ކުޑަ ރަށެއް ބޮޑުރަށެއް ނުބަލައި، ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ޚިދުމަތް ދެއްވުމަކީ ސަރުކާރުގެ އަމާޒުކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގދ ރަތަފަންދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ކުޑަ ރަށެއް ބޮޑުރަށެއް ނުބަލައި، ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ޚިދުމަތް ދެއްވުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ގާތަށް ގޮސް، ރައްޔިތުން ބޭނުންވާ ކަންކަން ސާފު ކުރުމަކީ ސަރުކާރުން ބޭނުންވާ ގޮތް ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ އަމަލީ ގޮތުން ނަތީޖާ ނެރެދިނުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖައްސަވައިދެއްވާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ދެން
ރައީސް ވިދާޅުވީ، ރަތަފަންދޫގެ ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަށް ސަރުކާރުންވެސް މަސައްކަތް ކުރާނެ ކަަމަށެވެ. އޭގެ ތެރޭގައި ބަނދަރުގެ މަޝްރޫއާއި، ކައުންސިލުގެ މަސައްކަތްތަކާއި، ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމު ކޮށްދިނުން ހިމެނެއެވެ.
ސަރުކާރުން އެންމެ އިސްކަމެއްދޭ ކަންކަމުގެ ތެރޭގައި ސިއްޙީ ދާއިރާއާއި ތައުލީމީ ދާއިރާ ހިމެނޭކަން ފާހަގަ ކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، ރަތަފަންދޫގައިވެސް އެ ދާއިރާއިން ހުރި މައްސަލަތައް ޙައްލު ކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ބަޖެޓުގައިވާ މަޝްރޫއުތަކަށް އަމަލީ ސިފަ ޖެއްސުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށާއި، ކުރިއަށް އޮތް 3 އަހަރު ތެރޭގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުދިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން، މިދިޔަ ސަރުކާރުން ފަށައި، ހުއްޓިފައި ހުރި ގިނަ މަޝްރޫއުތައް އެކި ރަށްރަށުގައި އެބަހުރިކަން ފާހަގަ ކުުރައްވައި ރައީސް ވިދާޅުވީ، އެ މަޝްރޫއުތަކުގެ މަސައްކަތްތައް ނިންމުމަށް ސަރުކާރުން ރޭވުންތެރިކަމާއެކު މަަސައްކަތް ކުރައްވާނެކަމަށެވެ.

