވެރިކޮށް ސްކޭމުކުރާ ފަރާތްތަކުން ފައިސާ ނަގައިގަނެ އެވެ.
ހަމައެއާއި އެކު ކޮވިޑް-19 ގެ ދުވަސް ވަރުން ފެށިގެން ހުއްޓުމެއް ނެތި ކުރިއަށް ދަމުންދާ ސްކޭމް ކޯލަކީ ވެސް އެންމެ އާންމު އަދި މީހުން އެންމެ ހެއްލޭ ސްކޭމެވެ. މި ސްކޭމް ކޯލު ކުރަނީ ބީއެމް އެލްގެ ހައިސިއްޔަތުންނެވެ. ކޯލު މެދުވެރިކޮށް ބޭނުންކުރާ އުކުޅުތައް ގިނައެވެ. އޭގެ ތެރޭގައި ކާޑުގެ މައުލޫމާތު ހޯދުމާއި އޯޓިޕީ އަށް އެހުން އަދި ދާދި ފަހުން ހިންގައި ދިޔަ އެޗްޑީސީ ސްކޭމުގައި ވިނަރެސް ފްލެޓް އަށް ފޯމު ހުށަހަޅުމަށް ލިންކު އެކި ފަރާތްތަކަށް ފޮނުވާ ހެދިއެވެ.
ސްކޭމްގެ މައްސަލަތައް މިވަރަށް އިތުރުވެފައިވާއިރު، ހަގީގަތުގައި އަޅުގަނޑުމެންވެސް މިއަށްވުރެ ހޭލުންތެރިވާން ޖެހެއެވެ. ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯލަނބަން ޖެހެއެވެ.
ހަމައެއާއެކު، ކަމާ ބެހޭ ފަރާތްތަކުން މީހުން ހޭލުން ތެރިކުރުވުމަށްޓަކައި ފޯރުކޮށްދޭ އިރުޝާދުތަކަށް އަމަލުކޮށް، އެހެން މީހުނަށް ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އަލުކުރުމަށް ބާރުވެރިކުރުވުމަކީވެސް ކުރަންޖެހޭ ކަމެކެވެ.

