ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކޮޕް 28 ގައި އިޢުލާނުކުރެއްވި އުއްމީދީ ގައުމީ އަމާޒަށްފަހު، ދިވެހިރާއްޖެއިން 17 މެގަވޮޓުގެ އިޔާދަކުރަނިވި ހަކަތައިގެ ގާބިލިއްޔަތު އިތުރުކޮށްފައިވާކަމަށް ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ އަބޫދާބީގައި މިހާރު ކުރިއަށްދާ އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އެޖެންސީ (އައިރީނާ) އެސެމްބްލީގެ 15 ވަނަ ޖަލްސާގައި ތަގުރީރު ކުރައްވަމުންނެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖޭގައި ގާއިމުކުރެވިފައިވާ އިޔާދަކުރަނިވި ހަކަތައިގެ ގާބިލިއްޔަތު އެންމެ އަހަރެއްހާ ދުވަސްތެރޭގައި 53 މެގަވޮޓުން 70 މެގަވޮޓަށް އިތުރުކުރެވިފައިވާކަން ފާހަގަކުރެއްވި އެވެ. އަދި 2023 ވަނަ އަހަރު ޑިސެންބަރު މަހު ދުބާއީގައި ބޭއްވުނު ކޮޕް 28 ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް ދިވެހިރާއްޖެއިން ކާމީޔާބު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވި އެވެ. އެގޮތުން 170 މެގަވޮޓުގެ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް އެކި މަރުހަލާތަކުގައި މިހާރު ވެސް ކުރިއަށްދާކަން ފާހަގަކުރެވި އެވެ.
މީގެ އިތުން، މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި މައްސަލަތަކުގެ ތެރެއިން އެއް މައްސަލަކަމަށާއި، ދުނިޔޭގެ ގައުމުތަކުން އެއްބަސްވެފައިވާ 1.5 ޑިގްރީގެ އަމާޒަށް ވާސިލުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.
އަބޫދާބީގައި ކުރިއަށްދާ އައިރީނާ އެސެމްބްލީގައި، ވަޒީރު ޠާރިޤު އިބްރާހީމް އަރިހުގައި، އެކުވެރި އަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް އާއި މޫސުމާއި، ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީ ބައިވެރިވެވަޑައިގަންނަވަ އެވެ.

