ހުޅުމާލޭގެ ފޭސް 2 ގައި ހުރި ސްޓެލްކޯގެ 2 ޓްރާސްފޯމަރަކަށް ރޭގެ ވަގުތެއްގައި ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.
ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވީ ހުޅުމާލޭގެ ފޭސް 2 ގައި ހުންނަ ހައި-ވޯލްޓޭޖް (އެޗްވީ) ދެ ޓްރާންސްފޯމަރަކަށް ބަޔަކު ގަސްދުގައި ގެއްލުން ދިނުމުގެ ސަބަބުން ކަރަންޓު ވިއުގައަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެ ޓްރާންސްފޯމަރުތައް ބަހައްޓާފައި ހުރި ތަނަކީ ބައުންޑަރީ ފާރެއް ލައި، ޑަބަލް ލޮކެއް ވެސް ލައި ސެކިއުރިޓީ ވަރުގަދަކޮށްފައި ހުރި ތަނެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.
އެހެންނަމަވެސް ބަޔަކު ވަދެ ގޭޓުތައް ހަލާކުކޮށް، ތަޅުތައް ހަލާކުކޮށް، އަދި އެޗްވީ ސިސްޓަމަށް ގެއްލުންދީފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ. އެ ތަނަށް ގެއްލުން ދިނުމަށް އެޗްވީ ސްވިޗުތައް ނިއްވާލާފައި ހުރި ގޮތުން އެކަމުގައި ބައިވެރިވި ބަޔަކީ ޓްރާންސްފޯމަރު ސިސްޓަމްތަކާއި އޮޕަރޭޝަންތަކުގެ ޓެކްނިކަލް މައުލޫމާތު އެނގޭ ބައެއްކަމަށްް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ މުހިންމު ވަސީލަތްތަކަށް ގެއްލުން ދިނުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި ކަރަންޓުން ޖެހުމާއި ބޮޑެތި އަނިޔާތައް ލިބުމާއި އަދި މަރުވުމުގެ ނުރައްކާ ވެސް ކުރިމަތިވެދާނެ ކަމަށެވެ. އަދި އޭގެ ގެއްލުން ލިބޭނީ ހަމައެކަނި އެ ކަން ކުރާ މީހުންނަށް ނޫން ކަމަށާއި އެންމެންނަށް ވެސް ނުރައްކާ އޮތް ކަމަށް ފަހުމީ ވިދާޅުވިއެވެ.
އެމްޑީ ވިދާޅުވީ ޓްރާންސްފޯމަރުތަކަށް ގެއްލުން ދޭން އުޅެނިކޮށް މިދިޔަ އަހަރު ބަޔަކު މަރުވި އިރު، މި ކަހަލަ އަމަލުތަކުގެ ސަބަބުން އަނެއްކާވެސް އެ ކަހަލަ ހިތާމަވެރި ހާދިސާއެއް ހިނގައިފާނެ ކަމަށެވެ. މި ހާދިސާއިން ފާހަގަކޮށްދެނީ އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި ފުރާނަ ރައްކާތެރިކުރުމަށާއި މުހިންމު ވަސީލަތްތައް ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ކަމަށް ފަހުމީ ވިދާޅުވިއެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށް ދާއިރު، ކުރިމަގުގައި މި ކަހަލަ ކަންކަން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

