ވައިގެ މަގުން ރާއްޖެއައި ދިވެހި ފަސިންޖަރެއްގެ ލަގެޖުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ 2025 ޖަނަވަރީ 09 ވަނަ ދުވަހު، އަބޫދާބީ އިން ރާއްޖެއައި ދިވެހި ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައެވެ.
ކަސްޓަމްސްއިން މައުލޫމާތު ދޭ ގޮތުގައި މި ފަސިންޖަރުގެ ލަގެޖުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ.
މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 109 ގުރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 109,000.00 (އެއްލައްކަ ނުވަހާސް) ދިވެހި ރުފިޔާކަމަށް ކަސްޓަމްސްއިން ލަފާ ކުރެއެވެ.
މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ފަސިންޖަރު މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައެވެ.

