ކައުންސިލްތައް ކުޑަކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، މެމްބަރުންގެ އަދަދު މަދު ކުރުމުގެ ބަދަލުގައި އިތުރު ހިޔާލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.
ހަރަދު ކުޑަ ކުރުމަށްޓަކައި އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ހުރިކަން ރައީސް ފާހަގަކުރެއްވި އިރު، މީގެ ކުރިން ވެސް ސަރުކާރުން ވަނީ ބައެއް ނިންމުންތަކެއް އިއުލާނުކޮށްފަ އެވެ. އޭގެ އިތުރުން ރައީސް ބައިވެރިވެވަޑައިގެންނެވި ބައެއް ޖަލްސާތަކުގައި ބައެއް ހިޔާލުތައް ހުށަހަޅުއްވައި، އެއީ މަޝްވަރާ ކުރެވިދާނެފަދަ ބަދަލުތަކެއްކަމަށް ވިދާޅުވެފަ އެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެނައުމާއި އެކު، ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމަކީ މި ސަރުކާރުގެ ވިސްނުމެކެވެ. އެގޮތުން އެ މަސައްކަތް ކުރުމުގައި އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ކުރިޔަށްދާއިރު ރައީސް ވަނީ އަނެއްކާވެސް އިތުރު ހިޔާލެއް ހިއްސާ ކުރައްވާފަ އެވެ.
މިރޭ އަޅުގަނޑު މި ވާހަކަތައް ދައްކާއިރު އަޅުގަނޑު ދޫކޮށްލާ ހިޔާލެއް.. ޕަބްލިކް ޑިބޭޓަށް އަޅުގަނޑު ހުށަހަޅާލާ ހިޔާލެއް.. ކުރިން ވެސް އަޅުގަނޑު ވާނީ ކައުންސިލްތަކުގެ ކޮމްޕޮޒިޝަން ނުވަތަ ސައިޒު ކުޑަކުރަން ޖެހޭކަން ހިޔާލުފާޅުކޮށްފަ.. އަދި އެކަމަށްޓަކައި މަޝްވަރާ ކުރެވި ރައްޔިތުންގެ ހިޔާލާއި ކަމާއިބެހޭ ހުރިހާ އެންމެންގެ މަޝްވަރާއާއި އެކީގައި.. ގެންނަންވާ ބަދަލުތައް ގެންނާނެކަމަށް.. މިގޮތުން ބަލާއިރު އެއް ކަންބޮޑުވުމަކަށްވީ ކައުންސިލްތަކުގެ އަދަދު މަދުކޮށްފިއްޔާ ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް އަސަރު އެބަކުރެއޭ މާ މީހުން މަދުވީމަ.. އެއީ އެއް ހިޔާލު.. އެއް ވިސްނުން… މުޅިން އެއާއި އެއްގޮތަށް ކަންކަން ވާނީއެއް ނޫން، އެހެން ނަމަވެސް އެއީ އޮތް ކޮންސާންއެއް..
ރައީސް ވިދާޅުވީ މިހާރު ނިޒާމު އޮތް ގޮތުން ހަރަދު ބޮޑުކަމަށާއި، އެހެންކަމުން ހައްލު ގެންނަން ޖެހޭނީ އެ މައްސަލައަށް ކަމަށެވެ. އަދި ރަށުގެ އާބާދީއަށް އެކަށިގެން ނުވާވަރަށް ވުރެ އިތުރަށް ކައުންސިލް މެމްބަރުންތަކެއް ތިބުމަކީ އެއީ ހަރަދު ބޮޑު ގޮތެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޖުމްލަކޮށް ހުރިހާ ކަންބޮޑުވުމަކަށް ވިސްނައި، ރައީސް ހުށަހެޅުއްވީ ކައުންސިލް މެމްބަރުންގެ އަދަދު މަދު ނުކޮށް ފުލްޓައިމްކޮށް ތިބޭނީ ހަމައެކަނި ކައުންސިލް ރައީސާއި ނައިބު ރައީސްކަމަށް ކަނޑައެޅުއްވުމެވެ.
ދެން މިހާރު ވެސް ތިބޭ އަދަދަށް ކައުންސިލަރުން އިންތިހާބު ކުރާނީ.. އެހެން ނަމަވެސް އެއީ ކޮންމެ ޖަލްސާއަކަށް ވަކި އެލަވަންސެއް ލިބޭ ގޮތަށް.. ސިޓިންއަށް އެލަވެންސް ދޭގޮތަށް… ތަރައްގީވެފައި އޮންނަ ގިނަ ގައުމުތަކުގައި އޮންނަ ގޮތް އެއީ.. އެގޮތަށް ތިބޭ ކައުންސިލަރުން ތިބޭނީ.. އެހެން ހެދީމަ ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް ބަދަލެއް ނާދޭ.. އަސަރެއް ނުކުރޭ..
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހުށަހެޅުމަކީ ކައުންސިލްގެ މެމްބަރުން މިހާރުގެ އަަދަދަށް އިންތިހާބު ކުރި ނަމަވެސް ރައީސާއި ނައިބު ރައީސް ނޫން މެމްބަރުންނަށް ބައިވެރިވާ ޖަލްސާތަކަށް އެލަވަންސް ދިނުމެވެ. މިއީ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް އަމަލު ކުރަން އަންނަ ގޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ބަދަލުން ޑިމޮކްރަސީގެ އަސްލެއް ވެސް ގެއްލިގެން ނުދާނެކަމަށެވެ.
ކައުންސިލްތައް ޒިންމާދާރުކަމާއި އެކު، ރައްޔިތުންގެ އަތްފޯރާފަށަށް ގެނައުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކެއް ހުރިއިރު އެ ހުށަހެޅުންތައް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސް ހާމަކުރެއްވީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. ކައުންސިލްތަކުގައި އާބާދީގެ ނިސްބަތުން ގިނަ އަދަދެއްގެ މެމްބަރުން ތިބިއިރު، ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު ވެސް ގިނަކަން އޭރު ރައީސް ފާހަގަކުރެއްވި އެވެ.
ގާނޫނަށް އިސްލާހު ގެނައުމުން އޭގެ ފައިދާ ކުރާނީ ވެސް ރައްޔިތުންނަށްކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނައުމަށް، ފައިސާތައް ވެސް ހުންނާނެކަމަށް ވިދާޅުވި އެވެ.

