މާފަންނު ސަހަރާގައި ހުރި ފެން ހިންދާ ނިޒާމުގެ ޕަމްޕު ސްޓޭޝަން ވަގުތީ ގޮތުން ބޭނުންކުރެވޭ ހާލަތަށް ގެނެވިފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީއިން ހާމަކޮށްފިއެވެ.
މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ވިއްސާރައިގެ މޫސުމުގައި މާލޭގައި ފެންބޮޑުވާ ކޮންމެ ފަހަރަކު ފެން ހިންދުމަށް ޤާއިމުކޮށްފައިވާ ނިޒާމުގެ ޕަމްޕު ސްޓޭޝަންތައް ރަނގަޅަށް މަސައްކަތްކުރާކަން ޔަޤީންކުރުމަށް އިންސްޕެކްޝަން މަސައްކަތްތައް ކުރަމުންދާކަމަށް ބުނެފައިވެއެވެ.
މި މަސައްކަތްތަކުގެ ތެރެއިން، މާފަންނު ސަހަރާގައި ހުރި ސްޓޭޝަނާއި ނިޒާމުގެ ހޮޅިތައް ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައިވާކަން ފާހަގަކުރެވުނު ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީގެ ބަޔާނުގައި ވާގޮތުން، މި ގެއްލުން ލިބިފައިވަނީ މާލެ ސިޓީ ކައުންސިލުން މާފަންނު ސަހަރާގައި ކުރިއަށް ގެންދިޔަ މަސައްކަތްތަކެއްގެ ތެރެއިން، ޕަމްޕު ސްޓޭޝަނަށް ލިބިދާނެ ގެއްލުމަކަށް ސަމާލުކަން ނުދީ ކޮނުމުގެ މަސައްކަތްތައް ކުރުމުގެ ސަބަބުންނެވެ.
މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވަނީ، މާލެ ސިޓީ ކައުންސިލުން މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީއާ މަޝްވަރާނުކޮށް، އަދި އެއްވެސް މަޢުލޫމާތެއް ހިއްސާނުކޮށް ކަމަށެވެ.
ނަމަވެސް، މިހާރު ކޮންސްޓްރަކްޝަން މިނިސްޓްރީއިިސްޓްރީއިން ވަނީ ޕަމްޕު ސްޓޭޝަންތަކާއި ނެޓްވޯކް ޗެކުކުރުމަށްފަހު، އާރްޑީސީ އަދި ސްޓެލްކޯގެ އެހީތެރިކަމާއެކު މާފަންނު ސަހަރާގެ ޕަމްޕު ސްޓޭޝަން ވަގުތީގޮތުން ބޭނުންކުރެވޭ ހާލަތަށް ގެނެސްފައެވެ.

