ބޯކޮށް ވާރޭވެހި، ގުގުރާތީ ނ. އަތޮޅުން ފެށިގެށް ލ. އަތޮޅަށް މިއަދު ހެންދުނު ހުދު އެލަރޓު ނެރެފިއެވެ.
މެޓް އޮފީހުން މި ސަރަހައްދުތަކަށް އެލަރޓް ނެރުނީ މިއަދު ހެނދުނު 6:15 ގައެވެ. އަދި އެލަރޓުގެ މުއްދަތަކީ މިއަދު ހެންދުނު 6:30 އިން ފެށިގެން މިރޭ 11:30 ހަމަޔަށެވެ.
މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައި ގަދަ ވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
އެހެންކަމުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، ކޮޅިގަނޑާ ގުޅިފައިވާ ލޯ ޕްރެޝަރ ޓްރަފްގެ ސަބަބުން އާއަހަރުގެ ބަންދުގެ ތެރޭގައި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށެވެ. އެގޮތުން ޖެނުއަރީ 1ން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުސަތު އެބައޮތްކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މޫސުމާބެހޭ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުންވެސް، ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

