ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ހާރިޖީ ވަޒީރު ވާންގް ޔެއީ ރާއްޖެ ވަޑައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ދެއްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން ޒަމާނުއްސުރެ ފޯރުކޮށްދެމުން އަންނަ ދީލަތި އެހީތެރިކަން ފާހަގަ ކުރައްވައި، ޝުކުރު އަދާ ކުރައްވައިފަ އެވެ.
ރައީސް އޮފީހުން ބުނެފއިވަނީ ރައީސް މުއިއްޒު ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ސޮއި ކުރެއްވި އެއްބަސްވުންތަކަށް އަމަލު ކުރުމާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އަވަސް ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައފައިވާ ކަމަށެވެ. ސޯޝަލް ހައުސިން އާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ ދިވެހި ރައްޔިތުންނަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަތައް ފާހަގަ ކުރައްވައި، އެކަން ހައްލު ކުރުމަށް ޗައިނާގެ އެހީތެރި ކަމަށް ވާންގް އަރިހުން ރައީސް އެދިވަޑައިގަތެވެ.
މީގެއިތުރުން ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މަސްވެރިކަމާއި ދަނޑުވެރިކަން އިތުރަށް ފުޅާކޮށް، ތަރައްގީ ކުރުމުގައި ޗައިނާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒު އަކީ ޗައިނާއިން ވަރަށް އިތުބާރުކުރާ ގާތް ރަހުމަތްތެރިއެއް ކަން ފާހަގަ ކުރައްވައި، ވާންގް ވަނީ ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށް ޗައިނާ ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ ތަރައްގީގެ ތަސައްވުރަށް ތައުރީފު ކުރައްވައި، ވާންގް ވަނީ ޗައިނާގެ އެހީގައި ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އަވަސް ކުރުމުގައި އެހީތެރިވެދިނުމަށް ތައްޔާރަށް ހުންނެވި ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.ޗައިނާ ސަރުކާރުގެ ”ވަން ޗައިނާ“ ޕޮލިސީއަށް ރާއްޖޭން ކުރާކަން ތާއީދު ފާހަގަ ކުރައްވައި، ވާންގް ވިދާޅުވީ ސައިޒުގެ ގޮތުން ދެ ގައުމުގެ ކިތަންމެ ތަފާތުވި ނަމަވެސް، ދެ ގައުމު ގުޅިގެން ތަރައްގީ އާއި ކުރިއެރުމަށް މަސައްކަތް ކުރެވޭނެ ކަން ރާއްޖެ އާއި ޗައިނާ އިން ސާބިތުކޮށްދީފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ އިތުރު ދާއިރާތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. ރާއްޖެއަށް ވާންގް ކުރެއްވި ދަތުރަށްފަހު، މިރޭގެ ވަގުތެއްގައި ވަނީ ފުރާވަޑައިގެންފަ އެވެ.

