ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް އޭ330 މަތިންދާބޯޓު މިއަދު ރާއްޖެ ގެނެސްފިއެވެ.
ރާއްޖެއަށް ވައިޑް ބޮޑީ އެއަރ ކްރާފްޓް އޮޕަރޭޝަން ތައާރަފް ކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިއަދު ރާއްޖެއަށް ވައިޑް-ބޮޑީގެ ފުރަތަމަަ ބޯޓު ސިއްގަޕޫރުން މާލެ ގެނައިއިރު ބޯޓު ދުއްވަން ތިބީ ދިވެހި ޕައިލެޓުންނެވެ. އެއީ ކެޕްޓަން ހުނައިނާއާއި، ކެޕްޓަން މައުމޫނެވެ. އަދި އެ ބޯޓުގެ ފަސްޓް އޮފިސަރެއްގެ ގޮތުގައި ހުންނެވީ އޭވިއޭޝަން ދާއިރާގައި 21 އަހަރުގެ ތަޖުރިބާކާރު ކެޕްޓަން މުހައްމަދު ތޮއްލަތު އަންވަރެވެ. ތޮއްލަތު މިވަގުތު މަސައްކަތް ކުރައްވަނީ ގަތަރު އެއާލައިންގައެވެ. އިންޖިނިއަރަކަށް ވެސް ހުރީ ދިވެއްސެއް ކަމަށްވާ އަހުމަދު ޝިއުޒެވެ. ކްރޫއިންގެ ގޮތުގައި ވެސް ހަރަކާތްތެރިވީ ދިވެހިންނެވެ.
މޯލްޑިވިއަންގެ ފަރާތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް މިއަދު ހަވީރު އެއާ ކްރާފްޓް ޖެއްސުމުގެ ކުރިން ވަނީ އެއާ ޝޯއެއްވެސް ބާއްވާފައެވެ. އެ ހަރަކާތުގައި މޯލްޑިވިއަންގެ އެއާބަސް އޭ330 ބޯޓާއި މޯލްޑިވިއަންގެ އޭޓީއާރް ހަތަރު ބޯޓާއެކު މާލެ އާއި ހުޅުމާލެ ސަރަހައްދުގައި ދަތުރުކުރިއެވެ.
އެއާބަސް އޭ 330 ބޯޓަކީ 260 މީހުންގެ ޖާގައިގެ ބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާހުގައި ދަތުރު ކުރެވޭނެއެވެ. ދިގު ދަތުރުތައް ކުރުމުގެ ގާބިލްކަން ހުރި އެ ބޯޓުގައި ޓްރާންސިޓު ނުކޮށް، ދަތުރު ކުރެވޭނެއެވެ. އެ ބޯޓުން 10 ޓަނުގެ ކާގޯ އުފުލޭނެއެވެ.

