އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ނިންމުމާއެކު މަގުމަތީ ޙަރަކާތްތައް މިހާރު ރަސްމީކޮށް ފެށިގެން ދާނެކަމަށް އެ ޕާޓީން ބުނެފިއެވެ.
ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވީ، އެމްޑީޕީގެ މަގުމަތީ ޙަރަކާތްތައް ރަސްމީކޮށް މިހާރު ފެށިފައިވާ ކަމަށެވެ. އެގޮތަށް ނިންމީ އެމްޑީޕީގެ ޤައުމީ މަޖިލީހުންކަމަށް އަނަސް ވިދާޅުވިއެވެ.
އަނަސް ވިދާޅުވީ، މި ސަރުކާރުން އެތައް ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްކޮށްފައިވާއިރު، ރައްޔިތުންނަށް އެއިން އެއްވެސް ފައިދާއެއް ލިބިފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި ބަޖެޓުގެ ބޭނުން ހިފާފައިވަނީ ހަމައެކަނި ސިޔާސީ މުވައްޒަފުންނަށް ފައިސާ ދިނުމަށްކަމަށްވެސް އަނަސް ވިދާޅުވިއެވެ.
އަނަސް ވިދާޅުވީީ، އެމްޑީޕީން ބާއްވާ ހިނގާލުމަކީ ސުލްޙަވެރި ސިޔާސީ ޙަރަކާތެއް ކަމަށާއި، މި ޙަރަކާތް ވަރުގަދަކުރުމަށް ހުރިހާ ފަރާތްތަކަށްވެސް ދައުވަތު އަރުވާ ކަމަށެވެ. އެކަމުގައި އެކި ޕާޓީތަކާ މަޝްވަރާ ކުރަމުންދާކަމަށްވެސް އަނަސް ވިދާޅުވިއެވެ.
އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގައި ޙަރަކާތްތެރިވި ބައެއް މެމްބަރުންވެސް ދާދި ފަހުން ވަނީ އެ ޕާޓީއާ ގުޅިވަޑައިގެން، ސިޔާސީ ޙަރަކާތްތަކާ ގުޅިވަޑައިގެންފައެވެ. އަދި ޕާޓީގެ މަސައްކަތްތައް އަވަސްކޮށް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެ މެމްބަރުންނަށް އަޅާފައިވާ ތަފާތު އެކި ފިޔަވަޅުތައްވެސް މިހާރު ވަނީ އުވާލާފައެވެ.

