ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވީއިރު، ގައުމުގެ ހުރިހާކަމެއް އޮތީ ފާލުން ނެއްޓިފައިކަމަށާއި، ނަމަވެސް ސަރުކާރުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި ކާމިޔާބީތައް ހޯއްދަވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވީއިރު، ގައުމުގެ މާލީ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައިގައިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ހަމަޖެހުމާއި އިޖުތިމާޢީ ޢަދާލަތާއި އިންސާފު ޤާއިމްކުރުމުގެ ނިޒާމުތައް ވެސް އޮތީ ފެއިލްވެފައިކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މި ދަތި ހާލަތުގައިވެސް މަސައްކަތްތަކެއްކޮށް، މުހިންމު ކަންތައްތަކެއް މި ސަރުކާރުން ހާސިލްކޮށްފައިވާކަމަށް ވިދާޅުވެ އަބްދުއްރަހީމް ފާހަގަކުރެއްވީ އިޤްތިޞާދު ފުޅާކުރުމަށް ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމާއި، ޗައިނާއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމާއި، ރާއްޖެއަށް ނާންނަ މިންވަރަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުން ފަދަ ކަންކަމެވެ.
މީގެ އިތުރުން އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮތް އިރު ފާސްކުރި ބަޖެޓާއިމެދު އަބްދުއްރަހީމް ވަނީ ވާހަކަދައްކަވާފައެވެ. އެއީ ވަޢުދުތައް ފުއްދުމަށް އެކަށީގެންވާ ބަޖެޓެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގައުމުގެ ހާލަތު މިހެން އޮތްއިރުވެސް، ޤައުމު ބަނގުރޫޓުވިޔަ ނުދީ، މެދުކެނޑުމެއް ނެތި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުން އެއީ މި ސަރުކާރުން ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީކަމަށް އަބްދުލްރަހީމް ގަބޫލުކުރައްވައެވެ.

