ދައުރު ނިމެން ގާތްވެފައިވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވި ވަރަށް މުހިންމު ބަސްފުޅެއް އަދިވެސް ހަނދާނުގައި އެބަ ހުއްޓެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ރ ދުވާފަރަށް ވަޑައިގެން އެމަނިކުފާނުވަނީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވި ބަޔަކަށް ދެވަނަ ފަހަރެއްގެ މަތިން އެފަދަ އަމަލުތަކެއް ހިންގުމަށް ޖާގަ ނުދެއްވުމަށް އިލްތިމާސްކުރައްވާފައެވެ. ތެދެކެވެ. އެއީ އެއްވެސް ބަޔަކު އަމަލުކުރަންވާނެ ގޮތެއް ނޫނެވެ.
ކެޔޮ ކޭވަރު އެނގޭނީ ބިތު ފަންގި ނެގުމުންނޭ ބުނާ އަޑު އިވެއެވެ. ދައުރު ނިމުމާއިއެކު އެ ހަރުބަސް ހަގީގަތެއްގެ ގޮތުގައި ފެނިގެންއެބަދެއެވެ. ރައީސް ސާލިހު އަދި އެމްޑީޕީގެ ސަރުކާރުގެ އެކި އިސްވެރިންގެ މައްޗަށް ބޮޑެތި ތުހުމަތުތައް ކުރެވިއްޖެއެވެ. މާލީ ހިޔާނާތްތެރިކަމާއި އެކި އެފަދަ ބޮޑެތި އިހުމާލުތައްވުމުގެ އިތުރުން މަގާމުގެ ނާޖާއިޒް ފައިދާތައް ނެގުމުގެ ތުހުމަތައްވެސް ކުރެވިއްޖެއެވެ. ބައެއް މައްސަލަތައް ބެލުމަށް ތައްޔާރުވެސް ވެއްޖެއެވެ. ނަމަވެސް ކުރެވެމުންދަނީ ތުހުމަތުތަކެއް ކަމަށްވުމުންނާއި ކޯޓަކުން ސާބިތުވެފައިނުވާކަމަށްވުމުން އެކަންކަމަށް މާ ބޮޑަށް މި ރިޕޯޓުގައި ނުބަލާނަމެވެ. މި ރިޕޯޓުގައި ބަލާލާނީ ކުރެވިފައިވާ މަސައްކަތްތަކަށެވެ.
ރައީސް ސާލިހު ފެނިގެންދިޔައީ ވަރަށް ވަރުގަދަ ތަސައްވަރެއް ގެންގުޅުއްވާ ޝަހުސިއްޔަތެއްގެ ގޮތުގައެވެ. އެމަނިކުފާނުގެ ވެރިކަމުގައި ގިނަ އަދަދެއްގެ ޕީއެސްއައިޕީ މަޝްރޫޢުތައް ފެށިއެވެ. ދައުރު ނިމެންދިޔައިރުވެސް މިކަމަށް ހުއްޓުމެއް ނާދެއެވެ. 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެކުލަވާލެވުނު ރިޕޯޓެއްގައިވާގޮތުން އޭރު އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ދާއިރާތަކުން ގާތްގަނޑަކަށް 1100 އަށްވުރެ ގިނަ ޕީއެސްއައިޕީ މަޝްރޫޢު ފަށާފައިވެއެވެ. ހަމަ އެ އަހަރު ދައުލަތުގެ މީޑިއާއިންވަނީ 2023 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން އިތުރު 204 މިފަދަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާކަން ހާމަކޮށްފައެވެ. ނަމަވެސް އެ އަހަރު ދިޔައީ ކެމްޕެއިން ކުރުމާއި ވައުދުތައް ވުމުގެ ތެރޭގައެވެ.
2022ގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ބޮޑަށް ސަރުކާރުން އަހައްމިއްޔަތުކަން ދިނީ ކުޅިވަރު މަސައްކަތްތަކަށް ކަމަށް ފެނިގެންދެއެވެ. އޭރު މި ދާއިރާއިން 262 މަޝްރޫޢުއެއް ފަށައި 101 މަސައްކަތެއް ނިންމާފައިވާކަމަށް އާންމުކުރިއިރު 101 ޕްރޮޖެކްޓު ކުރިއަށްދެއެވެ. އިތުރު 47 ޕްރޮޖެކްޓެއްގެ ކޮންޓްރެކްޓް ހަވާލުކުރެވިފައިވީއިރު 1 ޕްރޮޖެކްޓު އެވޯޑުކުރެވިފައިވާކަމަށް މައުލޫމާތު އާންމުކޮށްފައިވެއެވެ. ދެން އެންމެ ގިނައިން މިފަދަ މަސައްކަތްތައް ހުރީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިންނެވެ. އޭރު މިފަދަ 76 މަސައްކަތެއް ޖުމުލަކޮށް ކަނޑައެޅިފައިވީއިރު 58 ޕްރޮޖެކްޓު ނިމިފައިވާކަމަށް ބުނެފައިވެއެވެ. އިތުރު 18 ޕްރޮޖެކްޓު ހިނގަމުންދާކަމަށް ތަފާސް ހިސާބުތަކުން ދެއްކިއެވެ. ނަމަވެސް ދައުރު ނިމުނުއިރުވެސް ރައްޔިތުންގެ ކަރަންޓު ބިލުން ލޯލާރިއެއްވެސް ކުޑަނުކުރެވެއެވެ.
އޭރު އެންމެ އަޑުގަދަ ކޮށް ދެކެވެމުންދިޔަ އެއް ވާހަކައަކީ ފެނާއި ނަރުދަމާގެ ވާހަކައެވެ. ނަމަވެސް 2018 ވަނަ އަހަރުން ފެށިގެން 2022 ނޮވެމްބަރު މަހުގެ ނިޔަލަށް އެ ދާއިރާއިން ނިމިފައިހުރީ 12 ޕްރޮޖެކްޓެކެވެ. ގަބޫލުކުރަންވެސް ދައްޗެވެ. 119 ރަށެއްގައި އެ މަސައްކަތްތައް ކުރިއަށްދާކަމަށް އޭރު ބުނިއިރު 10 ރަށެއްގެ ނަރުދަމާ މަސައްކަތްތަކަށް ކޮންޓްރެކްޓު ހަވާލުކޮށް ކުރި ނުކަނޑާ ހުއްޓެވެ. ބުނާ ބުނުމަށް ދެން ހަވާލުވާ ސަރުކާރަކަށް މިފަދަ އަސާސީ މަސައްކަތްތަކެއް ކުރިއަށް ގެންދާކަށް ނުޖެހޭނެއެވެ. އެހެނަސް ހަގީގަތް ތަފާތެވެ.
ލަފާ ފުރުމުގެ ދަތިކަން ހައްލުކޮށްދިނުމަށް ވީ ވައުދަށްވެސް ވެގެންދިޔައީ މިފަދަ ގޮތެކެވެ. 4 އަހަރުން އޭރުގެ ސަރުކާރަށް ނިންމާލެވުނުކަމަށް ހިއްސާކޮށްފައިވަނީ 46 މަޝްރޫއުއެކެވެ. ޕީއެސްއައިޕީގެ ދަށުން މިފަދަ 92 ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައި ހުއްޓެވެ. 11 މަޝްރޫޢުއެއް ކޮންޓްރެކްޓް ކުރެވިފައިވާކަމަށް މައުލޫމާތު ލިބެން ހުރިއިރު 35 މަޝްރޫޢުއެއްގެ އަމަލީ މަސައްކަތްތައް ކުރެވެމުންދިޔައެވެ. ނުއެއް ނިމެއެވެ. އެންމެފަހުން ހަވާލުވާންޖެހުނީ ރައީސް ޑރ މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ ސަރުކާރަށެވެ.
މަގު ހެދުމަކީވެސް މިފަދަ މަސައްކަތްތަކެކެވެ. އޭރު މި ދާއިރާއިން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިހުރި މަސައްކަތްތަކުގެ ތެރެއިން ނިމިފައިހުރީ 5 މަޝްރޫޢުއެކެވެ. ނުނިމި 21 ޕްރޮޖެކްޓް ހުރިއިރު ނުފެށި 4 ޕްރޮޖެކްޓެއް ހުރިކަމަށް އޭރު ހިއްސާކޮށްފައިވެއެވެ. އެންމެ ރަނގަޅަށް މަސައްކަތްތައް ކުރިއަށް ގެންދާކަމަށް ފެނިގެންދާ މާލޭގެ އަމީނީ މަގުގެ ހާލަތުން މި މަސައްކަތްތައް ހުންނާނެ ގޮތާއިމެދު ގިނަ ސުވާލުތައް އުފެދެއެވެ.
ކަރަންޓަކީވެސް އަސާސީ ހިދުމަތެކެވެ. 4 އަހަރު ދުވަހުގެ ތެރޭގައި 35 އިންޖީނުގެ އިމާރާތްކުރިކަމަށް 2022 ވަނަ އަހަރުގެ ހިސާބުތަކުން ދައްކާއިރު އަމަލީ މަސައްކަތް ނުނިމި 41 ޕްރޮޖެކްޓު ހުއްޓެވެ. އިތުރު 53 ޕްރޮޖެކްޓެއްގެ ސޮއިކުރެވި އަމަލީ މަސައްކަތްތަކާއި ހިސާބަށް ކުރި ނުކަނޑާ ހުއްޓެވެ. އިންޖީނުގޭގެ އޮފީސްތައް އިމާރާތްކުރުމުގެ މަސައްކަތްތަކުގައި އޭރު 46 ޕްރޮޖެކްޓު ނިންމާފައި ހުރިކަމަށް އާންމުކުރިއިރު ނުނިމި އަމަލީ މަސައްކަތްތައް ކުރިއަށްދާކަމަށް ބުނި 70 ޕްރޮޖެކްޓު ހުއްޓެވެ. އަމަލީ މަސައްކަތްތައް ނުފެށި ކޮންޓްރެކްޓް ކުރެވިފައި 50 ޕްރޮޖެކްޓެއްވާކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު އިތުރު ކޮންޓްރެކްޓުތަކެއް ސޮއިނުކުރެވި ހުރިކަންވެސް ފެނިގެންދިޔައެވެ.
އެހެންކަމުން މިއަދު އައު ސަރުކާރުގެ ވާހަކަތައް ދައްކަން ހެޔޮވާނެތޯ ހިތަށް އަރައެވެ. ފަސް އަހަރު ދުވަހުގެ މުއްދަތެއް ލިބުނުއިރު ފެށި ގިނަ މަސައްކަތްތައް ހުރީ ނުނިމިއެވެ. އެ މަސައްކަތްތަކާއިވެސް ހަވާލުވާންޖެހުނީ ރައީސް ޑރ މުހައްމަދު މުއިއްޒުއަށެވެ. އެމަނިކުފާނު ކުރައްވަމުންދާ ދަތުރުފުޅުތަކުގައި ސީދާ އެމްޑީޕީއަށް ފާޑުކިޔުންތަކެއް އަމާޒުނުކުރިނަމަވެސް ސަރުކާރުގެ ތަރައްގީގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި ކުރެވިފައިވާންޖެހޭ އެތައް މަސައްކަތްތަކެއް ކުރިއަށް ނުގެންގޮސް ހުރުމުން ދަތިތަކާއި ކުރިމަތިލާންޖެހިފައިވާކަން އެނގެއެވެ. އެމްޑީޕީއިން ކައުންސިލުތައް ބާރުވެރިކުރިކަމަށް ބުނާއިރު، މިއަދު ރައީސް ވަޑައިގަންނަވާ ތަންތަނުން ފެނިގެންދާ މަންޒަރުން ކުލަ ކޮޅެއް ލާނެ ފިއްސެއްވެސް ދެވިފައިނުވާކަން ފެނިގެންދެއެވެ. ބާރުވެރި ކުރުމަކީ އަޅާލުމެއް ނެތި ވީހާލެއްގައިވާން ދޫކޮށްލުމެއް ނޫނެވެ.
ދާދި ފަހުން މާމެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަތަކުން އެންމެ އަސާސީ މަސައްކަތްތައްވެސް އެމްޑީޕީގެ ވެރިކަމުގެ ދައުރުގައި އެކަށީގެންވާ ގޮތަކަށް ނިންމާލެވިފައިނުވާކަން ފެނިގެންދެއެވެ. ރައީސް މުއިއްޒުއަށް ޖެހިވަޑައިގަތީ އެ ރަށް ގިރުން ހުއްޓުވުމަށްޓަކައި މަސައްކަތްތައް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވަންށެވެ. ޔަގީނުންވެސް އެއީ އިއްޔެ މެންދުރު ފެށުނު މައްސަލައެއް ނޫނެވެ. ރަށުގެ ނަރުދަމާ ބިނާކޮށްދެއްވާނެކަމަށްވެސް ވިދާޅުވާންޖެހުނެވެ. މަގުތައް ހެދޭނީ އެއަށްފަހުކަމަށްވުމުން ބާރު ދުއްވެއްޔެއްގައި ކުރިއަށް ގެންގޮސް އަދާއި ހަމަ ހާލަތަކަށް ގެނެސްދެއްވަން ވައުދުވެވަޑައިގަންނަވަންޖެހުނެވެ. ޒުވާނުންގެ ކަންކަންވެސް ވިއްސިވިހާލިވެފައި ހުރުމުން އެވެރިންނަށް ބޭނުންވާ ކަންކަންވެސް ކޮށްދޭން ވައުދުތަކެއް ވާންޖެހުނީއެވެ. ކުނި ނައްތާލާނެ ނިޒާމެއްގެ އިތުރުން ނިމިފައި ހުންނަން ޖެހޭނެ މިފަދަ އެތައް ކަމެއް ކުރިއަށް ގެންދަން މިޖެހުނީ އައު ސަރުކާރަށެވެ.
އެހެންކަމުން 5 އަހަރުން ކުރީ ކީއްތޯ ހިތަށް އަރައެވެ. ކޮވިޑްގެ ވަބާގެ ސަަބަބުން މިކަންކަން ނުކުރެވުނުކަމަށް ބުނާ ނަމަ، ކުޑަގިރީގެ ނަމުގައި ޕިކްނިކް ދިއުމަށް ރަށެއް ހިއްކައި އެތަން ތަރައްގީކޮށް ވޯޓާޕާކެއް ބިނާކުރެވުނީ ކިހިނަކުންތޯ ހިތަށް އަރައެވެ. ގައިމު އޮތް ރަށެއްގައި ސީދަލަށް މަގެއް އަޅަން މާ ފަސޭހަވާނެއެވެ. އަސާސީ ހިދުމަތްތައް ފުރިހަމަކޮށްދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތީސް ބުރިޖެއް އަޅަން ފެށީ ކޮންފަދަ ތަނަވަސް ވިސްނުމެއްގެ މަތިންތޯވެސް ހިތަށް އަރައެވެ. އެއް އަހަރު ދުވަހުން އައު ސަރުކާރަށް މަސައްކަތްތަކެއް ނުކުރެވިގެން އުޅޭ ވާހަކަ ދައްކާއިރު، ނުނިންމާ ދިޔަ އެ ބުރުޖާއިވެސް ހަވާލުވާންޖެހުނީ މި ސަރުކާރަށްކަން ހަނދާނުގައި ބެހެއްޓުން މުހިންމެވެ. އަޅާ ނިންމާފައި އޮތް ބުރިޖުވެސް އޮތީ މެއިންޓެނެންސް ނުހަދާއެވެ. އެ އަހަރުތަކަށްވީ މެއިންޓެނެންސްވެސް ހަދަންޖެހުނީ މި ސަރުކާރަށެވެ. އައު މަސައްކަތްތަކެއް ފެށޭނީ ނުނިންމާހުރި ރައްޔިތުންގެ މަސައްކަތްތައް ނިމިގެން ނޫންތޯއެވެ. އެކަންކަން ދޫކޮށްލައި އައުކަމަކައިގެން އުޅޭނަމަ ދެން އިވޭނީ ކުރީ ސަރުކާރުން ފެށި ޕްރޮޖެކްޓުތައް މި ސަރުކާރުން ކުރިއަށް ނުގެންދިޔަ ވާހަކަ ނޫންތޯއެވެ؟

