ކުދި ޖަޒީރާ ޤައުމުތަކުގައި އިޔާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމާ ގުޅޭ މަތީ ފެންވަރުގެ މަޝްވަރާއެއްގައި ރާއްޖޭގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނަރޖީ އޮނަރަބަލް ޠާރިޤް އިބްރާހީމް ބައިވެރިވެވެވަޑައިގެންފިއެވެ.
”ހައި-ލެވެލް ޑައިލޮގް އޮން ޓްރިޕްލިންގ އިމްޕެކްޓް އިން ސިޑްސް“ ގެ ނަމުގައި ބޭއްވުނު މި މަޝްވަރާގައި މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ އިޔާދަކުރަނިވި ހަކަތައާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ މުހިންމު ކަންތައްތަކެއް ފާހަގަކުރައްވާފައެވެ.
މިގޮތުން މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ ސިޔާސީ އިލްތިޒާމާއި، އައު ގޮތްތަކަށް ފައިނޭންސްކުރުމާއި، އަދި އިސްތިރާތީޖީ ގުޅުންތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މިއީ ކުދި ޖަޒީރާ ޤައުމުތަކުގައި އިޔާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އަވަސް ގޮތެއްގައި އިތުރުކުރުމަށް ކޮންމެހެން ބޭނުންވާ ކަންތައްތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްވަރާ ބޭއްވުނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ކަމަށްވާއިރު، މިއީ އިންޓަރނޭޝަނަލް ރިނިއުއަބަލް އެނަރޖީ އޭޖެންސީ (އައިރީނާ) ގެ 15 ވަނަ އަހަރީ ބައްދަލުވުމާ ގުޅިގެން ބޭއްވުނު ހަރަކާތެއްކަން ފާހަގަކޮށްލެވެއެވެ.
މި މުހިންމު މަޝްވަރާގައި ރާއްޖެ ތަމްސީލުކުރެއްވުމަކީ، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަނެއް ފިޔަވަޅެއް ކަމުގައި ބެލެވެއެވެ. އަދި މިކަމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަޑު އިތުރަށް އުފުލުމަށް ލިބުނު ފުރުޞަތެއް ކަމުގައިވެސް ދެކެވެއެވެ.

