ޑްރަގް ފައިސާއިން މަނީ ލޯންޑަރ ކުރިކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި ބަޔަކު ޝަރީއަތް ނިމެންދެން ބަންދުކުރި ގޮތް ގޯސްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސް އަދި ތަހުގީގަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި، 2024 ޑިސެންބަރު 9 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ . ޏ. ފުވައްމުލައް / ދޫޑިގަން، ކަރަންކާވިލާ، އަޙްމަދު ނިއުޝާދުއާއި ޏ. ފުވައްމުލައް / ދޫޑިގަން، ޒަމާނީގެ، ޙަސަން ޢާޒިމްއެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެމީހުންނަކީ ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ”އޮޕަރޭޝަން ވެށި ރައްކަލް“ ގެ ދަށުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ބައެކެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި ފާއިތުވި 5 އަހަރު ތެރޭގައި އަޙްމަދު ނިއުޝާދުގެ ބޭންކު އެކައުންޓް މެދުވެރިކޮށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވެއެވެ. އަދި ފާއިތުވި 2 އަހަރު ތެރޭގައި ޙަސަން ޢާޒިމްގެ ބޭންކު އެކައުންޓް މެދުވެރިކޮށް 7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާކަމަށްވެސް މައުލޫމާތު ދެއެވެ.
އެމީހުން ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކޮށްފައިވެއެވެ. އަދި އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރުމުންނާއި، އެމީހުން ދޫކޮށްލައިފިނަމަ ހެކިބަސްދޭން ތިބި ފަރާތްތަކަށް ނުފޫޒުފޯރުވަފާނެ ކަމަށް ފެންނާތީއާއި، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ޝަރީޢަތަށް ޤަބޫލު ކުރެވޭތީ އެ ދެމީހުންވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އެ އަމުރު އެމީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޯޓުން ވަނީ އެމީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރު ބާތިލުކޮށުްފައެވެ. އެގޮތުން މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު އަމުރު ނެރުއްވިއިިރު، ތުހުމަތުކުރެވޭ ކުށް އެމީހުން ކުރިކަމަށް ”ކޮންމެވެސް މިންވަރެއްގެ“ ހެކި ހުރިކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، ހެކީގެ ނިސްބަތް އެ މިންވަރަށް ހުންނަ ޙާލަތުގައި އިސްތިއުނާފުކުރާ ފަރާތްތައް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމި ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.
މީގެ އިތުރުން، ދަށުކޯޓުގެ ނިންމުމުގައި އޮތް ގޯހަކީ އެކަމުގެ ސަބަބުން އެ އަމުރުގެ ޞައްޙަކަމަށް އަސަރު ނުކުރާނެ އިޖުރާއީ އައިބެއްގެ ގޮތުގައި ދައުލަތުން ފާހަގަކޮށް އެ އަމުރު ދަމަހައްޓައިދިނުމަށް ހައިކޯޓުގައި އެދުނު ނަމަވެސް، ދަށުކޯޓުން ނިންމާފައިވާ މި ނިންމުމަކީ އެ އަމުރުގެ ޞައްޙަކަމަށް އަސަރު ނުކުރާނެ އިޖުރާއީ އައިބެއްގެ ގޮތުގައި ބަލަންޖެހޭ ޤާނޫނީ އަސާސެއް ދައުލަތަށް ބުނެދެވިފައި ނެތްކަންވެސް ފަނޑިޔާރުން ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން ފަނޑިޔާރުން ވަނީ އެމީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނެރުނު އަމުރުތައް ބާތިިލުކޮށްފައެވެ.
ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުޙައްމަދު ފައިސަލް، ފަނޑިޔާރު ޙަސަން ޝަފީއު އަދި ފަނޑިޔާރު ހުސައިން މަޒީދުއެވެ.
މި މައްސަލައާ ގުޅިގެން މީގެ އިތުރުންވެސް 21 މީހެއްގެ އަދި 2 ކުންފުންޏެއްގެ އެކައުންޓް ކޯޓު އަމުރުގެ ދަށުން ވަނީ ހިފަހައްޓާފައެވެ. އަދި މި ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

