ގާނޫނު ބުނާ ގޮތުން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން އެބަޖެހެއެވެ. ވުމާއެކު، ބަޖެޓު ފާސްކުރާ ދުވަސްކޮޅާ ދިމާކޮށް، ރަށްރަށުންވެސް ފޯމުސެޓުތައް ގެނެސް އީސީއަށް ހުށަހަޅައެވެ. އަދި މައްސަލައެއް ޖެހުމުން, އެއީ ރަށްރަށުން ފޮނުވި ފޯމުސެޓުތަކަށްވުމާއެކު، އެކަށީގެންވާ ގޮތެއްގައި ޗެކް ނުކުރެވުނީކަމަށްވެސް ބައެއް ޕާޓީތަކުން ބުނެއެވެ.
އޭގެ އިތުރުން، އިންތިޚާބުތަކާ ދިމާކޮށްވެސް ޕާޓީތަކުން މެމްބަރުން ވަގަށް ނަގާ ކަމުުގެ ޝަކުވާ އިތުރުވެއެވެ.
ސިޔާސީ ޕާޓީތަކަށް ވަނުމަށްޓަކައި ފޯމު ފުރުމުގެ ކަންކަން ކުރިއަށް ގެންދަނީ ސިޔާސީ ޕާޓީތަކުންނެވެ. އެ ފޯމު ކޮމިޝަނަށް ހުށަހަޅަނީ އެ ސިޔާސީ ޕާޓީއަކުންނެވެ.
ސިޔާސީ ޕާޓީތަކުގެ މެމްބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމަށް ބަލާއިރު، ޕާޓީތަކުން ހުށަހަޅާ ކޮންމެ ފޯމަކަށް އެ ޕާޓީން ޒިންމާވާނެކަމަށް ބަޔާން ކޮށްފައިވެއެވެ. މާނައަކީ، ސައްހަނޫން ފޯމު ހުށައެޅި ނަމަވެސް، ނުވަތަ އޮޅުވާލައިގެން މީހެއްގެ ނަމުގައި ފޯމު ހުށައެޅި ނަމަވެސް، އެކަމުގައި ޕާޓީތައްވެސް ޒިންމާވާން ޖެހޭ ޙާލަތްތައް އާދެއެވެ.
އެހިސާބުން ދެން އުފެދޭ ސުވާލަކީ އެކަމުގައި އީސީގެ ޒިންމާއަކީ ކޮބައިތޯއެވެ؟ އާންމު ރައްޔިތުމީހާ އުފައްދާ ސުވާލަކީ އީސީއަށް ހުށައަޅާ ފޯމުތަކުގެ މައުލޫމާތުގެ ސައްހަކަން އީސީން ކަށަވަރު ނުކުރަނީތޯއެވެ.
ސިޔާސީ ޕާޓީތަކަށް މެންބަރުން ވައްދާއިރު އޮޅުވާލައިގެން މީހުން ވެއްދުމާއި، އާއްމުންނަށް އެނގުމަކާއި ނުލާ އެ މީހުން އެއް ޕާޓީ އިން އަނެއް ޕާޓީއަށް ބަދަލުކުރުމުގެ މައްސަލަ ފެންމަތިވެފައިވާއިރު، އެ މައްސަލަ ޙައްލު ކުރުމަށް ޕާޓީތަކަށް މެންބަރުން ވައްދާ ފޯމުތަކަށް އެ ކޮމިޝަނުން ވަނީ ބަދަލުވެސްގެނެސްފައެވެ.
ޕާޓީތަކުން ހުށަހަޅާ ފޯމުގެ ސައްޙަކަން އިތުރަށް ކަށަަވަރު ކުރުމަށް، ފޯމުގައިވާ ފޯނު ނަންބަރަށް އެސްއެމްއެސް ކުރުމާއި، އީސީގެ ވެބްސައިޓުގައި ފޯމުގެ މަޢުލޫމާތު ހިމަނައި ޝަކުވާ ހުށަހެޅުމަށް 7 ދުވަސް ދިނުން ފަދަ ބަދަލުތައް ހިމެނެއެވެ.
ހުށަހެޅޭ ފޯމުގައި ޖަހާފައިވާ ފިންގަރ ޕްރިންޓަކީ ”ރީޑަބަލް“ އަދި ސާފު ފިންގަރ ޕްރިންޓެއް ނަމަ، އަދި އެ ފޯމަށް ޒިންމާވެ ފޯމު ހުށައެޅި ސިޔާސީ ޕާޓީން އެކަމުގެ ޔަގީންކަންދީ ހެކިވެރިން ސޮއިކޮށްފައިވާނަމަ، އީސީން ބަލަނީ އެއީ ސައްހަ ފޯމެއް ކަމަށެވެ.
ރާއްޖޭގައި އެކަށީގެންވާ ފިންގަރ ޕްރިންޓް ނިޒާމެއް ނެތުމަކީ އޮޅުވާލައިގެން ޕާޓީތަކަށް މީހުންް ވެއްދުމުގެ މައްސަލަ ދިމާވާ އެއް ސަބަބެވެ.
މިއީ އަބަދުވެސް ހިނގާ ކަމެއް ނަމަވެސް، ޕާޓީތަކަށް ވަނުމަށް އެދި ހުށަހަޅާ ފޯމުގައި އެންމެ ފުރަތަމަ ފިންގަރ ޕްރިންޓް ޖެހުމަށް ލާޒިމުކުރި ހިސާބުން މި މައްސަލަ ކޮންމެވެސް ވަރަކަށް މަދުވެގެން ދިޔައެވެ.
އޭރު ފިންގަރ ޕްރިންޓާ ގުޅިގެން މައްސަލައެއް ދިމާވެއްޖެނަމަ ފުލުހުންގެ އެހީތެރިކަންވެސް އީސީން ގެންދިޔައީ ހޯދަމުންނެވެ. އެހެންނަމަވެސް، ފުލުހުންގެ އަތުގައިވެސް ހުރިހާ އެންމެންގެ ފިންގަރ ޕްރިންޓެއް ނުހުރެއެވެ.
ފުލުހުންނެކޭ އެއްގޮތަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަދި އިލެކްޝަންސް ކޮމިޝަނުގައިވެސް އެކަށީގެންވާ ފިންގަރ ޕްރިންޓް ޑޭޓާބޭސްއެއް ނުހުރެއެވެ. ވުމާއެކު، މައްސަލައެއް އުފެދިއްޖެ ހާލަތެއްގައި ކަމެއް ސާބިތު ކުރުމަށް އެކަށީގެންވާ ނިޒާމެއް ރާއްޖޭގައި ގާއިމުވެފައެއް ނެތެވެ.
ފިންގަރ ޕްރިންޓް ވެރިފިކޭޝަން ނެތްނަމަވެސް، އީސީއަށް ހުށަހަޅާ ފޯމުގައިވާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތޯ އެ ކޮމިޝަނުން ޗެކް ކުރެއެވެ. މާނައަކީ މީހާގެ ނަމާއި އައިޑީކާޑު ދިމާވޭތޯއާއި، އޭނާގެ މައުލޫމާތުތައް ސައްހަތޯ އީސީން ޗެކްކުރެއެވެ. އެއަށްފަހު ސައްހަ ފޯމެއް ނަމަ، އެ ފޯމެއް ޕްރޮސެސްކުރަނީ ސިޔާސީ ޕާޓީން ދީފައިވާ ޔަގީންކަމުގެ މައްޗަށެވެ.
ފިންގަރ ޕްރިންޓް ވެރިފިކޭޝަން ހެދުމަށްފަހު ފޯމުތައް ޕްރޮސެސް ކުރުމަށް އެކަށީގެންވާ ނިޒާމެއް ގާއިމުކުރުމަކީ، އުނދަގޫ, އަދި ގޮންޖެހުންބޮޑު ކަމަކަށްވާނެއެވެ. އެހެންނަމަވެސް ކޮންމެ ބަދަލުތަކެއް ގެނެސްގެންވެސް މި މައްސަލަ ޙައްލު ކުރުމަކީ މުހިއްމު ކަމެކެވެ. ޕާޓީތަކުން މެމްބަރުން ”ވަގަށް ނަގާކަމުގެ“ ޝަކުވާއަކީ ނިމުމެއް ނެތް ޝަކުވާއަކަށް ވެގެން ނުވާނެއެވެ. މި މައްސަލައަށް ދާއިމީ ޙައްލެއްދުމަށްޓަކައި، ސަރުކާރާއި އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތައް ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. އަދި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް، މިފަދަ ޢަމަލުތަކަކީ ޤާނޫނާ ޚިލާފު ކަންތައްތަކެއްކަން އަންގައިދިނުމަކީވެސް ކުރަންޖެހޭނެ ކަމެކެވެ.
ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ރުކުނަކީ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމެވެ. އެހެންކަމުން، ރައްޔިތުންގެ ސިޔާސީ ޙައްޤުތަކަށް އުނިކަމެއް އަތުވެދާނެ ފަދަ ކަންތައްތަކުން ސަލާމަތްވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަކީ ދައުލަތުގެ ޒިންމާއެކެވެ. މިގޮތުން، ޕާޓީތަކަށް މެންބަރުން ވެއްދުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން މި ކަންކަން ކުރިއަށް ގެންދިއުމަކީ ވިސްނާލަންޖެހޭ ކަމެކެވެ.
ހަމައެހެންމެ، މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކަށް ދެވޭ އަދަބުތައް ހަރުކަށިކޮށް، މިފަދަ ޢަމަލުތައް ހިންގުމަށް ހިތްވަރު ލިބޭފަދަ މާޙައުލެއް ނޯންނާނެ ގޮތަކަށް ކަންކަން ބައްޓަންކުރުމަކީވެސް މުހިންމު ކަމެކެވެ. މިގޮތުން، ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނެސް، މި ކަމުގައި ޝާމިލުވާ ފަރާތްތަކަށް ހަރުކަށި އަދަބު ދެވޭނެ ގޮތް ހެދުމަކީ ވިސްނާލަންޖެހޭ ކަމެކެވެ.

