ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިިކަމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށް
މި މައްސަލައިގައި އުފުލާފައިވަނީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ އުފުލާފައިވަނީ 2 މާރޗު 2022 ގައި ފެެޑެކްސް މެދުވެރިކޮށް ގެނެސްފައިވާ ފޮށިގަނޑެއްގައި ރައްކާކޮށްފައިވާ އެއްޗަކާ ގުޅިގެން ހިންގި ”ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން“ އަކަށްފަހުއެވެ.
ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނަކީ އެމީހާއަށް ނޭނގި، އެ މުުދަލަކާ ޙަވާލުވާ މީހާ ބެލުމަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކެވެ.
މި އޮޕަރޭޝަން ހިންގާފައިވާ ގޮތަށް ބަލާއިރު، ދައުވާ ލިބޭ މީހާ އެ ފޮށިގަނޑު ބަލައި ފޮނުވާފައިވަނީ އޭނާގެ އެކުވެރިއެކެވެ. އެހެންކަމުން ފުލުުހުން ވަނީ އެ ފޮށިގަނޑު ބަލައި ދިޔަ މީހާއާއެކު، އެއާ ޙަވާލުވާން އަންނަ މީހަކު ބެލުމަށް މި އޮޕަރޭޝަން ހިންގާފައެވެ. އެގޮތުގެ މަތިން އެއާ ޙަވާލުވެފައިވަނީ ދައުވާލިބޭ ފަރާތެެވެ. އެހެންކަމުން ފުލުހުން އޭނާގެ މައްޗަށް ތަހުގީގު ހިންގީއެވެ.
އެހެންނަމަވެސް އޭނާ ބުނާ ގޮތުގައި އޭނާވެސް މި ފޮށިގަނޑާ ޙަވާލުވެފައިވަނީ އޭނާގެ 11 އަހަރުވީ އެކުވެރިއެއްގެ އެދުމުގެ މަތިންނެވެ. އަދި ފުލުހުންް އޭނާއާ ސުވާލު ކުރުމުން އޭނާ ވަނީ އެމީހާއަށް ގުޅުމަށްވެސް މަސައްކަތް ކޮށްފައެވެ.
އެހެންނަމަވެސް އެމީހާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އޭނާއަށް ފުލުހުންނަށް ކިޔާދެވިފައިނުވާއިރު، މިއީ ދުރާލައި މިފަދަ ޙާލަތަކަށް ތައްޔާރުވުމަށް ދެއްކި ބަހަނާއެއްކަމަށް ފުލުހުން ދެކެއެވެ. ވަކިން ޚާއްސަކޮށް 11 އަހަރުވީ އެކުވެރިއެއްގެ މައުލޫމާތު ދެވިފައިނުވުމުން އެކަމާ މެދު ފުލުހުން ވަނީ ޝައްކު އުފައްދާފައެވެ.
މި މައްސަލައިގައި އުފުލާފައިވާ ދައުވާއަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގައިި އަމަލީ ގޮތުން ބައިވެރިވެފައިނުވާނެކަމަށް އޭނާގެ ފަރާތުން ދައުވާއަށް އިންކާރު ކުރަމުން ބުނެފައިވެއެވެ.
އޭނާ ދައުވާއަށް އިންކާރު ކޮށްފައިވާތީީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ވަނީ ނަގާފައެވެ.
ޝަރީއަތުން ވަނީ މި މައްސަލައިގައި އުފުލާފައިވާ ދައުވާ ސާބިތުވެއްޖެކަމަށް ކަނޑައަޅުއްވާފައެވެ. އަދި މި ކުށުގެ އުޤޫބާތެއްގެ ގޮތުން އޭނާ އުމުރަށް ޖަލަށް ލުމާއެކު، އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ކަނޑައަޅާފައެވެ. އެ ޖޫރިމަަނާގެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ޙުކުމުގައިވެއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

