ބޭރު ފައިސާގެ ގާނޫނެއް އެކުލަވާލައި އަމަލު ކުރަން ފަށާފައިވާއިރު އަހަރެއްގެ ތެރޭގައި ކާޑު ލިމިޓު ބޮޑުކޮށް، ޑޮލަރުގެ ކަޅު ބާޒާރު އެއްކޮށް ނައްތާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިވަގުތު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޖުމްލަ ގޮތެއްގައި ފާހަގަކުރައްވާފައި ވަނީ ވެރިކަމަށް އައުމަށް އެކުލަވާލި މެނިފެސްޓޯ ތަންފީޒު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެވެ. އެގޮތުން ނިމިދިޔަ އަހަރު ދިމާވި ބަޖެޓުގެ ދަތިތަކުގެ ސަބަބުން މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގައި ގޮންޖެހުންތައް ދިމާވި ނަމަވެސް ރާއްޖޭގެ އިގްތިސާދާއި މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
ރޭ ގދ. ފިޔޯރީއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، އެއް އަހަރު ދުވަހު ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ފައިސާ ޗާޕާކޮށް ލޯނު ނުނަގައި ކުރިޔަށް ދާން މަސައްކަތް ކުރެއްވިކަމަށެވެ. އަދި އެކަން ކާމިޔާބުވެސްވެފައިވާކަމަށް ފާހަގަކޮށް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ވެސް އެމަނިކުފާނުގެ އަޒުމަކީ އެއީކަމަށެވެ.
ރައީސް ވިދާޅުވީ ހައްލު ކުރަން ޖެހޭ ގިނަ މައްސަލަތަކުގެ ތެރެއިން ސަރުކާރުން އެޅި އެންމެ މުހިންމު އެއް ފިޔަވަޅަށް ވެގެންދާނީ ޑޮލަރުގެ މައްސަލަ ހައްލު ކުރުންކަމަށެވެ. އަދި އެކަމަށް ގަވައިދެއް އެކުލަވާލުމަށް ފަހު ގާނޫނީ ބާރުވެރިކަން ދިނުމުގެ ގޮތުން ވެސް ކުރެވުނު މަސައްކަތާއި އެކު މަޖިލީހަށް ބިލެއް ހުށަހަޅައި ފާސްކުރެވުނު ގޮތަށް މި އަހަރު އަމަލު ކުރަން ފަށާފައިވާކަމަށް ވިދާޅުވި އެވެ.
”ޑޮލަރުގެ ދަތިކަން އޮތީމަ އަޅުގަނޑުމެން ވަނީ ގާނޫނެއް ފާސްކޮށް އަމަލު ކުރަން ފަށާފައި.. މިހާރު މަޖުބޫރު ވާނެ ރިސޯޓުތަކަށް ވެސް އަދި އެކިއެކި އިންޑަސްޓްރީތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ވެސް ބޭންކަށް ޑޮލަރު މާރުކުރަން.. 500 ޑޮލަރު ޓޫރިސްޓަކަށް އަދި އެކިއެކި ކުންފުނިތައް ނުވަތަ އެކި ވަރުވަރުގެ އިންޑަސްޓްރީތަކުން ކުންފުނިތަކުން ނޫނިއްޔާ ވިޔަފާރިތަކުން ތަފާތު ވަރުވަރަށް މާރު ކުރަން ޖެހޭނެ.. ގާނޫނެއް ހަދައި، ގެޒެޓުކޮށް މިހާރު އަމަލު ކުރަން ޖެހޭނެ..“
ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސްވިދާޅުވި އެވެ. އަދި ވިޔަފާރި ވެރިންނަށް ޓީޓީ ހެދުމުގައި ލުއިތަކެއް ލިބި ބޭރުގައި ދިރިއުޅެމުންދާ ދިވެހިންނަށް ބޭނުންވާ ޑޮލަރު ހޯދުމުގައި ފަސޭހަތަކެއްވުމުގެ އިތުރުން ކާޑުގެ ލިމިޓް ވެސް އިތުރު ކުރުމަށް މަގުފަހިވެގެން ދާނެކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ގާނޫނު ތަންފީޒު ކުރުމަށް ފެށުމާއި އެކު ޑޮލަރުގެ ކަޅު ބާޒާރު ވެސް ނައްތާލެވޭނެ ކަމަށެވެ. އަދި ގާނޫނަށް އަހަރެއް ވެގެންދާއިރު، ސަރުކާރުގެ އަމާޒަށް ވަސިލުވޭނެކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހުރިހާ ވިޔަފާރިއަކުން ވެސް ގާނޫނާއި އެއްގޮތަށް ޑޮލަރު މާރު ކުރަން ފެށުމުން އެތައް މައްސަލައަކަށް ހައްލު ލިބިގެންދާނެކަމަށެވެ.
ފަތުރުވެރިކަމުގެ ކަމާއި ގުޅުން ހުރި ފަރާތްތަކާއި ބައްދަލުކޮށް ހުށަހެޅި ހިޔާލާއި މަޝްވަރާތަކަށް އެގޮތަށް ގާނޫނު ފާސްކޮށްފައި ވަނީ ޑޮލަރު މާރުކުރުމުން އިސްތިސްނާވާ އުމުރު 10 އަހަރުން 12 އަހަރަށް މަތިކުރުމަށް ފަހު އެވެ. އަދި ރިސޯޓަކުގައި މާލީ ދަތިކަމެއް ހުރިނަމަ، އާމްދަނީގެ 20 ޕަސެންޓަށް ވުރެ މަދުން ދައްކަން އެދުމުގެ އިޚުތިޔާރު ދީފައި ވެއެވެ. ނަމަވެސް އެ ލުއި ދެވޭނީ އެކަން އެމްއެމްއޭއަށް ސާބިތުކޮށްދިނުމުން ކަމަށް ގާނޫނު ބުނެއެވެ.

