މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މައުމޫން (ގޭސް މާނު) ގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި އަޑުއެހުމުގައި އޮތީ ދައުލަތުން ދައުވާތައް ސާފުކޮށްދިނުމާއި، ދައުވާތައް އިއްވުމެވެ. އެގޮތުން ދައުލަތުން 7 ދައުވާއެއް އުފުލާފައިވެއެވެ. އެއީ ރިޝްވަތު ހިފުމުގެ ކުށުގެ 7 ދައުވާއެކެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މައުމޫން ހުންނެވި ދުވަސްވަރު ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް ހަވާލު ކުރި ކުންފުނިން މައުމޫނާއި އޭނާއާއި ގާތް ގުޅުން ހުރި މީހުންގެ އެކައުންޓުތަކަށް އެކި ފަހަރު މަތީން 298،000 ޑޮލަރު ނުވަތަ ދިވެހި ފައިސާއިން ބަލާނަމަ ހަތަރު މިލިއަން ރުފިޔާ ޖަމާކުރިކަމަށް ތުހުމަތު ކުރެ އެވެ. އެއީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާކަމަށް ބަލައި އޭނާގެ މައްޗަށް ތަހުގީގު ހިންގީ އެހެންވެ އެވެ.
މި މައްސަލަ މިހާ ބޮޑަށް ދިގުލައިގެން ދިޔަ ސަބަބެއްކަމަށް އޭރު އޭސީސީން ބުނެފައި ވަނީ މައުމޫން ރާއްޖެއިން ބޭރުގައި ހުންނެވުމުގެ ސަބަބުން ތަހުގީގަށް ހުރަސްތަކެއް އެޅިފައިވުމެވެ. އަދި ރާއްޖެއިން ބޭރުގައި ހުންނަ މީހަކު ތަހުގީގަކަށް ހާޒިރު ކުރުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތަކެއް ހުރުމުގެ ސަބަބުން ވެސް ދަތިތަކެއް ދިމާވިކަމަށް ކޮމިޝަނުން ބުންޏެވެ.
ބުދަ ދުވަހުގެ އަޑުއެހުމުގައި ދައުވާތައް ސާފުކޮށް، ދައުވާ އިއްވުން ކުރިއަށް ގެންގޮސްފައިވާއިރު، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދިފާއުން ދައުވާތަކަށް ޖަވާބުދާރީވުމެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

