މި ސަރުކާރުން ވެރިކަމާއި ހަވާލުވީއިރު، އައިލެންޑް އޭވިއޭޝަން ކުންފުނި އޮތީ ދެ ބިލިއަން ރުފިޔާއިން ދަރާފައި ކަމަށް މިނިސްޓަރ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ މޯލްޑިވިއަން އިން އަލަށް ގެންނަ ވައިޑްބޮޑީ މަތިންދާ ބޯޓަށް މަރުހަބާ ކިޔުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އައިލެންޑް އޭވިއޭޝަނަކީ 2000 ވަނަ އަހަރު ހަތަރު މިލިއަން ރުފިޔާގެ ޕެއިޑަޕް ކެޕިޓަލަކުން އުފެއްދި ދައުލަތުގެ 100 ޕަސެންޓު ހިއްސާ ހިމެނޭ ކުންފުންޏެއް ކަމަށެވެ.
އެހެން ނަމަވެސް އެމްޑީޕީގެ ވެރިކަން 2023 ވަނަ އަހަރު ނިމުނުއިރު، އެންމެ ފަސް އަހަރު ދުވަސްތެރޭގައި ކުންފުނި އޮތީ 2 ބިލިއަނަށްވުރެ ބޮޑަށް ދަރަނިވެރިވެފައިކަމަށް ވިދާޅުވިއެވެ. އަދި ކުންފުނީގެ ގިނަ އޮޕަރޭޝަންތަކެއްވެސް ހުއްޓުމަކަށް އައިސްފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ސީ ޕްލޭންގެ ވަރަށް ގިނަ ކޮންޓްރެކްޓް ތައް އޮތީ ކުންފުނިން ގެއްލިފައިކަމަށްވެސް ވިދާޅުވިއެވެ. އަދި ބެންކޮކް މެދުވެރިކޮށް ހިންގަމުން އައި އެ އޮޕަރޭޝާންސްވެސް އޮތީ ހުއްޓިފަކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން، މޯލްޑިވިއަން ގެ އޮޕަރޭޝަންސް އާއި ހިންގުމުގެ ނިޒާމަށް ގެނެސްފައިވާ ބަދަލުތަކާއެކު ކުންފުނީގެ ނަތީޖާ ރަނގަޅުކޮށްގެން ”ރިކަވަރ“ ކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

