11 ޑިސެމްބަރު 2024 ގައި ހުޅުމާލެ ނިރޮޅުމަގުގެ އެމްޑަބްލިއުއެސްސީ ކައިރީގައި ޓެކްސީ ޑްރައިވަރުން ހިންގި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހަކު ދިިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިިއުނާފީ މައްސަލަ ބޭރުކޮށްލައިފިއެވެ.
މި މައްސަލައިގެ އިސްތިއުނާފު ހުށަހެޅި ފަރާތަކީ އެސަރަހައްދުގެ މަގު ބަންދުކޮށް، އާންމުދަތުރުފަތުރަށް ހުރަސްއަޅައި އެ ސަރަހައްދުގައި ހަރަކާތްތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އެ ސަރަހައްދުގެ އަމަން ނަގާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރި ފަރާތެކެވެ. އެގޮތުން ހައްޔަރު ކޮށްފައިވަނީ މިޞްބާޙު ޝަރީފު ނަމަކަށް ކިޔާ މީހެކެވެ.
އެ މައްސަލައިގައި ހައްޔަރުކޮށް އޭނާ ބަންދު ކުރުމަށް އަމުރު ކުރުމުން އޭނާގެ ފަރާތުން މި މައްސަލައިގެ ކޯޓު އަމުރު ހައިކޯޓުުގައި އިސްތިއުނާފު ކުރީއެވެ.
މިޞްބާޙް ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އޭނާގެ ބަންދާމެދު ގޮތް ކަނޑައެޅުމަށް ދަށު ކޯޓަށް ހުށަހެޅުނު ހެއްކަކީ އިންޓެލިޖެންސް ރިޕޯޓަކާއި ފުލުހުންގެ ބަޔާން ކަމަށެވެ.
މި އިސްތިއުނާފާ ގުޅިގެން އުލަތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކުގައި ޤާނޫނީ ބަހުސެއް ނެތް ކަމަށާއި، އެހެންކަމުން އެކަމާ ގުޅިގެން އިޖުރާއީ ނުކުތާ ހުށަހަޅާކަމަށެވެ. އެގޮތުން އިސްތިއުނާފީ ނުކުތާތަކުގައި ދަށުކޯޓުގެ ފަނޑިޔާރު ހަދާފައިވާ ޤާނޫނީ ގޯހެއް ބަޔާންކޮށްދެވިފައި ނުވާތީ މި އިސްތިއުނާފަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރާ މައްސަލައެއް ކަމަށް ކަނޑައަޅައިދިނުން އެދޭ ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ދައުލަތުން ބުނެފައިވަނީ މި މައްސަލައިގައި މިޞްބާޙް ޝަރީފްގެ ބަންދާމެދު ގޮތް ކަނޑައެޅުމަށް ދަށު ކޯޓަށް ހުށަހެޅުނީ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓު ނޫން ކަމަށާއި، ފުލުހުންގެ ބަޔާންތައްވެސް ހުށަހެޅިފައިވާކަމަށެވެ. އަދި އެ ބަޔާންތަކުގައި މިޞްބާޙް ޝަރީފް ޢަމަލުކުރިގޮތް ސާފުކޮށް ބަޔާންކޮށްފައިވާކަމަށްވެސް ދައުލަތުން ބުނެއެވެ.
އެހެންކަމުން އެ ކަންކަމަށް ރިއާޔަތް ކުރައްވައި ހައިކޯޓުުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންވެސް ނިންމަވާފައިވަނީ މި މައްސަލައިގެ އިސްތިިއުނާފު ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށެވެ.
އެގޮތަށް ނިންމަވާފައިވަނީ ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ. އެއީ ފަނޑިޔާރު ހުސައިން މަޒީދު، އިސްފަނޑިިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުޙައްމަދު ފައިސަލްއެވެ.

