2024 ވަނަ އަހަރަކީ ހުރިހާ ގޮތަކުން ކާމިޔާބު އަހަރެއް ކަމަށް އިސްލާމިކް މިނިސްޓްރީގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގެ 2025 ވަނަ އަހަރުގެ ހަރަކާތްތަކާއި، މަސައްކަތާއި ބެހޭ މައުލޫމާތު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ ޝަހީމު ވިދާޅުވީ، 2024 ވަނަ އަހަރަކީ ދިވެހި ތާރީހުގައި އެންމެ ގިނަ އަދަދަކަށް ޒަކާތު ފަންޑަށް ފައިސާ ލިބިގެން ދިޔަ އަހަރު އަދި އެންމެ ގިނަ އަދަދަކަށް ގުރުޢާން ހިތުދަސް ކުރި ހާފިޒުން ނެރުނެ އަހަރުކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ނިމިގެން މި ދިޔައީ ދިވެހި ރާއްޖޭގެ ތާރީހުގައި އިސްލާމީ ގޮތުން ފާހަގަ ކުރެވޭ މުހިއްމު މަސައްކަތް ތަކެއް ކުރެެވުނު އަހަރެއް ކަމަށާއި، އެކަންކަން ކޮށްފައިވަނީ ބަޖެޓުގެ ތާށިކަމާވެސް އެކު ކަމަށެވެ.
”އެހެން ނަމަވެެސް ދިވެހި ރައްޔިތުނާއި އަދި އަޅުގަނޑުމެންގެ ގާތް ފަރާތްތަކުން އަޅުގަނޑުމެންނަށް ލިބުނު އެހީތެރިކަމުގެ ތެރެއިން، އަޅުގަނޑުމެންގެ އަތުގަ ލާރި ނެތް ކަމުގެ އިހުސާސެއް އަޅުގަނޑު މެންނަކަށް ނުކުރެވޭ، އަޅުގަނޑުމެން ވަނީ ވަރަށް ގިނަ ކަންތައްތައް ހާސިލުކޮށްފަ“
މީގެއިތުރުން، 2025 ވަނަ އަހަރު ފެށިގެން މި ދަނީ އާ އަަޒުމަކާ އެކު އަދި އާ ހިތްވަރާ އެކު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
2025 ވަނަ އަހަރުގައި ކުރިއަށް ގެންދަން ހުރި ކަންތައްތަކަށް އަލިއަޅުވާލައްވާ މިނިސްޓަރު ވިދާޅުވީ، މިފެށޭ އަހަރަކީ ވަގުފް އިމާރަތްތައް އާރާސްތުކުރުމާއި ދިވެހި ރާއްޖޭގެ ޒަކާތުގެ ހައުސް ގެ އިމާރަތް އެޅުމާއި އަދި ވަރަށް ގިނަ އާ ކަންތައްތަކެއް މިނިސްޓްރީން ކުރާނެ އަހަރަކަށް ވެގެންދާނެ ކަމަށެވެ.

