2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގާތްވެފައި ވަނިކޮށް އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން އެމްޑީޕީ ދޫކޮށް، ޑިމޮކްރެޓްސް ޕާޓީ އުފެއްދި ބައެއް މެމްބަރުން އެނބުރި ޕާޓީއާއި އަލުން ގުޅިވަޑައިގެންފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދެމެދު ސިޔާސީ ގޮތުން މައްސަލަތައް ޖެހި ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދުނީ ޕާޓީގެ ވެރިކަމާއި މެދު ސުވާލުތައް އުފައްދައި ރިޔާސީ ޕްރައިމެރީއާއި އެކުއެވެ.
ނަތީޖާ ގަބޫލު ކުރުމަށް ދެކޮޅު ހަދައި، އެމްޑީޕީން ނިކުމެ ރައީސް ނަޝީދާއި އެންމެ އަރިސް މެމްބަރުން އުފެއްދި ޑިމޮކްރެޓްސް ޕާޓީގެ މާ ބޮޑު ހަރަކާތެއް މިދިޔަ އަހަރެއްގެ ތެރޭގައި ކުރިޔަށް ގެންގޮސްފައި ނުވެއެވެ. އެހެން ނަމަވެސް އެ ޕާޓީގައި އިސްކޮށް އުޅުއްވާ ކުރީގެ މެމްބަރު މުހައްމަދު ޝިފާޒް (ޝިއްޕޭ) އާއި، އަލީ އާޒިމްއާއި، މުހައްމަދު ވަހީދު (ވައްޑޭ) ގެ އިތުރުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ސޯޝަލް މީޑިއާގައި މި ސަރުކާރާއި ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލައެވެ.
މިވަގުތު އަޑުތައް ފެތުރިފައި ވަނީ ވެސް އެމްޑީޕީއާއި އަލުން ގުޅިވަޑައިގެންފައި ވަނީ އެ މެމްބަރުންކަމަށެވެ. އިތުބާރު ކުރެވޭ މަސްދަރުތަކުން ކަށަވަރު ކުރެވުނު ގޮތުގައި ރޭ ޕާޓީއަށް ސޮއި ކުރައްވާފައި ވަނީ އަމްރުއާއި، ޝިފާޒްގެ އިތުރުން އާޒިމެވެ. މި ތިން ބޭފުޅުންނާއި އެކު ރޭ ވައްޑޭ ސޮއިކުރައްވާފައި ނުވާކަމަށް ވަނީ އެނގިފައެވެ. އެހެން ނަމަވެސް ވައްޑޭ ވެސް މި ހަފްތާގައި އެމްޑީޕީއަށް ސޮއި ކުރައްވާނެކަމަށް މައުލޫމާތު ލިބެއެވެ.
އެމްޑީޕީއާއި ގުޅުނު މެމްބަރުންގެ ތެރެއިން އާޒިމަކީ ”ފިކުރެއްގެ ދިރުން“ މަސައްކަތް ކުރިޔަށް ދަނުކޮށް ފިޔަވަޅު އަޅާ ކޮމިޓީގެ ނިންމުމުގެ މައްޗަށް ޕާޓީން ވަކި ކުރި މެމްބަރެކެވެ. އެއް އަހަރު ދުވަހަށް ޕާޓީއަށް ނުވަދެވޭ ގޮތަށް އާޒިމް ވަކިކޮށްފައި ވަނީ، މުއްދަތަށް ފަހު ޕާޓީއާއި ގުޅެން ބޭނުންވާނަމަ 1000 މެމްބަރުންގެ މެމްބާޝިޕް ފޯމު ހުށަހަޅަން ޖެހޭނެކަމަށް ނިންމައެވެ. އަދި އާޒިމަށް ޕާޓީގެ އެއްވެސް ޕްރައިމެރީއެއްގައި 5 އަހަރުގެ މުއްދަތަކަށް ބައިވެރި ނުވެވޭނެކަމަށް ނިންމާފައި ވެއެވެ.
ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން އެމްޑީޕީއާއި ގުޅިވަޑައިގަތް އިރު މި މަހުގެ 31 ގައި މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ދަނީ ރާވަމުންނެވެ.


One Response
ޢަނެއްކާ ރައީސް ނަސީދު އަށް ޓިކެޓް ލިބޭޠޯ. ށުދީފިައްޔާ ދޯކާދީފަ ބަޗާނެ �