އިދިކޮޅު އެމްޑީޕީން މިރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.
މިރޭގެ 09:00 ގައި ކުރިޔަށް ގެންދާ މި ބައްދަލުވުމަކީ، ގައުމީ މަޖިލިސް މެމްބަރުންނަށް އެކަނި ވަދެވޭ ގޮތަށް ސިއްރުކޮށްގެން ކުރިޔަށް ގެންދާ ބައްދަލުވުމެކެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި އޭގެ ފަހުން އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕާޓީއަށް ލިބުނު ނާކާމިޔާބީއާއި ގުޅޭ ރިޕޯޓު ތައްޔާރުކޮށް ނިމިފައި ވަނިކޮށެވެ.
މި ރިޕޯޓު ނިމި ޕާޓީގެ މަސައްކަތްތަކާއި ގުޅޭ މަގުޗާޓެއް އެކުލަވާލައި، ހިންގުމަށް ބަދަލުތައް ގެނައުމަށް ވަނީ ނިންމާފަ އެވެ.
”ސަންގު“ އާއި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ރިޕޯޓުގައިވާ އިރުޝާދުތަކާއި އެއްގޮތަށް މަގު ޗާޓެއް އެކުލަވާލުމުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މިދިޔަ ހަ މަސް ދުވަހު ކުރި މަސައްކަތްތަކުގައި، ރިފޯމް އެޖެންޑާގެ ދަށުން ޕާޓީގެ ހިންގުމަށް ވެސް ބަދަލުތައް ގެނައުން ހިމެނޭކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ޕާޓީގެ ހިންގުމާއި ގުޅޭ މަސައްކަތުގައި، އަސާސީ ގަވައިދަށް ބަދަލު ގެނައުން ހިމެނޭކަމަށެވެ. އަދި އެ އިސްލާހުތައް ދެން އޮންނަ ކޮންގްރެސްއަކަށް ހުށަހަޅައިގެން ކުރިޔަށް ގެންދާނެކަމަށް ވިދަޅުވި އެވެ.
2023 ގެ ރިޔާސީ އިންތިހާބާއި، 2024 ގެ މަޖިލިސް އިންތިހާބަށް ފަހު ދެން އެންމެ އަވަހަށް އޮންނާނީ 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެވެ.

