އެލައިޑް އިންޝުއަރަންސަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހިންމަފުށީގައި ކިކްއޯފް އިވެންޓެއް ކުރިޔަށްގެންގޮސްފިއެވެ.
”ޑައިވް40ގެ“ ނަމުގައި ކުރިޔަށްގެންދިޔަ މި އިވެންޓުގައި ގިނަ ހަރަކާތްތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން މޯލްޑިވްސް އެކަޑެމީ އޮފް ޑައިވިންގ އާއި އެކު ކުރިޔަށްގެންދިޔަ އެވެއަނެސް ސެޝަށް އާއި ”ޑައިވް އަގެއިންސްޓް ޑެބްރީ“ ގެ އިތުރުން ހިންމަފުށީ ކައުންސިލާއި ސްކޫލް އަދި ގެސްޓްހައުސްތައް ގުޅިގެން ކުރިޔަށްގެންދިޔަ ހިންމަފުށީ މަލަމަތި ސާފުކުރުމުގެ ހަރަކާތް ފާހަގަކުރެވެއެވެ.
މި ތިން ހަރަކާތުގައިވެސް އެލައިޑުގެ މެނޭޖްމަންޓާއި މުވައްޒަފުން ވަނީ އަމަލީގޮތުން ބައިވެރިވެ، ޕްލާސްޓިކް މަދުކޮށް ކަނޑުތައް ރައްކާތެރިރުމުގެ އަމާޒަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ޑައިވް40 އާއި ބެހޭގޮތުން މައުލޫމާތު ހިއްސާކުރަމުން އެލައިޑުން ބުނެފައި ވަނީ އެލައިޑްގެ 40 ވަނަ އަހަރީ ދުވަސް ފެށުން ވަރަށްވެސް ކާމިޔާބު ކަމަށެވެ. އެގޮތުން ޑައިވް40 އަކީ ރަނގަޅު ނަތީޖާއެއް ނެރެވޭނެ އިވެންޓަކަށް ހެދުމަށްޓަކައި މަސައްކަތްކޮށްދެއްވި ހިންމަފުށީގައި ބޭސްވެފައި ތިއްބެވި އެންމެހާ ފަރާތްތަކާއި އެލައިޑް ޓީމުގެ އިތުރުން މިހަރާކާތުގައި ބައިވެރިވުމަށް މާލެއިން ދިޔަ ޑައިވަރުންގެ ޓީމަށް ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ. އަދި ތިމާވެއްޓަށް ނޭދެވޭ ކުނި އެއްކުރުމުގެ މަސައްކަތުގެ ތެރެއިން ޑައިވް40ގައި 790.06 ކިލޯގެ ކުނި ކަނޑުންނާއި އެއްގަމުން އެއްކުރެވުނު ކަމުގައި އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
ކުރެވުނު މަސައްކަތުން ތިމާވެއްޓަށް ގެއްއްލުން ލިބޭ ފަދަ ގިނަ ކުނި އެއްކުރުމަކީ ހިތްހަމަޖެހޭ ކަމެއް ކަމުގައިވީ ނަމަވެސް، މިކަމަކީ ކުރިއަށް ކުރަން އޮތް މަސައްކަތް ސިފަކޮށްދޭ ކަމެއްގެ ގޮތުގައި އެލައިޑުންވަނީ ފާހަގަކޮށްފައެވެ. ސަބަބަކީ ޕްލާސްޓިކާއި ދުރުހެލިވުމަށް އިޖާބަ ދޭ، ހޭލުންތެރި މުޖުތަމައުއެއް އުފެއްދުމުގެ މުހިންމުކަން މިކަމުން ސާފުވެގެންދިޔުމެވެ.
އެގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގައި މަގުސަދުގައި ޑައިވް40 އިން އެއްކުރެވުނު ޕްލާސްޓިކް ކުނި ބޭނުންކޮށްގެން ދިވެހި ފަންނުވެރިއަކު ތައްޔާރު ކުރާ ހާއްސަ އުފެއްދުމެއް، އަންނަ ފެބްރުއަރީގައި ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯ 2025 ގައި ފީޗަރ ކުރުމަށް އެލައިޑުންވަނީ ނިންމާފައެވެ. މިއީ އެއް މަޤްޞަދެއްގައި އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެން މަސައްކަތްކޮށްފިނަމަ ޙާޞިލުކުރެވޭނެ ކަންތައްތަކުގެ ލާމަސީލު ރަމްޒެއްކަމުގައި ވާނެކަން އެލައިޑުން ފާހަގަކުރެއެވެ.
އެލައިޑް އިންޝުއަރަންސްގެ އަހަރީ ދުވަހަކީ ޖަނަވަރީ 30ވަނަ ދުވަހެވެ. މިދުވަހާއި ގުޅުވައިގެން ކޮންމެ އަހަރަކުވެސް އެކުންފުނިން ދަނީ ތަފާތު ގިނަގުނަ ހަރަކާތްތަކެއް ކުރިޔަށްގެންދަމުންއެވެ. އެހެންނަމަވެސް، އެހެން އަހަރުތަކާއި ހިލާފަށް، 40 އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެން އަހަރުތެރެއަށް ބަހާލައިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރުގެ ހަރަކާތްތައް ކުރިޔަށްގެންދިޔުމަކީ އަމާޒެއްކަމުގައި އެލައިޑުން ފާހަގަކުރެއެވެ. ސަބަބެއްގެ ގޮތުގައި އެލައިޑުން ވިދާޅުވީ ކުންފުނީގެ ތަރައްގީއަށް ރާއްޖޭގެ އެންމެހާ ރައްޔިތުން ދެމުންގެންދަވާ އިތުބާރާއި ޔަގީންކަމާއި އެކު، ކުންފުނިން ހޯދާފައިވާ 40 އަހަރުގެ ކުރިއެރުން ވީހާވެސް ގިނަ ރައްޔިތުންނާއި ހިއްސާކުރުމެވެ.

