ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ދަފްތަރުގައި، އާންމުންނަށް ނޭނގި އެ ރައްޔިތުންގެ ނަން ހިމެނިފައިވާތީ އެ މައްސަލަ ބަލައިދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި އެމްޑީޕީ އެދިއްޖެ އެވެ.
ޕީއެންސީއަށް ވަގަށް މެމްބަރުން ވައްދާކަމަށް ބުނެ، އެމްޑީޕީ ވަނީ މިއަދު އިލެކްޝަންސް ކޮމިޝަނާއި ވެސް ބައްދަލުކޮށްފަ އެވެ. އަދި އެ މައްސަލައިގައި ކަންބޮޑުވުންފާޅުކޮށް ވާހަކަ ވެސް ދެއްކި އެވެ.
އެމްޑީޕީން ބުނެފައި ވަނީ އެ ޕާޓީގެ ގިނަ އަދަދެއްގެ ގައުމީ މަޖިލިސް މެމްބަރުން ޕީއެންސީގެ ދަފްތަރުގައި އޮވެގެން އެކަން ހުށަހަޅާފައި ވެއެވެ. އަދި ބައެއް ފޯމުތަކުގައި ހިމަނާފައި ހުރި މައުލޫމާތުތަކާއި އެކު، ޖަހާފައި ވަނީ އެހެން މީހެއްގެ ފޮޓޯއެއްކަމަށް ވެސް ބުންޏެވެ.
މި މައްސަލައިގައި އީސީއާއި ބައްދަލުކޮށް، އެމްޑީޕީ އެދިފައި ވަނީ ޕީއެންސީގެ ފޯމުތައް ސައްހަތޯ އަލުން ބަލައިދިނުމަށެވެ.
އެމްޑީޕީން ވަނީ މި އަމަލު ހިންގާފައި ވަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެންކަމަށް ތުހުމަތުކޮށްފަ އެވެ.
މައްސަލައިގައި ކުރާ ތުހުމަތުތައް ދޮގުކޮށް، ޕީއެންސީގެ މެމްބާޝިޕް އިތުރު ކުރުމުގައި އިސްކޮށް އުޅުއްވި މުހައްމަދު އިސްމާއިލް ވިދާޅުވީ އޭނާގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދިޔަ ފޯމު ފުރުމުގެ ހަރަކާތްތަކުގައި އެއްވެސް އޮޅުވާލުމެއް ނެތްކަމަށެވެ. އަދި ޕީއެންސީއަށް، އެމްޑީޕީގެ މެމްބަރުން ދަފްތަރު ކުރަމުންދާކަމަށް ބުނެ ކުރާ ތުހުމަތުތަކަކީ، އަމިއްލައަށް އުފައްދައިގެން އުޅޭ ވާހަކައެއްކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ ޕީއެންސީ މަކަރުހަދައި އޮޅުވާލިކަމަށް ބުނެ، އެމްޑީޕީ މައްސަލަ ފުލުހަށް ހުށަހަޅާނަމަ ވެސް ޖަވާބުދާރީވާން ތައްޔާރުކަމަށެވެ. މިދިޔަ 11 މަހުގެ ތެރޭގައި ޕީއެންސީއަށް މެމްބަރުން އިތުރު ކުރަން ކުރި މަސައްކަތުގައި، ބޮޑު ތަރުހީބެއް ލިބުނުއިރު ޕީއެންސީއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

