އެމްޑީޕީން އިޢުލާންކޮށްފައިވާ ގޮތުގައި، ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން ކުރިން އަޅާފައިވާ ފިޔަވަޅުތަކުގެ އަދަބުތައް މިހާރު ވަނީ މަޢާފުކޮށްދީފައެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން އެމްޑީޕީ ދެބައިވެ، ބައެއް މެންބަރުން ޕާޓީން ވަކިވެގެން ދިޔައެވެ. އެމްޑީޕީ އާއި ޑިމޮކްރެޓްސް ވަކިވަކިން ރިޔާސީ ކެންޑިޑޭޓުން ނެރުނު ނަމަވެސް، ދެ ޕާޓީއަށްވެސް ކާމިޔާބެއް ނުލިބުނެވެ.
އެހެންނަމަވެސް، ޑިމޮކްރެޓްސް އުފެއްދި ބައެއް މެންބަރުން، އޭގެ ތެރޭގައި މުޙައްމަދު ޝިފާޒް (ޝިއްޕޭ)، ޢަލީ ޢާޒިމް، އަދި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރު ފަދަ ބޭފުޅުން ހިމެނޭގޮތަށް، އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގެންފައިވެއެވެ. އަދި ފަހުން ޑިމޮކްރެޓްސްގެ ރައީސް ޙަސަން ލަޠީފްވެސް ވަނީ އިސްތިޢުފާ ދެއްވާފައެވެ.
އެމްޑީޕީން ވަކިވި ބައެއް މެންބަރުންނަކީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން ފިޔަވަޅު އެޅިފައިވާ މެންބަރުންނެވެ. މިސާލަކަށް، ކުރީގެ މަޖިލިސް މެންބަރު ޢަލީ ޢާޡިމަކީ ”ފިކުރެއްގެ ދިރުން“ މަސައްކަތުގައި ބައިވެރިވުމުގެ ސަބަބުން ފިޔަވަޅު އަޅައި ޕާޓީން ވަކިކުރެވުނު މެންބަރެކެވެ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވި ގޮތުގައި، ފިޔަވަޅު އެޅާފައިވާ މެންބަރުންގެ އަދަބުތައް މަޢާފުކޮށްދީފައިވަނީ ޕާޓީގެ މަސައްކަތްތައް އަވަސްކޮށް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައެވެ. މިއީ ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ނިންމި މުހިންމު ނިންމުމެއް ކަމުގައި ފައްޔާޒް ފާހަގަކުރެއްވިއެވެ.
ރިޔާސީ އިންތިޚާބަށްފަހު، އެމްޑީޕީން މަސައްކަތްކުރަމުންދަނީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށެވެ.

