ނިމިދިޔަ އަހަރާއި އަޅާ ބަލާއިރު މި އަހަރުގެ ފުރަތަމަ ހަފްތާގައި އައިސްފައިވާ ފަތުރުވެރިންގެ އަދަދުތައް 9.7 އިންސައްތަ އިތުރުކަމަށް ޓުއަރިޒަމް މިނިސްޓްރީއިން ބުނެފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކާގޮތުން 2024 ވަނަ އަހަރުގެ ފުރަތަމަ ހަފްތާއާއި އަޅާ ބަލާއިރު 2025 ވަނަ އަހަރުގެ ތެރޭގައި ފަތުރުވެރިން އައިސްފައިވާ އަދަދު 9.7 އިންސައްތަ އިތުރެވެ. އެގޮތުން 2023 ވަނަ އަހަރުގެ ފުރަތަމަ ހަފްތާގައި 37،213 މީހުން އައިއިރު 2024 ވަނަ އަހަރުގައި އައީ 40،015 މީހުންކަމަށާއި މިއަހަރު 43،903 ފަތުރުވެރިން ފުރަތަމަ ހަފްތާގައި އައިސްފައިވާކަމަށް ބުނެފައިވެއެވެ.
ތަފާސް ހިސާބުތަކުން ބުނާގޮތުން ކޮންމެ ދުވަހަކު އެވަރެޖުކޮށް 6،272 ފަތުރުވެރިން އައިސްފައިވެއެވެ.
މީގެ ތެރެއިން 69.9 އިންސައްތަ ނުވަތަ 30،685 ފަތުރުވެރިން އައިސްފައިވަނީ ރިސޯޓުތަކަށް ކަމަށް ހާމަކޮށްފައިވާއިރު 24.7 އިންސައްތަ ފަތުރުވެރިން އައިސްފައިވަނީ ގެސްޓްހައުސްތަކުގައި ތިބުމަށްކަމަށް ބުނެފައިވެއެވެ. އެގޮތުން ފުރަމަތަ ހަފްތާގައި 10،865 ފަތުރުވެރިން ގެސްޓްހައުސްތަކަށް އައިސްފައިވެއެވެ. 2.7 އިންސައްތަ ނުވަތަ 1،204 މީހުން އައިސްފައިވަނީ ހޮޓެލްތަކަށް ކަމަށްވާއިރު 2.6 އިންސައްތަ ނުވަތަ 1،149 މީހުން އައިސްފައިވަނީ ސަފާރީތަކަށް ކަމަށް ހިއްސާކޮށްފައިވެއެވެ.
މި މުއްދަތުގައި އެންމެ ގިނައިން ފަތުރުވެރިން އައިިސްފައިވަނީ ރަޝިއާ މާކެޓުންކަމަށްވާއިރު ދެވަނައިގައި އޮތީ އިޓަލީއެެވެ. ތިންވަނައަށް އެންމެ ގަނައިން އައިސްފައި ވަނީ ޔޫކޭއިންކަމަށްވާއިރު ޖަރުމަނުވިލާތަށް ފަހު އިންޑިއާ އޮތީ ފަަސް ވަނައިގައެވެ. އެއަށްފަހު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ ޗައިނާ މާކެޓުންނެވެ. އެމެރިކާ، ރޮމޭނިއާ، ކަޒަކިސްތާނު އަދި ފްރާންސް މާކެޓުންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވެއެވެ.

