އަހަރުތަކެއް ވަންދެން ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރި މަސައްކަތް އަލުން ފަށައިގަންނަން ޖެހޭ ހިސާބަށް ގައުމުގެ ހާލަތު ގޮސްފައިވާކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިފަދައިން ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންތަކެއް ނޭނގި، ޕީއެންސީއަށް ވައްދާފައިވާކަމަށް ބުނާ މައްސަލައިގަ އެވެ.
ވެރިކަމަށް އަހަރެއް ފުރުމާއި ދިމާކޮށް، ވެރިކަން ކުރާ މައި ޕާޓީ (ޕީއެންސީ) ވަނީ ޕާޓީއަށް އެއްލަކަ މެމްބަރުން ހަމަކުރުމަށް ބޮޑު ހަރަކާތެއް ކުރިޔަށް ގެންގޮސްފަ އެވެ. އަދި އަހަރު ނިމުނުއިރު ޕާޓީގެ އަމިއްލަ ދަފްތަރުގައި އަދަދު ހަމަވާކަމަށް ވެސް އިއުލާނު ކުރި އެވެ.
އެއްވެސް ސިޔާސީ ޕާޓީއަކަށް ސޮއިކޮށްފައި ނުވާ މީހުންނާއި، އެހެން ޕާޓީތަކުގެ މެމްބަރުން ޕީއެންސީގެ ދަފްތަރުގައި އޮތް މައްސަލަ މިފަހުން ފެންމަތިވެ ގިނަ ބަޔަކު ދަނީ ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ.
ފޯމުގައި ހިމަނާފައިވާ މީހާގެ ތަފްސީލުތަކާއި ފޮޓޯއާއި ދިމާނުވާތީ ވެސް ބައެއް ޕޯސްޓުތައް ދައުރުވަމުން އެބަދެއެވެ. މި މައްސަލައިގައި ސަންގުޓީވީއާއި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ނޭނގި ތިއްބައި އެމްޑީޕީގެ ދަފްތަރުން ޕީއެންސީއަށް ބަދަލުވެފައި ވާތީ މި ދެ ދުވަހެއްގެ ތެރޭގައި ވަރަށް ގިނަ ޝަކުވާތައް ލިބިފައިވާކަމަށެވެ.
އެންމެ ބޮޑު ކަންބޮޑުވުމެއްކަމަށް ފައްޔާޒް ވިދާޅުވީ ވެސް، ލިޔެފައިވާ މައުލޫމާތުތަކުގައިވާ މީހާ ނޫން އެހެން މީހެއްގެ ފޮޓޯ ފޯމުގައި ހުރުމެވެ. އަދި އެހެން މީހަކާއި ވައްތަރު މީހުންގެ ފޮޓޯތައް ފޯމުގައި ޖަހައި، ވަގު ފޯމުތައް ހުށަހަޅަމުން ދިއުމަކީ ވަރަށް ބޮޑު ގޯހެއްކަމަށް ވިދާޅުވި އެވެ.
”އެންމެ ބޮޑު ކަންބޮޑުވުމަކީ އަޅުގަނޑުމެންގެ ގައުމީ މަޖިލިސްގެ މިހާރު ވެސް ހަތަރު މެމްބަރުން ޕާޓީ ބަދަލު ކުރުވައިފި އެބޭފުޅުންނަށް ނޭނގި.. ދެން އަޅުގަނޑުމެން އެ ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ހޯދައިގެން ގެނައިއިރު އެ މީހުންގެ ފޮޓޯއެއް ވެސް ނޫން ހުންނަނީކީއެއް.. ސޮޔާއި ވައްތަރު ސޮޔެއް ވެސް ނޫން އިންނަނީ.. އެހެންވީމަ މީގަ އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އިލެކްޝަންސް ކޮމިޝަނުގެ ކްރެޑިބިލިޓީއެއް އެއްވެސް މިންވަރަކަށް ނެތުން.. އެ ވާހަކަ އަޅުގަނޑުމެން ދައްކަމުން މިދިޔައީ..“ ފައްޔާޒް
ފައްޔާޒް ވިދާޅުވީ މިއީ ސަރުކާރުން މިނިވަން މުވައްސަސާތަކުގެ ބާރު ނެންގެވުމުގެ ނަތީޖާކަމަށާއި، އެންމެ ފަހުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އައްޔަނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ލިބިދޭ ގޮތަށް ގެނައި އިސްލާހަކީ އޭގެ ހެއްކެއްކަމަށެވެ. އަދި ވިދާޅުވީ މި އިސްލާހުތައް ސަރުކާރުން ގެނެސްފައި ވަނީ ވެސް ޕާޓީގެ ދަފްތަރަށް މި ބަދަލުތައް ގެނައުމުގެ ނިޔަތުގައިކަމަށެވެ.
”އިދިކޮޅު ގައުމީ މަޖިލިސް މެމްބަރުންނާއި ވައްތަރު ވެސް ނޫން ފޮޓޯއެއް ޖަހައިގެން، ޕާޓީ ބަދަލުކޮށްލެވޭއިރު އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން އެކަން ކުރެވޭ ހިސާބަށް ދިޔައީމަ އެ އޮތީ ވަރަށް ދަށު ދަރަޖައަށް އެކަން ގޮސްފައި.. އެހެންވީމަ އަޅުގަނޑުމެން މިހާރު ގަބޫލެއް ނުކުރަން އިލެކްޝަންސް ކޮމިޝަނަށް މިނިވަންކަން އޮތްކަމަށް.. އަޅުގަނޑުމެންނަށް މި ފެންނަނީ މި ސަރުކާރުގެ އެއްވެސް ބައުންޑްރީއެއް ނެތްކަން މި ސަރުކާރުގެ..“ ފައްޔާޒް
ފައްޔާޒް ވިދާޅުވީ ސަރުކާރުގެ ކަންކަން ގޯހުން ގޯހަށް ދާކަން، ރައްޔިތުންނަށް ކުރިޔަށް އޮތް ދުވަސްތަކުގައި އެނގޭނެކަމަށެވެ. އަދި އަހަރުތަކެއް ވަންދެން ކުރި މަސައްކަތުން ރާއްޖެއަށް ގެނައި ޑިމޮކްރަސީ އަލުން އިޔާދަ ކުރަން ޖެހޭ ހާލަތަށް ކަންކަން ގޮސްފައިވާކަމަށެވެ.

