ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭސް ކާރު އެކްސިޑެންޓް: އިކްރާމް އިއުތިރާފުވުމުން ޖަލު އަދަބު ޖޫރިމަނާއަށް!

ކ މާލޭ މ ލޭންޑްއޮފްގާޑަން އިބްރާހިމް އިކްރާމް،
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ދައުލަތުން 3 މީހަކަށް ދައުވާކޮށްފައިވެއެވެ. އެއީ ކ މާލޭ މ ލޭންޑްއޮފްގާޑަން އިބްރާހިމް އިކްރާމް، ހ ނޫރަންމާގެއާގެ އިކްރާމުއްރަޙްމާން އަދި ގއ ކަނޑުހުޅުދޫ އާޒާދުގެ ޖިނާހު އިސްމާއިލްގެ މައްޗަށެވެ.

އޭގެ ތެރެއިން އިބްރާހިމް އިކްރާމްގެ ފަރާތުން އިއުތިރާފުގެ އެއްބަސްވުމަކަށް އެދި ހުށަހަޅާފައިވާއިރު، އެކަމާ މެދު ޕީޖީ އޮފީހުން މަޝްވަރާކޮށް، ދެފަރާތުން މިހާރު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި އެ އެއްބަސްވުމުގެ ތަފްސީލުތައް އާދިއްތަ ދުވަހު ދައުލަތުން ވަނީ ޝަރީއަތަށް ހުށަހަޅާފައެވެ.

އޭނާގެ މައްޗަށް ދައުލަތުން 6 ދައުވާއެއް އުފުލާފައިވެއެވެ. އޭގެ ތެރޭގައި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއާއި، ފަރުވާލެއް ނެތި ކުރާ ކަމެއްގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތި ކުރުވުމާއި، އެކްސިޑެންޓުވުމުން އެކަމުގެ ރިޕޯޓު ނުކުރުމުގެ ކުށުގެ ދައުވާއާއި، އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީ ފޯރުކޮށް ނުދިނުމުގެ ކުށުގެ ދައުވާއާއި، މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ 2 ދައުވާ ހިމެނެއެވެ.

އެ ދައުވާތަކާ ގުޅިގެން 5 މަހަށްވުރެ ގިނަ ދުވަހު އޭނާ ވަނީ ބަންދުގައި ހޭދަކޮށްފައެވެ. އަދި މި ޙާދިސާގައި އަނިޔާލިބުނު ފަރާތުގެ ބޭސްފަރުވާއަށް ދިޔަ 4000ށް ވުރެ ގިނަ ރުފިޔާއާއި، ނަފްސާނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 20،000 ރުފިޔާ އޭނާ ވަނީ ދައްކާފައެވެ. އަދި މި ޙާދިސާގައި އަނިޔާ ލިބުނު ފަރާތުގެ ކިބައިން އޭނާ ވަނީ މާފަށްވެސް އެދިފައެވެ.

އޭގެ އިތުރުން، ސައިކަލަށް ލިބުނު ގެއްލުމުގެ ބަދަލުގައި 90،000 ށް ވުރެ ގިނަ ރުފިޔާ އޭނާ މިހާރު ވަނީ ސައިކަލުގެ ވެރިފަރާތަށް ދައްކާފައެވެ. އެހެންކަމުން މި މައްސަލައިގައި އުފުލާފައިވާ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ 2 ދައުވާ ދައުލަތުން ވަނީ އަނބުރާ ގެނެސްފައެވެ.

އެހެންވެ އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށް ދައުލަތުން ވަނީ އޭނާގެ މައްޗަށް އަންނަ ޖަލު އަދަބު ޖޫރިމަނާގެ އަދަބަށް ބަދަލުކޮށްދީފައެވެ. އެހެންކަމުން އެ ދައުވާތަކާ ގުޅިގެން 70،000 ރުފިޔާގެ ޖޫރިމަނާއެއް އޭނާ ދައްކަން ޖެހެއެވެ. އަދި އެ ފައިސާ 8 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ޚަލާސް ކުރަން ވަނީ އަންގާފައެވެ.

މީގެ އިތުރުން، މި އަޑުއެހުމުގައި ގާޒީގެ ކުރިމަތީގައިވެސް އޭނާ ވަނީ ކުށަށް އިއުތިރާފުވެ، އަނިޔާ ލިބުނު މީހާގެ ކިބައިން މާފަށް އެދޭކަމަށް ބުނެފައެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި މި އިއުތިރާފު އެއްބަސްވުން ޝަރީއަތުން ވަނީ ބަލައިގެންފައެވެ. އަދި އިއުތިރާފު އެއްބަސްވުމުގައިވާގޮތަށް މި މައްސަލައިގައި ޙުކުމް ކުރައްވައި މައްސަލަ ވަނީ ނިންމަވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ އަލީ ނަދީމެވެ.

ވަރަށް ގަދަ
16%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 5%ވަރަށް ދެރަ 42%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: