އަލް ހިޖްރަ ޓެރެވެލް އެންޑް ޓުއާސްއިން އުމްރާއަށް ގެންގޮސް އަނބުރާ ރާއްޖެއަށް ނާދެވި ހާލުގައި ޖެހުނު އުމްރާވެރިން މިދިޔަ ހުކުރު ދުވަހު ރާއްޖެ ގެނެސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އުމްރާއަށް މީހުން ގެންގޮސް ހާލުގައި ޖައްސާ ކުންފުނިތަކުގެ މައްސަލަތައް ކޮންމެ އަހަރަކު ވެސް ފެންމަތިވެއެވެ. އަދި ތަކުރާރުކޮށް މިފަދަ މައްސަލަތައް ފާހަގަވާ ކުންފުނިތައް ހުރިއިރު 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އުމްރާއަށް 23 މީހަކު ގެންދިޔަ އަލް ހިޖްރަ ކުންފުނިން އުމްރާވެރިންތަކެއް ހާލުގައި ޖެއްސިކަމަށް ފެންމަތިވީ ސޯޝަލް މީޑިއާގައެވެ.
އުމްރާވެރިންގެ އަތުން ހުރުމާއި ކެއުމުގެ ހުރިހާ ހަރަދެއް ނަގާފައި ވަނިކޮށް، ބުކިންގެ މައްސަލައެއް ޖެހި އެއް ރޭ އުމްރާވެރިން ތިބި ހޮޓަލުން ވެސް ނިކުންނަން ޖެހުނެވެ. އަދި ފުރާ ވަގުތު ޖެހުނު އިރު، މާލީ ދަތިތަކެއް ދިމާވެ އެނބުރި ރާއްޖެ އައުމުގެ ޓިކެޓު ނަގާފައި ނުވާކަމަށް ކުންފުނިން އެނގި އެވެ. މިނިސްޓްރީން އުމްރާވެރިންނަށް އެހީތެރިކަން ފޯރުކޮށްދީ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި ހަވާލު ކުރީ، އިތުރަށް ކުރެވޭނެކަމެއް ނެތްކަމަށް ކުންފުނިން ބުނުމުންނެވެ.
އެ ގްރޫޕުން ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލާއި ހިލާފުވެފައިވާތީ ފިޔަވަޅުތަކެއް އެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.
އޭގެތެރޭގައި:
- ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް އެ ވުޒާރާއިން، އެ ގްރޫޕަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން
- އެއްލައްކަ (-/100،000) ދިވެހި ރުފިޔާއިން އެ ގްރޫޕް ޖޫރިމަނާކުރުން
- އެ ގްރޫޕް އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަނުދިނުން
- އެ ގްރޫޕްގެ ފަރާތުން ޢުމްރާއަށް ގެންގޮސް ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް އެ ވުޒާރާއިން ކުރި ހަރަދު އެ ކުންފިން ހޯދުން
- މި މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހަށް ހުށަހެޅުން.
މިނިސްޓްރީން ވިދާޅުވެފައިވަނީ މި ފިޔަވަޅުތައް ތަންފީޒުކުރުމަށް ޓަކައި މެ ވުޒާރާއިން އިދާރީ ގޮތުންނާއި ގާނޫނީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަންކަން ފަސްޖެހުމެއް ނެތި ކުރާނެކަމަށެވެ.

